ޔުނައިޓެޑުގެ ޑިރެކްޓާ އޮފް ފުޓްބޯލްގެ މަގާމަށް ޝައުގުވެރިވޭ: ޝުމައިކަލް
ޔުނައިޓެޑުގެ ޑިރެކްޓާ އޮފް ފުޓްބޯލްގެ މަގާމަށް ޝައުގުވެރިވޭ: ޝުމައިކަލް

މެންޗެސްޓާ (ޑިސެމްބަރު 24) – މެންޗެސްޓާ ޔުނައިޓެޑުން ޑިރެކްޓާ އޮފް ފުޓްބޯލްގެ މަގާމަށް މީހަކު ނަގަން ޖެހޭ ކަމަށާއި އެ މަގާމަށް އޭނާ އަކީ ރަނގަޅު ކެންޑިޑޭޓަކަށް ވާނެ ކަމަށް އެ ޓީމުގެ ކުރީގެ ގޯލްކީޕަރު ޑެންމާކުގެ ޕީޓާ ޝުމައިކަލް ބުނެފި އެވެ.

ޓްރާންސްފާގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ އޮންނަ ޑިރެކްޓާ އޮފް ފުޓްބޯލްގެ މަގާމެއް ޔުނައިޓެޑުގައި ނޯވެ އެވެ. ނަތީޖާތައް ދަށްވުމުން ކޯޗު ހޯސޭ މޮރީނިއޯ ވަކިކޮށްފައިވާއިރު، ބައެއް ސަޕޯޓަރުން އަންނަނީ ޑިރެކްޓަރެއް ގެންނަން ވެސް ގޮވާލަމުންނެވެ.

"އަހަރެން އަސްލުގައި ވެސް ވިސްނަމުން މި އަންނަނީ އަހަރެންގެ ނަން އެތަނަށް ލުމަށް،" ޝުމައިކަލް ބުންޏެވެ. "އަހަރެން ހަގީގަތުގައި ވެސް ބޭނުން ކޮންމެވެސް ހިސާބަކުން ފުޓްބޯޅައިގައި އަލުން އުޅެން ފަށަން. އަހަންނަށް އެނގޭ އަހަރެން މުސްކުޅިވަމުން އަންނަކަން. އެކަމަކު ފުޓްބޯޅައިން ރިޓަޔާކުރި ފަހުން އަހަރެންގެ ދިރިއުޅުން އެހެން ގޮތަކަށް ބަދަލުވެއްޖެ."

ޔުނައިޓެޑަށް 1991 އިން 1999 އަށް ކުޅުނު ޝުމައިކަލް އެންމެ ފަހުން ފުޓްބޯޅައިގެ ހަރަކާތަކުން ފެންނާނީ ރާއްޖޭންނެވެ. އެގޮތުން ހުކުރު ދުވަހު ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ބައިވެރިވެ އަދި އާދީއްތަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި އޮންނަ ގޯލްކީޕަރު އިމްރާން މުހައްމަދުގެ ވަދާއީ މެޗުގައި އޭނާ ކުޅޭނެ އެވެ.

ޝުމައިކަލް ވަނީ ޔުނައިޓެޑާ ޕްރިމިއާ ލީގު ފަސް ފަހަރު، އެފްއޭ ކަޕް ތިން ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. ޔުނައިޓެޑުގެ ވަގުތީ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަކީ އޭނާއާ އެކު އެދުވަސްވަރު ޔުނައިޓެޑަށް ކުޅުނު ފޯވާޑެކެވެ.

ޔުނައިޓެޑުގެ ޑިރެކްޓާ އޮފް ފުޓްބޯލްގެ މަގާމަށް އަތުވެދާނެ ކަމަށް ބެލެވޭ ފަރާތްތަކުގެ ތެރޭގައި ޓޮޓެންހަމް ހޮޓްސްޕާސް އާއި ސައުތުހެމްޓަންގެ ހެޑް އޮފް ރެކްރޫޓްމަންޓް ޕައުލް މިޗެލް ހިމެނެ އެވެ.

ޔުނައިޓެޑުގެ ޓްރާންސްފާގެ މަސައްކަތް މިހާރު ބޮޑަށް ބަލަހައްޓަނީ ކްލަބުގެ އެގްޒެކެޓިވް ވައިސް ޗެއާމަން އެޑް ވުޑްވަޑެވެ. ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކްލަބުގެ ގޮތުގައި އޮތް ނަމަވެސް ޔުނައިޓެޑަށް މަތީ ފަންތީގެ ކުޅުންތެރިން ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭ އެއް ސަބަބަކީ، އެކަމުގެ ތަޖުރިބާކާރެއް ނެތުމެވެ. މި ސީޒަނުގައި ވެސް ކޯޗު ހޯސޭ މޮރީނިއޯ ފަސް ޑިފެންޑަރުންގެ ލިސްޓެއް ދިން ނަމަވެސް އެކަން ކާމިޔާބެއް ނުކުރެވެ އެވެ.

ޑިރެކްޓާ އޮފް ފުޓްބޯލްގެ މަގާމް އިނގިރޭސި ވިލާތުގައި އެހާ އާއްމު ނޫނަސް ސްޕެއިނާއި އިޓަލީގައި ޒަމާނުއްސުރެ ހާއްސަ ޑިރެކްޓަރުން ތިބެ އެވެ. ފަހަކަށް އައިސް ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ފާހަގަކުރެވުނު ޑިރެކްޓަރަކީ ޔުވެންޓަސް ދޫކޮށް ދާދި ފަހުން އިންޓައާ ހަވާލުވި އިޓަލީގެ ޖިސެއްޕޭ މަރޯޓާ އެވެ. މަރޯޓާ ފާހަގަކުރެވެނީ ކުޑަ އަގަކަށް މޮޅު ކުޅުންތެރިން ގެންނަ ޑިރެކްޓަރެއްގެ ގޮތުގަ އެވެ. އެގޮތުން އަންދްރޭ ޕިރްލޯ، ޕައުލް ޕޮގްބާ، ސާމީ ކެދީރާ އަދި އާޓޫރޯ ވިޑާލް ގަތުމަށް އޭނާ ހޭދަކުރީ 12 މިލިއަން ޔޫރޯ އެވެ. ފަބިއޯ ކުއަގްލިއަރެއްލާ، އަލެސަންދްރޯ މަޓްރީ އަދި އަލްބާޓޯ އަކުއިލާނީ މެން ފަދަ ކުޅުންތެރިން ގެނެސް އޭނާ ފެށި މަސައްކަތުގައި ކޮންމެ ސީޒަނެއްގައި މަޑުމަޑުން ވަރުގަދަކުރަމުން އޭނާ މިހާރު ވަނީ ޔުވެންޓަސް، ޔޫރަޕުގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރަށް ހަދައިފަ އެވެ.