ޕީއެސްޖީން ނޭމާ ނުވަތަ އެމްބާޕޭ ވިއްކާލަނީ
ޕީއެސްޖީން ނޭމާ ނުވަތަ އެމްބާޕޭ ވިއްކާލަނީ

ޕެރިސް (ޑިސެމްބަރު 24) - ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ހިލާފުވެފައިވާތީ ޕީއެސްޖީ އަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު އޮތުމުން އެ ޓީމުގެ ދެ ތަރިންގެ ކަމަށްވާ ނޭމާ އާއި ކިލިއަން އެމްބާޕޭގެ ތެރެއިން އެއް ކުޅުންތެރިއަކު ވިއްކާލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަންނަ އަހަރުގެ ސީޒަން ފެށުމުގެ ކުރިން (އޮގަސްޓް) ޕީއެސްޖީން އެ ޓީމުގެ ބަޖެޓަށް 170 މިލިއަން ޔޫރޯ (193 މިލިއަން ޑޮލަރު) އިތުރުކުރަން ޖެހެ އެވެ. އެކަން ކުރަން ޖެހެނީ އެ ޓީމަށް މިހާރު ކުރަމުން އަންނަ ހަރަދުގެ ތެރެއިން ކަމަށްވާއިރު، ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީގެ ބޯޑުން ނިންމާފައިވަނީ ނޭމާ ނޫނީ އެމްބާޕޭ ވިއްކާލާށެވެ.

މިދިޔަ އަހަރު ޕީއެސްޖީން ނޭމާ ގަތީ ބާސެލޯނާ އަށް 252 މިލިއަން ޑޮލަރު ދެއްކުމަށް ފަހު އެވެ. އަދި ލޯން އެއްބަސްވުމެއްގެ ދަށުން މޮނާކޯ އިން އެމްބާޕޭ ގެނައީ ދެ އަހަރުގެ ތެރޭގައި 193 މިލިއަން ޑޮލަރު ދޭން އެއްބަސްވެގެންނެވެ. އެ އެއްބަސްވުމުގައިވާ ގޮތުން އަންނަ އަހަރަށް އެމްބާޕޭ އަށް ދޭން ޖެހޭ ފީ އެއްކޮށް ޕީއެސްޖީން ދައްކަން ޖެހެ އެވެ. އެކަމަކު ޕީއެސްޖީ އަށް އޮތް ހުރަހަކީ އެމްބާޕޭ އަށް އެ އަގު އެއްކޮށް ދީފިނަމަ އަންނަ އަހަރު އެފްއެފްޕީ ގަވާއިދުގައި ބުނާ ވަރަށް އެ ޓީމުގެ ބަޖެޓް ބެލެންސް ކުރެވޭ ގޮތް ނުވުމެވެ.

ޔުއެފާ އިން މިހާރު ބަލަމުން އަންނަ މައްސަލައިގައި ޕީއެސްޖީގެ މައްޗަށް އެންމެ ބޮޑަށް ތުހުމަތުކުރަނީ ގަވާއިދާ ހިލާފަށް ކްލަބަށް ގަތަރުގެ އެކި ވިޔަފާރިތަކުން ފަންޑް ބޭނުންކުރާ މައްސަލަ އެވެ. މި އަހަރު ނިމުމުގެ ކުރިން ޔުއެފާ އިން ޕީއެސްޖީގެ މައްސަލަ އެއްކޮށް ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ދާދި ފަހުން ފްރާންސްގެ ނޫހެއް ކަމަށްވާ ލެކިއުޕޭ އިން ޕީއެސްޖީ އަށް އެފްއެފްޕީއާ ހިލާފުވެފައިވާތީ ފިޔަވަޅު އަޅާ ވާހަކަ ރިޕޯޓްކުރިއިރު، ޕީއެސްޖީން ނޭމާ ނޫނީ އެމްބާޕޭ ވިއްކާލަން ނިންމާފައިވާ ކަމަށް އެ ކްލަބްގެ އޮފިޝަލަކާ ހަވާލާދީ ވަނީ ރިޕޯޓްކޮށްފަ އެވެ. އެ މައްސަލަ ހޫނުވެ ފަހަކަށް އައިސް ޕީއެސްޖީން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ލެކިއުޕޭގެ ނޫސްވެރިން ނުވައްދަ އެވެ. އެކަމާ ބެހޭގޮތުން ޕީއެސްޖީން ބުނީ އެ ކްލަބުން ލެކިއުޕޭ އަށް އެއްބާރުލުން ނުދޭން ނިންމީ އެ ޓީމާ ބެހޭގޮތުން މަސްލަހަތު ގެއްލޭގޮތަށް ހަބަރުފަތުރާތީ އެވެ.

ބްރެޒިލްގެ ތަރި ނޭމާ ހޯދަން އޭނާގެ ކުރީގެ ކްލަބް ބާސެލޯނާ އިން ވެސް މަސައްކަތްކުރާކަމަށްވެ އެވެ. އެކަމަކު އޭނާ ހޯދުމުގެ މަސައްކަތް އެންމެ ބޮޑަށް ކުރަމުން އަންނަނީ ބާސެލޯނާގެ ވާދަވެރި ކްލަބް ރެއާލް މެޑްރިޑުންނެވެ. އެމްބާޕޭ އަށް އެންމެ ޝައުގުވެރިވާ ޓީމަކީ ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ އެވެ.