24 ޑިސެމްބަރ 2018 - 09:28

ލިވަޕޫލް (ޑިސެމްބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގެ ފޭވަރިޓުންގެ ގޮތުގައި އެންމެ ފުރަތަމަ ގުނަން ޖެހޭނީ މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް ކަމަށް ލީގުގެ ތިން ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.
ލީގުގައި މިހާތަަނަށް މެޗަކުން ބަލިނުވެ ލީގުގެ އެއް ވަނައިގައި 18 މެޗުން 48 ޕޮއިންޓާ އެކު އޮތީ ލިވަޕޫލް އެވެ. ދެ ވަނައިގައި އޮތް ސިޓީ އަށް 18 މެޗުން ވަނީ 44 ޕޮއިންޓް ލިބިފަ އެވެ. ރޭ އެވަޓަން އަތުން 6-2 އިން ހޯދި މޮޅާ އެކު ޓޮޓެންހަމް ވަނީ ސިޓީއާ ދެ ޕޮއިންޓަށް ގާތްކޮށްފަ އެވެ. ޓޮޓެންހަމަށް ވަނީ 18 މެޗުން 42 ޕޮއިންޓް ލިބިފަ އެވެ.
"އަހަރެމެންނަކީ ލީގަށް ވާދަކުރާ ޓީމެކޭ ބުނަން އަދި ވަރަށް ގިނަ ކަންތައް ކުރަން ޖެހޭ. އަހަރެންގެ ނަޒަރުގައި ލީގުގެ ފޭވަރިޓުންނަކީ ސިޓީ އާއި ލިވަޕޫލް. އަހަރެމެން ވެސް އެ ހިސާބަށް ދާން މަސައްކަތް މި ކުރަނީ،" ރޭގެ މެޗަށް ފަހު ޕޮޗެޓީނޯ ބުންޏެވެ.
އެވަޓަން ދަނޑުގައި ކުޅުނު މެޗުގައި ޓޮޓެންހަމްގެ ސޮން ހެއުން މިން އާއި ހެރީ ކޭން، ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަނެއް ދެ ގޯލު ކާމިޔާބުކުރީ ކްރިސްޓިއަން އެރިކްސެން އާއި ޑެލެ އަލީ އެވެ. އެވަޓަންގެ ލަނޑުތައް ކާމިޔާބުކުރީ ތިއޯ ވަލްކޮޓާއި ގިލްފީ ސިގަޑްސަން އެވެ.
ޓޮޓެންހަމުން އެންމެ ފަހުން ލީގު ހޯދީ 1961 ވަނަ އަހަރު އެވެ. ޕޮޗެޓީނޯ ބުނީ ފުޓްބޯޅައިގައި ކަންތައްތައް ބަދަލުވާނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެން ކަމަށެވެ.
"ތެދެއް ޓޮޓެންހަމުން ލީގު ކާމިޔާބުނުކުރާތާ ގިނަ އަހަރުތަކެއްވެއްޖެ. ކާމިޔާބީ ހޯދުމަކީ ވަރަށް ބައިވަރު މަސައްކަތްތަކެއްގެ ނަތީޖާ. މި ޓީމުގައި މިހާރު މި ތިބި ކުޅުންތެރިންނަކީ މުސްތަގުބަލު އޮތް ކުޅުންތެރިން. އަހަރެން ބޭނުން މި ކުޅުންތެރިން ކާމިޔާބު ހޯދާ މަންޒަރު ބަލަން،" ޕޮޗެޓީނޯ ބުންޏެވެ.
އަންނަ ސީޒަނުގައި ޓޮޓެންހަމުން ޕޮޗެޓީނޯ ނުފެންނާނެ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ. ރޭގެ މެޗަށް ފަހު ޔުނައިޓެޑާ ގުޅުވައިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޕޮޗެޓީނޯ އެކަށީގެންވާ ޖަވާބެއް ނުދެ އެވެ.