23 ޑިސެމްބަރ 2018 - 23:43

އަންނަ އަހަރުގެ އޭޕްރީލްގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ޓިކެޓުގައި ހުރިހާ ދާއިރާ އަކަށް ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން މިރޭ ހުޅުވާލައިފި އެވެ.

އެ ފުރުސަތު ހުޅުވައިލަން ނިންމީ މިއަދު ހަވީރު ބޭއްވި ޖޭޕީގެ ކައުންސިލް ބައްދަލުވުމުގަ އެވެ.
ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޔާސަތު ބެލެހެއްޓެވި އެ ބައްދަލުވުމުގައި ނިންމީ ޖޭޕީގެ މެމްބަރުންގެ ތެރެއިން، އޭޕްރީލް 6 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މީހުން އަންނަ ޖެނުއަރީ 25 ގެ ނިޔަލަށް އެކަމަށް އެދި ޖޭޕީ އަށް ހުށަހެޅުމަށެވެ.
ޖޭޕީގެ ޓިކެޓުގައި މަޖިލިހުގެ އިންތިޚާބަށް ހުރިހާ ދާއިރާ އަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލި ނަމަވެސް ޓިކެޓު ދޭނެ މީހުން ކަނޑައަޅާނީ ފަސް މެމްބަރުންގެ ކޮމިޓީ އަކުން ކަމަށް ގާސިމް ވަނީ މިއަދުގެ ބައްދަލުވުމުގައި ވިދާޅުވެފަ އެވެ. އެ ކޮމިޓީން މައިގަނޑު ގޮތެއްގައި ބަލަނީ ކެންޑިޑޭޓުންގެ ގާބިލް ކަމެވެ. ޖޭޕީގެ ޓިކެޓުގައި މަޖިލިހުގެ އިންތިޚާބަށް ހުށަހެޅުމުން އެ މީހުންނަށް ޓިކެޓު ދޭނެ އުސޫލެއް އެ ޕާޓީއަކުން އަދި ހާމައެއް ނުކުރެ އެވެ.
ކައުންސިލް ބައްދަލުވުމަށް ފަހު ގާސިމް "މިހާރު" އަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލި ކަމަށް ވިޔަސް، އެ ޕާޓީން ވާދަކުރާނެ ދާއިރާއެއް އަދި ވަކި ދާއިރާއެއް ދޫކޮށްލުމާ ގުޅޭ ގޮތުން އެއްވެސް ނިންމުމެއް މިހާތަނަށް ނިންމާފައި ނުވާ ކަމަށެވެ. އަދި މަޖިލިސް އިންތިޚާބުގައި ޖޭޕީން ވާދަކުރާނެ ދާއިރާތައް ކަނޑައަޅާނީ ކުރިމަތިލާ މީހުންނަށް ބެލުމަށް ފަހު ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބަލާނަން އެ ދާއިރާ އަކަށް ކުރިމަތިލާ މީހަކީ ތައުލީމީ ގޮތުންނާއި އެހެނިހެން ގޮތް ގޮތުން ކޮން ކަހަލަ މީހެއް ކަމާއި އެ މީހަކަށް ޓިކެޓު ދީގެން އިންތިޚާބު ކުރެވޭނީ ކިހާ މިންވަރަކަށްތޯ، މިފަދަ ކަންކަން ބަލާފައި އެންމެ ރަނގަޅު ބަޔަކަށް ޓިކެޓު ދިނުމަށް ހަމަޖެހިފައި ވަނީ. ކޮންމެކޮންމެ މީހަކަށް ޓިކެޓު ނުލިބޭނެ،" ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެއްވެސް ދާއިރާއެއްގެ ޓިކެޓު ދިނުމަށް ޕްރައިމަރީއެއް ބާއްވަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ކަން ވެސް ކަނޑައަޅާނީ ފަސް މެމްބަރުންގެ ކޮމިޓީން ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް ވިދާޅުވި ގޮތުގައި، މަޖިލިހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިން ކަނޑައެޅި މެމްބަރުންގެ ތެރެއިން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި ބޭފުޅުންނަށް އެ ޕާޓީގެ ޓިކެޓު ދިނުމަކީ ގާސިމްގެ ވައުދެކެވެ. އެހެންވެ، އެ މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ކަށަވަރުވާނެ ކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ.
މިހާރުގެ ސަރުކާރުގެ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީ ފިޔަވައި އެންމެ ބާރުގަދަ އަދި ދެވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީ ޖޭޕީގެ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި އިތުރު ކަމެއް ނުނިންމާ ކަމަށް އެ ޕާޓީން ބުނެ އެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން މަޖިލިހުގެ އިންތިޚާބުގައި ގުޅިގެން ވާދަކުރުމާ މެދު ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ. އެ ކޯޅުންގަނޑު ފެށުނީ ކުރިން އެއްބަސްވި ގޮތާ ޚިލާފަށް މަޖިލިހުގެ ހުރިހާ ދާއިރާ އަކަށް ވާދަކުރުމަށް އެމްޑީޕީން އިސްވެ ނިންމުމުންނެވެ. އެމްޑީޕީން ނިންމާފައި ވަނީ ފ. ނިލަންދޫ ދާއިރާ ފިޔަވައި މަޖިލިހުގެ ހުރިހާ ދާއިރާ އަކަށް ވާދަކުރުމަށެވެ.
ކޯލިޝަންގެ ހަތަރު ލީޑަރުންނާ އެކު މިދިޔަ ބުރާސްފަތި ދުވަހު ބޭއްވެވި ބައްދަލުވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ އެ ކޯލިޝަނުން ގުޅިގެން މަޖިލިހުގެ އިންތިޚާބުގައި ވާދަކުރުމާ މެދު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެކަމަކު، ރައީސް ވިދާޅުވީ ކޯލިޝަންގެ ޕާޓީތަކުން ގުޅިގެން މަޖިލިހުގެ އިންތިޚާބުގައި ވާދަކުރުމާ މެދު ގޮތެއް ނުނިމޭ ކަމަށާއި އެކަމަށްޓަކައި އިތުރު ބައްދަލުވުންތައް ކުރިއަށް ދާނެ ކަމަށެވެ.
ޖޭޕީގެ ލީޑަރު ގާސިމް މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ މަޖިލީހުގެ ހުރިހާ ގޮނޑިއަކަށް ވާދަކުރަން ޖެހިއްޖެ ނަމަ އެގޮތަށް ކަންތައް ކުރަން އެ ޕާޓީ ވެސް ފަސް ނުޖެހޭނެ ކަމަށެވެ. މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ކުނޫޒްގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ޖޭޕީ މަޑުން އޮތީ ވާދަކުރަން ނުކެރިގެން ނޫން ކަމަށެވެ.
ގާސިމް އެ ރޭ ވިދާޅުވި ގޮތުގައި ޖޭޕީ މަޑުކުރަނީ ކޯލިޝަނެއްގައި މަސައްކަތް ކުރާތީ، އެ ވިސްނުމާ އެއްގޮތަށް ގެންދަން ބޭނުންވާތީ އެވެ. ނަމަވެސް ވިދާޅުވީ ޖޭޕީގެ ކެތްތެރި ކަމަށް ވެސް ނިމުން އަންނާނެ ކަމަށެވެ.
މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ބަޔަކު ކަނޑައެޅުމުގެ ޕްރައިމަރީ އަންނަ މަހުގެ 18 ގައި ބާއްވަން ވަނީ ނިންމައިފަ އެވެ. އެ ޕްރައިމަރީ އަށް 280 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖެނުއަރީ ފަހުކޮޅުގައި ހުޅުވައިލުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.