ހުރިހާ ސްކޫލެއްްގައި ހެނދުނުގެ ނާސްތާ ދޭން ފަށާނީ ދެވަނަ ޓާމްގައި
ހުރިހާ ސްކޫލެއްްގައި ހެނދުނުގެ ނާސްތާ ދޭން ފަށާނީ ދެވަނަ ޓާމްގައި

އަންނަ ދިރާސީ އަހަރުގެ ދެވަނަ ޓާމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދަރިވަރުންނަށް ދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިރޭ ވިދާޅުވެއްޖެ އެވެ.

ހުރިހާ ސްކޫލެއްްގައި ހެނދުނުގެ ނާސްތާ ދޭން ފަށާނީ ދެވަނަ ޓާމްގައި
ހުރިހާ ސްކޫލެއްްގައި ހެނދުނުގެ ނާސްތާ ދޭން ފަށާނީ ދެވަނަ ޓާމްގައި

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓާ ގުޅޭގޮތުން ބެލެނިވެރިންނާއި އާންމުންގެ ޚިޔާލު ހޯދަން މިރޭ އަމީނިއްޔާ ސްކޫލްގައި ބޭއްވި ފޯރަމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ޓާމްގައި 25 ސްކޫލެއްގައި ނާސްތާ ދޭން ފަށަނީ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި އެކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ. ފުރަތަމަ ޓާމްގައި އެ ޕްރޮގްރާމުން ފާހަގަވާ ކަންކަން އިސްލާހު ކުރުމަށް ފަހު، އަންނަ އަހަރުގެ ދެވަނަ ޓާމްގައި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ދަރިވަރުންނަށް ނާސްތާ ދޭން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އުފާވެރި ޚަބަރަކީ އަޅުގަނޑުމެންނަށް މުޅި ރާއްޖެއަށް މި ޕްރޮޮގްރާމް ފަތުރާލެވޭނެ ދެވަނަ ސެމިސްޓާގައި. އެއީ ޖޫން މަސް ހާތާނގައި ހުރިހާ ސްކޫލަކަށް މި ޕްރޮގްރާމް ފަތުރާލެވޭނެ." މިނިސްޓަރު އައިޝަތު ވިދާޅުވި އެވެ.

ފުރަތަމަ ޓާމްގައި ނާސްތާ ދޭން ފަށާ ސްކޫލްތަކުގައި ބޭނުން ކުރާނެ 10 މެނޫއެއް ކުރިން އިއުލާން ކޮށްފައި އޮތަސް، މިނިސްޓަރު ވިދާޅުވި ގޮތުގައި އެކި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާތަކަށް ފަހު މެނޫތަކަށް އިތުރު ބަދަލުތައް ދަނީ ގެންނަމުންނެވެ. މިހާރު ހުރި މެނޫތަކަކީ ވެސް ކަމާބެހޭ ފަރާތްތަކުގެ ލަފައާ އެކު އެކުލަވާލާފައިވާ މެނޫތަކެއް ކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ކަމާބެހޭ މާހިރުންގެ ލަފައާ އެކު ގެންނަން ޖެހޭ ބަދަލުތައް މެނޫއަށް ގެންނާނެ އެވެ.

"އިތުރު މެނޫތައް އަންނާނެ. އަދި ތި ބޭފުޅުންގެ ޚިޔާލުތަކާ އެކު އަޅުގަނޑުމެން އިތުރު ކޮށްފިން ދޮންކޭލާއި ކިރާއި ބިހާއިި މިކަހަލަ އެއްޗެހި މެނޫތަކަށް އިތުރު ކުރެވެމުން މިދަނީ." އައިޝަތު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ނާސްތާ ތައްޔާރު ކުރާނެ ފަރާތެއް ހަވާލު ކުރުމުގައި އެންމެ އިސްކަމެއް ދޭނީ ދަރިވަރުންނަށް ދޭ ކާބޯތަކެތީގެ ރައްކާތެރިކަން ހިފެހެއްޓުމަށް ކަމަށެވެ. އަދި ނާސްތާ ތައްޔާރުކޮށް ދިނުމަށް ސްކޫލްތަކުގެ ޕީޓީއޭ ނުވަތަ ރަށު ފެންވަރުގެ އެހެން ފަރާތްތަކަށް ވެސް ފުރުސަތު އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހަމައެކަނި ކޮންޑިޝަންއަކީ އަޅުގަނޑުމެެން މިދަންނަވާ ފެންވަރުގެ ސްޓޭންޑަޑް ހިފެހެއްޓުމަށްޓަކައި އެވަރުގެ ބަދިގެއެއް ހުރުން. އެހެންވީމަ މި ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގެ ކުދި މުޖްތަމައުތަކުގައި ތިބޭ ފަރާތްތައް ބާރުވެރި ކުރެވި، އިތުރު ބިޒްނަސްއެއް ގޮތަށް ވެސް މިކަން ގެންދެވިދާނެ." މިނިސްޓަރު އައިޝަތު ވިދާޅުވި އެވެ.

އެ ފޯރަމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ރަޝީދު ވިދާޅުވީ އެ ޕްރޮގްރާމްގެ ހަމައެކަނި ބޭނުމަކީ ދަރިވަރުންނަށް ނާސްތާ ފޯރުކޮށްދިނުން އެކަނި ނޫން ކަމަށާއި އޭގެ އިތުރަށް އިޖްތިމާއީ ގޮތުން ކުދިންނަށް ދަސްވާންޖެހޭ ކަންކަން ދަސްކޮށް ދިނުމަކީ ވެސް އެ ޕްރޮގްރާމްގެ އެއް މަގްސަދު ކަމަށް އަބްދުﷲ ވިދާޅުވި އެވެ. އަދި އެ ޕްރޮގްރާމްގެ ކުރިއަށް އޮތް ތަނުގައި ކުރިއަށް ގެންދާނީ ފުރަތަމަ ޓާމްގެ ތަޖްރިބާއަށް ބަލައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ޕްރޮގްރާމް ކުރިއަށް ގެންދާނީ ގާތްގަނޑަކަށް ރިސާޗެއް ވެސް ކުރިއަށް ގެންދެވޭ ގޮތަށް. އެހެންވީމަ ޕައިލެޓް ކުރެވޭ ސްކޫލްތަކުގެ ކުދިން ވެސް ފުރަތަމަ ސެމިސްޓާގައި އެ ކުދިންގެ މިހާރުގެ އިސްކޮޅާއި ބަރުދަނާއި އެކަންތައްތައް ބެލޭނެ. އަދި މުޅި ރާއްޖެއަށް އެކަން އާންމު ކުރެވިގެން ދާއިރު ވެސް މިކަންކަން ބެލިގެންދާނެ." އަބްދުﷲ ވިދާޅުވި އެވެ.

ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ވައުދެކެވެ. ފުރަތަމަ ޓާމްގައި ނާސްތާ ދޭނެ ސްކޫލްތައް ކަނޑައަޅައި، މެނޫތައް އިއުލާން ކުރުމުގެ އިތުރުން އެކަމުގައި އާންމުންގެ ޚިޔާލަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން މިހާރު އޮތީ ހުޅުވާލައިފަ އެވެ.