ވޮލީގެ އަތޮޅު މުބާރާތެއް އަންނަ އަހަރު ބާއްވަނީ
ވޮލީގެ އަތޮޅު މުބާރާތެއް އަންނަ އަހަރު ބާއްވަނީ

އަންނަ އަހަރު މުޅި ރާއްޖެ އަށް ހުޅުވާލައިގެން އަންހެން އަދި ފިރިހެން އަތޮޅު ވޮލީބޯޅަ މުބާރާތެއް ބޭއްވުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފި އެވެ.

ވޮލީގެ އަތޮޅު މުބާރާތެއް އަންނަ އަހަރު ބާއްވަނީ
ވޮލީގެ އަތޮޅު މުބާރާތެއް އަންނަ އަހަރު ބާއްވަނީ

ވީއޭއެމްގެ އަންނަ އަހަރުގެ ކަލަންޑަރު އިއުލާންކުރުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަަކަ ދައްކަވަމުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ އޭނާ އެ އިދާރާގެ ރައީސްކަމަށް އިންތިހާބުވިއިރު މުޅި ރާއްޖެ އަށް ވޮލީ ފުޅާ ކުރުމުގެ ވައުދުވެވަޑައިގެންނެވި ކަމަށާއި އަންނަ އަހަރު އޭގެ އަމަލީ މަސައްކަތް ފެށުމަށް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ވޮލީގެ އަތޮޅު މުބާރާތެއް އަންނަ އަހަރު ބާއްވަނީ
ވޮލީގެ އަތޮޅު މުބާރާތެއް އަންނަ އަހަރު ބާއްވަނީ

"އަޅުގަނޑުމެން އަންނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން ވޮލީ މުބާރާތް ކުރިއަށްގެންދިއުމަށް މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާ އެކު އެކަން ކުރަމުން މިދަނީ. އިރާދަކުރެއްވިއްޔާ އަންނަ އަހަރު އަންހެން އަދި ފިރިހެން ޓީމުތަކަށް ހާއްސަ ކޮށްގެން އަތޮޅު މުބާރާތެއް ފެށޭނެ. މިއީ ވަރަށް ގިނަ ބަޔަކު ބޭނުންވާނެ ފަދަ މުބާރާތެއް. އެއީ ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ލިބޭނެ،" ލަތީފް ވިދާޅުވި އެވެ.

މި ވަގުތު ވިސްނުން ހުރީ އަތޮޅު މުބާރާތަށް ފަހު ހަ ޒޯނަކަށް ބަހާލައިގެން ބުރެއް ކުޅެ، އެ އަށް ފަހު ސެމީ ފައިނަލަށްދާ ހަތަރު ޓީމެއް ގައުމީ ވޮލީބޯޅަ ލީގަށް ކޮލިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށެވެ.

"މީގެ އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ރަށްތަކުގެ ޓީމުތަކަށް އެންމެ ބޮޑު މުބާރާތަށް ވެސް ކޮލިފައިވެވޭ ގޮތަށް ރާވަން. އެއީ މި މުބާރާތުގެ މަގްސަދަކީ ވެސް. މުޅި ރާއްޖޭގެ ބައިވެރިވުން މީގެ އިތުރުކުރުން. ރަނގަޅު ކުޅުންތެރިން ހޯދޭނެ ވެސް މަގެއް މިއީ،" ލަތީފް ވިދާޅުވި އެވެ.

އަތޮޅު މުބާރާތާ ގުޅޭ އެންމެ ފަހުގެ ނިންމުންތަކާ ބެހޭގޮތުން މިހާރު މަޝްވަރާ ކުރެވެމުން އަންނަ ކަމަށާއި ވަރަށް އަވަހަށް އެ މުބާރާތުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ވީއޭއެމުން ވަނީ ބުނެފަ އެވެ. މި މުބާރާތަކީ ރަށު ކައުންސިލާއި އަތޮޅު ކައުންސިލްގެ އިތުރުން ގިނަ ބަޔެއްގެ ބައިވެރިވުން އޮންނާނެ ގޮތަކަށް ކުރިއަށްދާ މުބާރާތަކަށްވާތީ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ހަމަޖައްސަން ބޭނުންވާ ކަމަށް ވީއޭއެމުން ވަނީ ބުނެފަ އެވެ.

އެތަނުން ވަނީ އަންނަ އަހަރު އިންޓަ ސްކޫލް ވޮލީބޯޅަ މުބާރާތް ވެސް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ބާއްވަން ނިންމައިފަ އެވެ. އެ ގޮތުން މާލެގެ އިތުރުން އެހެން ދާއިރާތަކެއްގައި މުބާރާތް ރޭވިގެން ކުރިއަށްދާނެ ކަމަށާއި އެކަން ކުރުމަށް ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

"އަޅުގަނޑުމެންގެ އެންމެ ފޯރިގަދަ އެއް މުބާރާތް އިންޓަ ސުކޫލް އަކީ. މީގެ ކުރިން މި އޮންނަގޮތުން މި މުބާރާތް މި އޮންނަނީ ހަމައެކަނި މާލޭގައި އޭގެ ސަބަބުން ވަރަށް ގިނަ ސްކޫލުތަކެއް ބާކީވޭ. އަޅުގަނޑުމެން މިހާރު ރާވާފައި މި އޮތީ ތިނެއް ނޫނީ ހަތަރު ވަރަކަށް ހިސާބަށް މި މުބާރާތް ފުޅާކުރަން. އެކަމާ ބެހޭގޮތުން އަޅުގަނޑުމެން މި އަންނަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ކައުންސިލްތަކާ މަޝްވަރާކުރަމުން،" ލަތީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަންނަ އަހަރަކީ ވޮލީބޯޅައިގެ ތާރީހުގައި ވެސް އެންމެ ގިނަ ހަރަކާތްތައް ރޭވިގެން ކުރިއަށްގެންދާނެ އަހަރު ކަމަށެވެ. އެ ގޮތުން ރާއްޖޭގެ ފެންވަރުގެ 20 މުބާރާތް ބާއްވަން ވަނީ ކަލަންޑަރުގައި ހިމަނައިފަ އެވެ.

- އެސޯސިއޭޝަން ކަޕް (އަންހެން) - ޖެނުއަރީ 1 އިން ފެބްރުއަރީ 2

- އިންޓަ ރިސޯޓް ވޮލީ (ފިރިހެން) - މާޗް 1 އިން 30 އަށް

- އިންޓަ ސްކޫލް (އަންހެން/ ފިރިހެން) - މާޗް، އޭޕްރީލް

- ޔޫތު ޗެމްޕިއަންޝިޕް (އަންހެން/ ފިރިހެން) - އޮގަސްޓް، ސެޕްޓެމްބަރު

- އެސޯސިއޭޝަން ކަޕް (ފިރިހެން) - ނޮވެމްބަރު 2 އިން 15 އަށް

- ގައުމީ ވޮލީބޯޅަ ލީގު (އަންހެން/ ފިރިހެން) - ޑިސެމްބަރު 1 އިން 15 އަށް

- ގައުމީ ވޮލީބޯޅަ މުބާރާތް (އަންހެން/ ފިރިހެން) - ޑިސެމްބަރު 15 އިން 30 އަށް

ވީއޭއެމުން މި ފަހަރު ވެސް ވަނީ އިންޓަ ކޮލެޖާއި ޔުނިވާސިޓީ މުބާރާތުގެ އިތުރުން ވެޓެރަންސް މުބާރާތްތަކެއް ވެސް ބާއްވަން ތާވަލްކޮށްފަ އެވެ. ރޯދަ މަހަށް ހާއްސަކޮށް މިދިޔަ އަހަރު ބޭއްވި މުބާރާތް ވެސް މި އަހަރު ބާއްވާނެ އެވެ. އަދި ވެޓެރެނަސް ކުޅުންތެރިންނަށް ހާއްސަކޮށްގެން މެއި މަހު މުބާރާތެއް ބޭއްވުމަށް ވަނީ ރާވައިފަ އެވެ.

ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މުހައްމަދު ޝާފީ ވިދާލުވީ އިންޓަ ރިސޯޓް މުބާރާތް އަހަރުގެ ކުރިއަށް ޖައްސާލީ އެއީ އެންމެ ފޯރިގަދަ އެއް މުބާރާތަށް ވުމުން ކަމަށާއި އެއީ ކުޅުންތެރިންނަށް ވެސް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެކަން ކުރެވެނީ ޓޫރިޒަމް މިނިސްޓްރީއާ ވެސް މަޝްވަރާ ކޮށްގެން ކުޅުންތެރިނަށް ފަސޭހަވާނެ ގޮތަށް ކަމަށް ބުންޏެވެ.

އަންނަ އަހަރަކީ ގައުމީ ވޮލީބޯޅަ ޓީމުތަކަށް ވެސް ގިނަ މުބާރާތްތަކެއް އޮތް އަހަރެކެވެ. އަހަރީ ކަލަންޑަރުގައި ގައުމީ ޓީމުތަކުގެ މެޗުތައް ހިމަނާފައިނުވަނީ އެ މުބާރާތްތަކުގައި ބައިވެރިވުމާ ބެހޭގޮތުން ކުޅިވަރާ ބެހޭ މިނިސްޓްރީއާ މަޝްވަރާކުރަން ޖެހޭތީ ކަމަށާއި ބަޖެޓް ހޯދުމުގެ ކަންތައްތަކާ އެކު މިނިސްޓްރީ އަށް އެސޯސިއޭޝަނުން ބައިވެރިވާން ބޭނުންވާ މުބާރާތްތައް ހުށަހަޅާފައިވާނެ ކަމަށް ވީއޭއެމުން ވަނީ ބުނެފަ އެވެ.