ޔޫތް މިނިސްޓްރީގެ "ހަފްތާ ރެސް" ހުކުރު ދުވަހު ފަށަނީ
ޔޫތް މިނިސްޓްރީގެ "ހަފްތާ ރެސް" ހުކުރު ދުވަހު ފަށަނީ

ހަފްތާ ބަންދަށް ހާއްސަ މާރުކޭޓާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް އެކުލެވޭ "ހަފްތާ ރެސް" އަންނަ ހުކުރު ދުވަހު ފަށަން ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 30 ދުވަހު ފުރިހަމަ ކުރުމަށް ވެފައިވާ ވައުދެކެވެ. އެކަމަކު ރައީސް ވެރިކަމަށް ވަޑައިގެންނެވިތާ މިދިޔަ ހޯމަ ދުވަހަށް މަހެއް ވީ ނަމަވެސް، މި ސަރުކާރުން ވައުދު ފުއްދަން ގުނަނީ ހަމައެކަނި ސަރުކާރު މަސައްކަތް ކުރާ ދުވަސްތަކެވެ.

ހަފްތާ ރެސްގެ ވިލަރެސް ކޮމިޓީގެ މެމްބަރު އަދި އެ މިނިސްޓްރީގެ ޔޫތު އޮފިސަރު އިސްމާއިލް ޝިހާބް ވިދާޅުވީ މި ހަރަކާތް ހުކުރު ދުވަހު ފަށާނީ ވަރަށް ކުލަގަދަކޮށް ކަމަށެވެ.

"ވަރަށް ގްރޭންޑް އޯޕެނިން އަކާ އެކު އަޅުގަނޑުމެން މި ކަންތައް ފަށާނީ،" އޭނާ ވިދާޅުވި އެވެ.

މާލެ ރަސްފަންނު ސަރަހައްދުގައި ކޮންމެ ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ހަރަކާތްތަކުގެ ތެރޭގައި ހުކުރު ދުވަހު ކުޑަކުދިންގެ ހަވީރެއް އޮންނާނެ އެވެ. ހަވީރު ހަތަރެއް ޖަހާއިރު ފަށާ މި ހަވީރުގައި ރާއްޖޭގެ ގާލް ގައިޑް އެސޯސިއޭޝަންގެ ބައިވެރިވުމާ އެކު ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ އެވެ. އިރުއޮއްސޭ ވަގުތަށް މެދުކަނޑާލުމަށް ފަހު ހަފްތާ ރެސްގެ ހަރަކާތްތައް ދެން ފަށާނީ ރޭގަނޑު 8:30-9:00 ޖަހާ ކަން ހާ އިރު، މިޔުޒިކް ޝޯ އަކުންނެވެ. ރޭގަނޑު 12:00 ޖަހާ އިރު ނިންމާލުމަށް ރާވާފައިވާ މި މިޔުޒިކް ޝޯގައި ބައިވެރިވުމަށް ބޮޑަށް ފުރުސަތު ދޭނީ މިދާއިރާ އިން ކުރިއަރަން ބޭނުންވާ އަލަށް ފަށާ ޒުވާނުންނަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ދާ ވަގުތު އެ ސަރަހައްދުގައި މާރުކޭޓެއް ވެސް ހުންނާނެ އެވެ. އެ މާރުކޭޓުން ޖާގަ ދޭން ހަމަޖައްސާފައި ވަނީ ނުކުޅެދޭ މީހުންނާއި، އަންހެނުންގެ ވިޔަފާރިތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް ޝިހާބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މާރުކޭޓުން ޖާގަ ދޭން މި ބަލަނީ ބޮޑެތި ވިޔަފާރިތަކުގެ ބަދަލުގައި އަމިއްލައަށް މަސައްކަތް ކުރާ މީހުންނަށް އިސްކަމެއް ދީގެން،" ޝިހާބު ވިދާޅުވި އެވެ.

އެ މާރުކޭޓުން ޖާގަ ލިބޭ މީހުން ގޮޅި ހަމަޖެއްސުމަށް ބޭނުންވާ މޭޒާއި، ކަރަންޓު ފަދަ ހުރިހާ އެއްޗެއް ދޭނީ މިނިސްޓްރީންނެވެ. އަދި މާރުކޭޓުގައި ބައިވެރިވާ މީހުންގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށް ވެސް ޝިހާބު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މާރުކޭޓަށް އަންނަ ވިޔަފާރިވެރިންގެ އަތުން އެއްވެސް ރަޖިސްޓްރޭޝަން ފައިސާއެއް ވެސް ނުނަގާނަން. އަޅުގަނޑުމެންގެ ހަމައެކަނި އެދުމަކީ އާންމުކޮށް ވިއްކާ އަގަށް ވުރެ ހެޔޮކޮށް މި މާރުކޭޓުގައި އެއްޗެހި ވިއްކުން،" ޝިހާބު ވިދާޅުވި އެވެ.

އެ މާރުކޭޓު މި ހަފްތާގައި ފަށަން ނިންމާފައި ވަނީ 64 ގޮޅީގެ ޖާގައާ އެކު ނަމަވެސް ފަހުން އެ އަދަދު 84 އަށް އިތުރު ކުރަން ރާވާފައިވާ ކަމަށް ޝިހާބު ވިދާޅުވި އެވެ. އަދި ކޮންމެ ހަފްތާ އަކު ވެސް އެ މާރުކޭޓުން ޖާގަ ލިބޭނީ އެންމެ ފުރަތަމަ ހުށަހަޅާ ފަރާތްތަކަށް ކަމަށާއި، ޖާގަ ފުރުމުން އެ މީހުންނަށް ދެން އަންނަ ހަފްތާ ބަނދުގެ މާރުކޭޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކޮންމެ ހޮނިހިރު ދުވަހެއްގައި މި ތަނުގައި މާރުކޭޓުގެ ހަރަކާތްތަކާއި ރޭގަނޑު މިއުޒިކް ޝޯތައް ވެސް ކުރިއަށް ދާނެ އެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި މާރުކޭޓު އަދި މިޔުޒިކް ޝޯގެ ސަބަބުން ޒުވާނުންނަށް އެ މީހުންގެ ހުނަރުތައް ދައްކާލެވޭނެ ޕްލެޓްފޯމެއް ބިނާވެގެން ދިޔުން،" ޝިހާބު ވިދާޅުވި އެވެ.