24 ޑިސެމްބަރ 2018 - 07:09

ދެރަވެފައި ހުރުމާއި ރުޅިގަދަވުން ފަދަ ނެގެޓިވް މޫޑު ހުރުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ބައްޔަކާ ދެކޮޅަށް ހަނގުރާމަކުރާތީ ދިމާވާ ކަމަކަށް ވެދާނެ ކަމަށާއި، އެހެންވެ ނެގެޓިވް މޫޑަކީ ސިއްހަތު ރަނގަޅު ނޫންކަން އަންގައިދޭ ނިޝާނަކަށް ވެދާނެ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ބްރެއިން، ބިހޭވިއާ، އެންޑް އިމިއުނިޓީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނީ ހަށިގަނޑުގައި އިންފްލެމޭޝަން އިތުރުވުމުން ނެގެޓިވް މޫޑު ތަޖުރިބާކުރަންޖެހުން އިތުރުވާކަން އެނގުނު ކަމަށެވެ. މީގެ ކުރީގެ ދިރާސާއެއްގައި ވެސް ޑިޕްރެޝަނާއި ދެކޮޅުވެރި ވިސްނުމަކީ އިންފްލެމޭޝަން މަތިވުމުގެ އަލާމާތެއް ކަމަށް ފާހަގަވެފައިވެ އެވެ.
އިންފްލެމޭޝަނަކީ ހަށިގަނޑުގެ ދިފާއީ ނިޒާމުން އިންފެކްޝަންތަކާއި ޒަޚަމްތައް އަދި ޓިޝޫ އަށް ލިބޭ ގެއްލުންތަކާ ގުޅިގެން އުފެދޭ ހަށިގަނޑުގެ ދިފާއީ މަސައްކަތުގެ ބައެކެވެ.
އަބަދު އިންފްލެމޭޝަން ހުރުމަކީ ސިއްހީ އެކި މައްސަލަތަކަށް މީހާ ހުށަހެޅޭ ކަމެކެވެ. އެގޮތުން ހިތުގެ ބަލިތަކާއި ހަކުރު ބަލި އަދި ކެންސަރަށް މަގު ފަހިވެ އެވެ.
ދިރާސާގައި ބުނީ މިއީ އިންފްލެމޭޝަނާ މޫޑާ ސީދާ ގުޅުން ހުރިކަން އެނގުނު ފުރަތަމަ ދިރާސާ ކަމަށެވެ. ދިރާސާގައި ބައިވެރިކުރި މީހުންގެ މޫޑަށް އަންނަ ބަދަލު ދެ ހަފުތާ ވަންދެން ބަލަމުން ގެންދިއުމަށް ފަހު، އެ މީހުންގެ ލޭ ޓެސްޓްކޮށް އިންފްލެމޭޝަން ހުރި މިންވަރު ދެނެގެންފައިވެ އެވެ. އެގޮތުން އެނގުނީ ނެގެޓިވް މޫޑާ އިންފްލެމޭޝަންގެ ގާތް ގުޅުމެއް ހުރި ކަމަށެވެ.