މޯޑު ހަތް ވަނަ އަށް، އަމިއްލަ ވަގުތު އަވަސްކުރި
މޯޑު ހަތް ވަނަ އަށް، އަމިއްލަ ވަގުތު އަވަސްކުރި

ރޭ ދަންވަރު ތައިލެންޑްގައި އޮތް ޗިއަން މާއީ މެރަތަންގެ ހާފު މެރެތަން ބައިން ވަނައަކަށް އުއްމީދުކޮށްގެން ދުވި ޒުވާން ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑު) އަށް، އޭނާގެ އަމާޒު ހާސިލްނުވެ އެކަމަކު ކުރީގެ ވަގުތަށް ވުރެ އަވަހަށް ނިންމައިފި އެވެ.

ނޭޕާލާއި ސްރީ ލަންކާގައި ތަމްރީން ހަދަމުން އަންނަ 27 އަހަރުގެ މޯޑު 21 ކިލޯމީޓަރުގެ ރޭސް ނިންމީ 1 ގަޑި 16 މިނިޓް 32 ސިކުންތުންނެވެ. އޭގެ ކުރިން ހާފް މެރެތަން އޭނާ އެންމެ ބާރަށް ދުވެފައި ވަނީ 1 ގަޑި 17 މިނިޓުންނެވެ.

މެޑެލްއެއް ހޯދުމުގެ އުއްމީދުގައި، ދިވެހި ސިފައިންގެ ކްލަބްގެ މޯޑު ރޭހުގައި ބައިވެރިވީ މިދިއަ އަހަރުގެ ރޭހުގައި ހާފް މެރަތަން ބައިން ވަނަ ލިބުނު ދުވުންތެރިންނަށް ވުރެ ރަނގަޅަށް މި ވަގުތު ދުވެވޭތީ އެވެ. މިދިއަ އަހަރު ޗިއަން މާއީގެ ހާފް މެރެތަންގެ އެންމެ މަތީ ތިން ވަނަ ހޯދި ދުވުންތެރިންގެ ވަގުތު ވެސް އުޅުނީ 1 ގަޑި 25 މިނިޓަށް ވުރެ ލަހުންނެވެ.

މުޅި ރޭހުން ހަތް ވަނަ އަށް ދިޔައަސް މޯޑަކީ 29 އަހަރުން ދަށުގެ ބައިން ފަސް ވަނަ އެވެ. އެހެންކަމުން އޭނާއަށް މެޑެލް އާއި ޓްރޮފީގެ އިތުރުން ފައިސާގެ އިނާމު ވެސް ލިބުނެވެ.

މޯޑާ އެކު ތަމްރީން ހަދަމުން އަންނަ ދިވެހި ސިފައިންގެ ކްލަބްގެ އެހެން ދުވުންތެރިއެއް ކަމަށްވާ ނަސްރުﷲ އަހުމަދު ވަނީ އެއް އަހަރުގެ ތެރޭގައި 13 މެރަތަން ޖަހައިގެން ރާއްޖޭގެ ރެކޯޑެއް ގާއިމްކޮށްފަ އެވެ. ރޭ އޮތް 42 ކިލޯމީޓަރުގެ ރޭސް އޭނާ ނިންމީ 3 ގަޑި 31 މިނިޓުންނެވެ.

މުޅި ރޭހަށް ބަލާާއިރު ނަސްރަކީ 2720 ދުވުންތެރިންގެ ތެރެއިން 85 ވަނަ އެވެ. އަދި އޭނާ ހިމެނުނު އުމުރުފުރައިގައި ދުވި 1115 ދުވުންތެރިންގެ ތެރެއިން 34 ވަނަ އެވެ.

މީގެ ކުރިން އަހަރެއްގެ ތެރޭގައި އެހެން ދިވެއްސަކު 13 މެރަތަން ޖެހިކަން އެނގިފައެއް ނެތެވެ. އަދި ހާއްސަކޮށް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް 13 ރޭސް ވެސް ނިންމުމަކީ، ދިވެހި އެހެން ދުވުންތެރިޔަކަށް އަދި ކުރެވުނު ކަމެއް ނޫނެވެ.

ޗިއަން މާއީ ރޭހުގައި ރާއްޖޭގެ ބައެއް އަންހެން ދުވުންތެރިން ވެސް ބައިވެރިވި އެވެ. އޭގެ ތެރޭގައި އެންމެ ގިނައިން މެރެތަން ޖަހާފައިވާ ދިވެހި އެއް ދުވުންތެރިޔާ ލީލާ އަހުމަދު ވެސް ހިމެނެ އެވެ. އޭނާ ރޭސް ނިންމީ 4:19 މިނިޓުންނެވެ. ލީލާ ދުވި 40-49 އަހަރުގެ ދުވުންތެރިންގެ ބައިގައި ވާދަކުރި 130 ދުވުންތެރިންގެ ތެރެއިން އޭނާގެ މަގާމަކީ 20 ވަނަ އެވެ.