23 ޑިސެމްބަރ 2018 - 11:56

ވިކްޓްރީ ސްޕޯޓްސް ކްލަބް އޮތީ ވިއްސަކަށް ކުޅުންތެރިންނަށް 1.5 މިލިއަން ރުފިޔާ ދަރާފައި ކަމަށާއި އަމާޒަކީ ދަރަނިވެރިނުވެ ކްލަބް ހިންގުން ކަމަށް އާ ޗެއަމަން ޑރ. އިބްރާހިމް ނާޝިދު (ނާޝް) ވިދާޅުވެއްޖެ އެވެ.
އެއީ މި އަހަރު އެ ޓީމަށް ކުޅުނު ކުޅުންތެރިންނަށް ނުދީ އޮތް މުސާރަ އެވެ. އެވަރުގެ ބޮޑު ދަރަންޏެއް އޮތީ، ސަރުކާރު ކުންފުނިތައް މެދުވެރިކޮށް އެފްއޭއެމުން ކްލަބަށް ދިން ފައިސާ ވެސް ލިބިފައި އޮއްވަ އެވެ. އެހެންވެ އެފްއޭއެމުން ވެސް ބުނީ ކްލަބް އެ ހާލަތަށް ވެއްޓުނީ ނުހިންގިގެން ކަމަށެވެ.
މުސާރައިގެ މައްސަލަ ދިމާވެ ވިކްޓްރީން މި ސީޒަނުގައި ދެ މެޗަށް ހާޒިރެއް ވެސް ނުވެ އެވެ. އެ ހާލަތުގައި އޮއްވާ، ޗެއާމަން މުހައްމަދު އިސްމާއިލާއި ވައިސް ޗެއާމަން އަލީ އާރިފް މިދިޔަ އޮކްޓޯބަރު މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ކްލަބުގެ ހިންގުމުގެ އޮނިގަނޑު ބަދަލުކުރައްވާނެ ކަމުގެ ވައުދާ އެކު ކްލަބާ ރޭ ހަވާލުވެވަޑައިގެންނެވި ނާޝިދު ވިދާޅުވީ އެއް ވިސްނުމަކީ ކުންފުންޏެއްގެ ގޮތުގައި ކްލަބުން ހިންގުން ކަމަށެވެ. ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ގޮތުގައި ކްލަބުގެ ބޯޑު އޮވެފައި ހިއްސާދާރުންގެ ގޮތުގައި ކްލަބުގެ މެމްބަރުންނާއި ސަޕޯޓަރުން ތިބޭނެ ކަމަށް ވިދާޅުވި އެވެ.
"ދަރަނި ވަރަށް ބޮޑު. ދަރަނިވެރި ނުވެ ކްލަބް ހިންގަން ބޭނުންވަނީ،" ނާޝިދު ވިދާޅުވި އެވެ.
ވިކްޓްރީގެ ވިއްސަކަށް ކުޅުންތެރިންނަށް 1.5 މިލިއަން ރުފިޔާ ދަރާ އޮތްއިރު އެ ކުޅުންތެރިން ކޮންމެ ދުވަހަކު ޓީމާ އެކު ޕްރެކްޓިސްކުރަނީ އެންމެ ދެ ގަޑިއިރެވެ. ނާޝިދުގެ ވިސްނުންފުޅަކީ ކުޅުންތެރިންނަކީ އެއަށް ވުރެ ގިނަ ވަގުތު ކްލަބަށް ދޭ ކުޅުންތެރިންނަށް ހެދުމެވެ.
"(އަންނަ އަހަރު) ޓާގެޓްކުރަނީ ޅަ ޓީމެއް ބިނާކޮށްފައި ބަޖެޓުގެ ތެރެއިން ހިންގަން،" ނާޝިދު ވިދާޅުވި އެވެ. "ވިކްޓްރީއޭ ބުނީމަ ދަނޑަށް އަރަން ބިރު ގަންނަން ބިރު ގަންނަ ހިސާބެއްގައި މި ކްލަބް ކުރިން އޮތީ. އެ ހިސާބަށް ގެންދެވިދާނެ."
އަދި ވިކްޓްރީ އަކީ އަނެއްކާ ވެސް ކުޅުންތެރިން އުފައްދާ ޓީމަކަށް ބަދަލުކޮށް އަދި ވިކްޓްރީ ކުޅުންތެރިން ނެތި ގައުމީ ފުޓްބޯޅަ ޓީމު ހަމަނުޖެއްސޭ ފެންވަރުގެ ޓީމަކަށް ބަދަލުކުރަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ދަށުން އެހެން ކުޅިވަރުތަކުގައި ވާދަކުރާނެ ޓީމުތަކެއް އަލުން އެކުލަވާލާނެ ކަމަށާއި މިހާރު އޮތީ "ވިކްޓްރީ ފުޓްބޯލް ކްލަބަ"ށް ބަދަލުވެފައިކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެއީ މާ އުނދަގުލަކާ ނުލާ ކުރެވިދާނެ ކަންކަން. ޕްލޭނެއް އެބައޮތް. ޕްލޭނުގެ ވާހަކަ ދެކެވިއްޖެ. މިއީ އެކަން ކުރަންވީ ވަގުތު. ހިތްވަރުލާފައިކުރަންވީ. މީގެ ކުރިން އެބަހުރި ކޯރަމް ހަމަނުވެގެން ބޯޑު ބައްދަލުވުން ނުބޭއްވިފައި. އެއީ ކްލަބަށް އިސްކަންދެވޭ ވަރަކީ. މި ފަހަރު އަޅުގަނޑު އެކަނި ވިޔަސް ކުރާނަން،" ނާޝިދު ވިދާޅުވި އެވެ.
ނާޝިދުގެ ބައްޕަ ކެނެރީ އަބްދުއްސައްތާރަކީ ވިކްޓްރީ އަށް ހަރަދުކުރައްވައި އެ ކްލަބް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ހާއްސަކޮށް ވިކްޓްރީގެ ކްރިކެޓް ޓީމުގެ އެއް ތަނބަކީ އެއީ އެވެ. ނާޝިދުގެ އިތުރުން އޭނާގެ ކޮއްކޯފުޅު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިކްޓްރީގައި މަސައްކަތްކުރައްވާފައިވެ އެވެ. އެ އާއިލާ އެންމެ ފަހުން ކްލަބް ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވީ 2012 ވަނަ އަހަރު ޗެއާޕާސަންގެ މަގާމް ފުރުއްވި އީވާ އަބްދުﷲ އެވެ.