19 އޯގަސްޓް 2016 - 15:19

ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރު ކާމިޔާބުކުރި ގައުމީ ޓީމުގައި ހިމެނުނު ކުޅުންތެރިންގެ ޓީމަކާއި މިހާރުގެ ގައުމީ ޓީމު ކުޅޭ ދައްކާލުމުގެ މެޗަށް، ހދ. ކުޅުދުއްފުށިން 500 އެއްހާ ސަޕޯޓަރުން މާލެ އަންނަން ތައްޔާރުވާން ފަށައިފި އެވެ.

މި މަހުގެ 29 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ކުޅޭ މެޗަށް ކުޅުދުއްފުށި ޓީމުގެ ސަޕޯޓަރުން މާލެ އައުމަށް ދައުވަތު ދިނީ އެފްއޭއެމްގެ ރައީސް އަދި 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިޔާ އަހުމަދު ތޯރިގް (ޓޮމް) އެވެ. އެއީ މިނިވަން ފުޓްބޯޅަ މުބާރާތުގައި އެ ރަށުގެ ރައްޔިތުންގެ ފަރާތުން ފެނުނު އާދާޔާހިލާފު ސަޕޯޓުގެ ސަބަބުންނެވެ.
"އެ ދައުވަތަށް ވަރަށް ފުރިހަމަ ތަރުހީބެއް ލިބެމުން އަންނަނީ. މިހާރު ހަމަޖެހިފައިވާ ގޮތުން 250 މީހުން ދާނެ. އެކަމަކު މަސައްކަތްކުރަނީ 500 އެއްހާ ސަޕޯޓަރުން ގެންދަން. އެ ވަރަށް ދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރެވޭ،" ކުޅުދުއްފުށި ޓީމުގެ ސަޕޯޓާސް ގްރޫޕް ލީޑުކުރަމުން އަންނަ އަބްދުއްރަޝީދު ސައީދު (އަބްސީ) ބުންޏެވެ.
މިނިވަން ފުޓްބޯޅަ މުބާރާތުގެ ހދ. އަތޮޅު ފައިނަލުން ހދ. ހަނިމާދޫ އަތުން ބޮޑު ތަފާތަކުން ބަލިވި ނަމަވެސް، ކުޅުދުއްފުށި ޓީމުގެ ސަޕޯޓަރުން ދިން ތަރުހީބު ގިނަ ބަޔަކު ވަނީ ފާހަގަކޮށްފަ އެވެ. ރަށުގެ ރައްޔިތުން ފައިނަލް މެޗު އޮތް ދުވަހު ރަތްހެދުމުގައި ތިބިއިރު މުޅި ދަނޑު އޮތީ ރަތްކޮށްލައިފަ އެވެ. ޓީމުގެ ޖާޒީގައި ސަޕޯޓަރުން ތިބިއިރު އަތުގައި އޮތީ ޓީމުގެ ބެނާއެއް ނުވަތަ ދިދަ އެކެވެ.
"ހަމަ އެ ރޫހުގައި އަދިވެސް ސަޕޯޓަރުން ތިބީ. ޖާޒީގެ ޑިމާންޑް ވެސް އަންނަނީ ބޮޑުވަމުން،" ނިއު ރޭޑިއަންޓުގެ އޮފިޝަލެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވާ އަބްސީ ބުންޏެވެ.
ފުޓްބޯޅައިން ރާއްޖެ މިހާތަނަށް ހޯދި އެންމެ ބޮޑު އެއް ކާމިޔާބީއަށް 8 އަހަރު ފުރުމާ ގުޅިގެން ކުޅޭ ހާއްސަ ފުޓްބޯޅަ މުބާރާތުގައި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ހުރިހާ ކުޅުންތެރިން ކުޅޭނެ އެވެ. އޭރު ގައުމީ ޓީމަށް ކުޅުނު މުހިއްމު ކުޅުންތެރިންގެ ތެރޭގައި އިމްރާން މުހައްމަދާއި އަލީ އަޝްފާގް (ދަގަނޑޭ) އަދި ޓޮމްގެ އިތުރުން އެފްއޭއެމްގެ ނައިބް ރައީސް އަލީ އުމަރާއި ބޯޑް މެމްބަރު އައްސަދު އަބްދުލްގަނީ އާއި މުހައްމަދު ޖަމީލާއި ސޮބާހު މުހައްމަދާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި ފައިނަލުގައި ލަނޑު ޖެހި މުޚުތާރު ނަސީރު (ޓޫކިލޯ) އާއި އިސްމާއިލް މުހައްމަދު (އިއްސޭ) އާއި އަހުމަދު ސައީދު (އައްމަޓީ) އަދި މުހައްމަދު ޝިފާން (ކުޑައްޓޭ) ހިމެނެ އެވެ.