އޫރު އެކުލެވޭ އުފެއްދުމެއް ބާޒާރުގައި ހުރިތޯ ބަލަނީ
އޫރު އެކުލެވޭ އުފެއްދުމެއް ބާޒާރުގައި ހުރިތޯ ބަލަނީ

އޫރުން ތައްޔާރުކޮށްފައިވާ 'ޖެލަޓިން ޕޯސިން' އެކުލެވޭ އުފެއްދުމެއް ރާއްޖޭގެ ބާޒާރުގައި ހުރިތޯ ބެލުމަށް ކަސްޓަމްސް އިން މަސައްކަތް ފަށައިފި އެވެ.

ކަސްޓަމްސް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޖެލަޓިން ޕޯސިން އެކުލެވޭ އުފެއްދުމެއް ރާއްޖޭގެ ބާޒާރުގައި ވިއްކަމުންދާ ކަމަށް ސޯޝަލް މީޑިއާ އަދި ހަބަރުތަކުގައި ހާމަކޮށްފައިވާ މައުލޫމާތާއި ގުޅިގެން ކަސްޓަމްސް އިން އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ އެ މައްސަލަ އެ އިދާރާ އަށް ހުށަހަޅާފައިވާ ކަމަށާއި، ކަސްޓަމްސް އާއި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށެވެ. ކަސްޓަމްސް އިން ބުނި ގޮތުގައި އިންސްޕެކްޓް ކުރަމުންދަނީ ޖަރުމަނުގައި އުފައްފާ 'ޖެލީޓާ' ބްރޭންޑްގެ ޖެލަޓިން ޕައުޑަ އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ވިޔަފާރިތަކެވެ.

މިދިޔަ ހަފްތާގައި ފިހާރައަކުން މި އުފެއްދުން ވިއްކަން ހުރިކަމަށް ފާހަގަ ކުރެވިގެން ކަސްޓަމަރަކު ޓުވިޓާގައި ކުރި ޕޯސްޓް ވަނީ ގިނަ ބައެއްގެ ސަމާލުކަމަށް އައިސްފަ އެވެ.

'ޖެލީޓާ' ބްރޭންޑްގެ ޖެލަޓިން ޕައުޑަރުގެ ޕެކެޓުގައި ހަލާލް ޖަހާފައިނެތް ކަން ވެސް ގިނަ ފަރާތްތަކުން ދަނީ ފާހަގަ ކުރަމުންނެވެ. ރާއްޖޭގެ ކަސްޓަމްސް ގަވައިދުގައިވާ ގޮތުން ރާއްޖެ އެތެރެކުރާ ހުރިހާ ކާބޯތަކެއްޗަކީ ހާލާލް ތަކެތި ކަމަށް ވާން ޖެހެ އެވެ.