23 ޑިސެމްބަރ 2018 - 13:01

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އަތޮޅުތަކުގައި ހިންގާ ބައެއް އިންޖީނުގެ ތަކުގައި ތިބި މުވައްޒަފުން މަސައްކަތް ކުރާ ރަށް ބަދަލުކުރީ ސިޔާސީ ފިކުރަށް ބަލައިގެން ނޫން ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ސްޓެލްކޯ އިން އއ. އަތޮޅުގެ ބައެއް ރަށް ރަށުގައި ހިންގާ އިންޖީނުގެ ތަކުގެ ބައެއް މުވައްޒަފުން އެހެން ބައެއް ރަށްރަށުގެ އިންޖީނުގެތަކަށް ވަނީ ބަދަލުކޮށްފަ އެވެ. އެ ބަދަލު ގެނައުމަށް އެ ކުންފުނިން ފޮނުވި އިންޓާނަލް ސާކިއުލާއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ.
އެ ކަމާ ބެހޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ އެއީ ކުންފުނީގައި އޮންނަ އުސޫލުން ރަނގަޅު ބޭނުމަށް ގެނައި ބަދަލެއް ކަމަށާއި އެއީ ސިޔާސީ ކަމެއް ނޫން ކަމަށެވެ.
"ރަށެއްގައި ހާއްސަ ވަކި މަސައްކަތެއް ކުރަން ޖެހޭ ވަގުތެއްގައި އެހެން ރަށެއްގައި ހުރެދާނެ އެ މަސައްކަތް ރަނގަޅަށް ދަންނަ މުވައްޒަފަކު، އެހެން ހުރެއްޖެއްޔާ ބަަދަލުކުރުމަކީ ކުންފުނީގައި އޮންނަ އުސޫލެއް. އެގޮތަށް ހުންނާނެ މާލޭގައި މަަސައްކަތް ކުރާ މުވައްޒަފުން ވެސް ބައެއް ފަހަރު އަތޮޅުތަކަށް ފޮނުވާފައި،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ ފިކުރަށް ބަލައިގެން މުވައްޒަފަކަށް ދެރަވާ ގޮތަށް ކުރިން ބަދަލެއް ގެނެސްފައިވާ ނަމަ އޭނާގެ ސަމާލުކަމަށް އެކަން ގެނައުމަށް މުވައްޒަފުންނަށް އަންގަވާފައިވާނެ ކަމަށެވެ. އެގޮތަށް ކުރިން ކޮށްފައި ހުރި ކަންތައްތައް ރަނގަޅުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ރައީސްގެ ވައުދާ އެއްގޮތަށް އެހެން ހުރި ކަންތައްތައް ރަނގަޅުކުރަން ވެގެން، އަޅުގަނޑު ވާނީ މުވައްޒަފުންނާ ބައްދަލު ކުރި އިރު ވެސް ބުނެފައި، ދެރައެއް ވާ ގޮތަށް ކޮށްފައި ހުރި ބަދަލެއް ވިއްޔާ އަންގަން،" މުޣުނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ ގިނަ މައްސަލަތަކެއް މިހާރު ވެސް އައިސްފައިވާ ކަމަށާއި އެކަމަށް ދީފައިވާ މުއްދަތު ހަމަވުމުން އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
"އެކަމަށް އަޅުގަނޑުމެން އޮންނާނީ މުއްދަތެއް ދީފައި. އެ މުއްދަތު ހަމަވުމުން ރައީސްގެ ވައުދާ އެއްގޮތަށް މުވައްޒަފުންގެ ވަޒީފާ އިއާދަކުރުމުގެ މަސައްކަތް ފަށާނަން،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައި ވަނީ ސިޔާސީ ފިކުރަށް ބަލައިގެން އެއް ރަށުން އަނެއް ރަށަށް ބަދަލުކޮށްފައިވާ މުވައްޒަފުން އެމީހުން ކުރިން ތިބި ތަންތަނަށް އިއާދަކޮށްދެއްވާނެ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ވަޒީފާ ގެއްލިފައިވާ މީހުންނަށް ބަދަލު ދެއްވަން ވެސް ވައުދު ވެވަޑައިގެންނެވި އެވެ.