ވިކްޓްރީގެ ޗެއާމަނަކަށް ނާޝިދު، ނައިބުންނަށް މާއްޓޭ އާއި އުމަރުބެ
ވިކްޓްރީގެ ޗެއާމަނަކަށް ނާޝިދު، ނައިބުންނަށް މާއްޓޭ އާއި އުމަރުބެ

ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ޗެއާމަންގެ މަގާމަށް ޑރ. އިބްރާހިމް ނާޝިދު (ނާޝް) އަދި ވައިސް ޗެއާމަނުންނަށް ކުރީގެ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އަދި މުހައްމަދު ހަމީދު (އުމަރުބެ) އިންތިހާބުވެވަޑައިގެންފި އެވެ.

ގަލޮޅު މަދަރުސާގައި ރޭ ބޭއްވި ކްލަބުގެ އާއްމު ޖަލްސާގައި މި މަގާމްތަކާއި ބޯޑުގެ އެހެން މަގާމްތަކަށް މެމްބަރުން އިންތިހާބުވީ، ކޮންމެ މަގާމަކަށް ވެސް އެންމެ ފަރާތަކުން ކުރިމަތިލައްވާފައިވާ ވޯޓަކާ ނުލަ އެވެ.

ނާޝިދަކީ ވިކްޓްރީ ކުރިން ހިންގެވުމުގައި އިސް ދައުރެއް އަދާކުރެއްވި ކެނެރީ އަބްދުއްސައްތާރުގެ ބޭފުޅެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޭބޭފުޅު ނާޝިދު ވަނީ 2012 ވަނަ އަހަރު ވިކްޓްރީގެ ބޯޑް މެމްބަރުކަން ކުރައްވައިފަ އެވެ. މި ފަހަރު ޗެއާމަންގެ މަގާމަށް މި ވަޑައިގަތީ ދުރު ރާސްތާ ޕްލޭނަކާ އެކު އަދި ބޯޑު ޑިރެކްޓަރުންނަށް ވެސް ހާއްސަ ޓީމެއް އެކުލަވާލައްވައިގެންނެވެ.

ކްލަބުގެ ވައިސް ޗެއާމަން، ފިނޭންސް އެންޑް މާކެޓިންގެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި މާއްޓޭ އަކީ އެ ކްލަބުގެ އެންމެ ކާމިޔާބު ދުވަސްވަރު ކުޅުއްވައި އަދި ކޯޗުކޮށްދެއްވި ކްލަބުގެ ލެޖެންޑެކެވެ. ފުޓްބޯޅައިގެ ޓެކްނިކަލް ދާއިރާގެ ތަޖުރިބާކާރެއް ނަމަވެސް މާއްޓޭ ވަނީ ފުޓްބޯޅައިގެ ހިންގުމާއި މާކެޓްކުރުމުގެ ދާއިރާ އިން ރާއްޖޭން ބޭރުން މަތީ ތިން ފާހެއް ނަންގަވައިފަ އެވެ. ސްޕޯޓްސް އެންޑް ޓެކްނިކަލް ވައިސް ޗެއާމަން އުމަރުބެ އަކީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެއް ވިކްޓްރީ ހިންގުމުގައި ހަރަކާތްތެރިވެވެވަޑައިގެންފައިވާ ބޭފުޅެކެވެ.

ވިކްޓްރީގެ ބޯޑް ޑިރެކްޓަރުންނަށް ހޮވުނު ނުވަ ބޭފުޅުންގެ ތެރޭގައި ކުރީގެ ފޯވާޑް އިބްރާހިމް މުހައްމަދު (ފާއިގް) އާއި ކުރީގެ ގޯލްކީޕަރު އިސްމާއިލް ޒަރިޔަންދާއި ގޯލްކީޕަރު ޓްރެއިނަރު އަހުމަދު ރިޔާޒް (ގާނާ) ހިމެނެ އެވެ.

މީގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުލްމާޖިދު (ލެކިއުޓް މާޖިދު) އާއި މަޝްހޫރު ޓީވީ ޕްރެޒެންޓަރު މަރިޔަމް ވަހީދާގެ އިތުރުން ހޮވުނީ އިސްމާއިލް ލަތީފާއި ހިސާން ނަސީމާއި ޝެނެހާޒް ވާފިރު އަދި ފާތިމަތު ރިޒްމާ ވަލީދެވެ.

ވިކްޓްރީ ހިންގަން އާ ބޯޑެއް މިއައީ ކްލަބުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައި އޮއްވަ އެވެ. ވިކްޓްރީގެ ޗެއާމަން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލާއި ވައިސް ޗެއާމަން، ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް މިދިޔަ އޮކްޓޯބަރު މަހު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ވިކްޓްރީގެ ކުޅުންތެރިންނަށް މުސާރަ ނުދޭތާ އެތައް ދުވަސްތަކެއް ވެފައިވާއިރު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ މެޗަކަށް އެ ޓީމުން ހާޒިރުނުވެ ދިޔަ އެވެ. ސަރުކާރު ކުންފުނިތައް މެދުވެރިކޮށް އެފްއޭއެމުން ދޭ ފައިސާ ވެސް ދީފައިވަނިކޮށް އެ ކްލަބް އެ ހާލަތައް ވެއްޓުނީ ރަނގަޅަށް ނުހިންގިގެން ކަމަށް އެފްއޭއެމުން ވެސް ވަނީ ބުނެފަ އެވެ.

ގަލޮޅަށް ނިސްބަތްވާ ވިކްޓަރީ 1972 ވަނަ އަހަރު އުފެދުނީއްސުރެ 2012 ވަނަ އަހަރާ ހަމަޔަށް އެއީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރެވެ. ގައުމީ ތަށި މިލްކުރުމުގެ ޝަރަފް އެންމެ ފުރަތަމަ ހޯދި ވިކްޓަރީ އަކީ ނިއު އަށް ފަހު ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކްލަބެވެ.