19 އޯގަސްޓް 2016 - 15:13

އިސްލާމީ މަރުކަޒު ސަރަހައްދުން މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން ނޫސްވެރިންނަށް ނަސޭހަތްދިނުމަށް ފަހު ދޫކޮށްލައިފި އެވެ.
ހުކުރު ނަމާދު ކަވަރުކުރަން ގޮސް އުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ސަންގު ޓީވީގެ ދެ ކެމެރާމަނުންނާއި ރާއްޖެ ޓީވީގެ ކެމެރާމަނެކެވެ. އެ މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ އިންފޮމޭޝަން އޮފިސަރު އިސްމާއިލް އަލީ ވިދާޅުވި އެވެ.
މި ތިން ނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިސްލާމީ މަރުކަޒުގައި އިދިކޮޅު ފަރާތްތަކުން ކުރި ދުއާ ކަވަރުކުރަން އުޅުމުން ކަމަށް ވެ އެވެ. ސަންގު ޓީވީން ބުނީ އެތަނުގެ ދެ ނޫސްވެރިން ހައްޔަރުކުރީ ހުކުރު ނަމާދު ނިންމައި ސަލާން ދިންތަނާ ކަމަށެވެ.
ކޮންމެ ހުކުރު ނަމާދަކަށް ފަހު އިދިކޮޅު އިއްތިހާދުން އަންނަނީ ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އިސްލާމީ މަރުކަޒު ގޯތި ތެރޭގައި ދުއާކުރަމުންނެވެ. މިއަދާއި މިދިޔަ ހުކުރު ދުވަހު ވެސް ދުއާކުރި މީހުން ހުއްޓުވާފައި ނުވާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ އިސްލާމީ މަރުކަޒު ގޯތިތެރޭގައި ބަޔަކު ދުއާކުރަނީ ދެއްކުންތެރިކަމުގެ ގޮތުން ކަމަށެވެ. އަދި އެއީ ބަދު ދުއާއެއް ކަމަށާއި އެކަމުގައި ބައިވެރި ނުވުމަށް ފުލުހުން ވަނީ އެދިފަ އެވެ.