23 ޑިސެމްބަރ 2018 - 12:01

މާލޭގެ މަގުތަކުގައި ހުރި ސްޕީޑް ބްރޭކަރުތަކާއި ކަފިހި ހުރަސްތަކުގައި މިހާރު ހުރި ހުދު ކުލަ އަލުން ރީނދޫ ކުލަ އަށް ބަދަލުކުރަން ސިޓީ ކައުންސިލުން ފަށައިފި އެވެ.

މާލޭގައި މަގުތަކުގައި ހުރި ބްރޭކަރުތަކާއި ކަފިހި ހުރަސްތަކުގައި ކުރިން ލާފައި ހުރީ ހުދާއި ކަޅެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެން 2016 ގައި، ހުދު ކުލަ ރީނދުލަށް ބަދަލު ކުރެއްވި އެވެ.
އެކަމަކު ސިޓީ ކައުންސިލުން މި ބަދަލު މި ގެންނަނީ ރިންގް ރޯޑު ފިޔަވައި އެހެން މަގުތަކަށެވެ. ރިންގް ރޯޑުގައި ހުންނާނީ މިހާރެކޭ އެއްގޮތަށް ހަމަ ހުދުކުލަ ކަމަށް ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވި އެވެ.
"ގަވާއިދާ ހިލާފަށް މާލޭގެ މަގުތަކުގައި ހުދު ކުލަ ޖައްސާފަ ހުރި ތަންތަން އަޅުގަނޑުމެން މި ބަދަލު ކުރަނީ. ޓްރެފިކާ ގުޅޭ ގަވާއިދުގައިވާ ވެސް އޮންނަނީ މި ތަންތަނުގައި ރީނދޫކުލަ ޖައްސާފައި ބަހައްޓަން،" ޝަމާއު ވިދާޅުވި އެެވެ.
މި ތަންތަނުގެ ކުލަ ބަދަލު ކުރާ އިރު ސްކޫލްތަކުގެ ކައިރީގައި ހުންނަ ޒިބްރާ ކްރޮސްތަކަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ޝަމާއު ވިދާޅުވި އެވެ.
"ސްކޫލްތައް ފެށުމުގެ ކުރިން އެ ތަންތާ ކައިރީ ހުންނަ ޒިބްރާ ކްރޮސްތަކާއި ސްޕީޑް ބްރޭކަރުތައް ރަނގަޅު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ތާރު މަގުތަކުގައި ހުރި ބްރޭކަރުތަކަށް އަދި ބަދަލު ނުގެންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ މަގުތަކަށް ބަދަލެއް ގެނައުމުގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީއާ އެކު މަޝްވަރާ ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރަކު ގަވާއިދަކު ނެތް ތާރު މަގުތަކުގައި ހުންނަން ޖެހޭނެ ކުލައެއް. އެހެންވީމާ ޓްރާންސްޕޯޓް މިނިސްޓްރީއާ އެކު މަޝްވަރާކޮށް، [ބަމްޕަރުތަކާއި ޒިބްރާ ކްރޮސްތައް] އެންމެ ފަސޭހައިން ފެންނާނީ ކޮންކުލައެއްގައި ހުރީމަކަން ނިންމަން ޖެހޭނީ،" ޝަމާއު ވިދާޅުވި އެވެ.
މާލޭގެ މަގުތަކުގައި ހުރި ސްޕީޑް ބްރޭކަރުތައް ކުލަ ހުދު ކުލައަށް ބަދަލު ކުރުމަށް ފަހު އެ ކުލަ ފަސޭހައިން ފޮހެވޭކަން ފާހަގަ ކުރެވުމުން، ކޮންމެ ދުވަހަކު ބޮޑު ހަރަދެއް ކޮށްގެން ހައުސިން މިނިސްޓްރީން އެ މަގުތަކުގައި ހުދު ކުލަ ލުމުގެ މަސައްކަތް ކުރި އެވެ.