ޔުވެންޓަސް އެއް ވަނައިގައި ހަމަޖެހިލައިފި
ޔުވެންޓަސް އެއް ވަނައިގައި ހަމަޖެހިލައިފި

ޓިއުރިން، އިޓަލީ (ޑިސެމްބަރު 23) - އިޓާލިއަން ލީގުގައި ރޭ ކުޅުނު މެޗުން ވާދަވެރި ރޯމާ އަތުން 1-0 އިން މޮޅުވެ ލީގުގެ އެއް ވަަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް ހަމަޖެހިލައިފި އެވެ.

ޔުވެންޓަސް ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓުގެ ލީޑަކާ އެކު އޮތްއިރު، އެ ޓީމަށް 17 މެޗުން ވަނީ 49 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ނަޕޯލީގެ އޮތީ 17 މެޗުން 41 ޕޮއިންޓެވެ. ނަޕޯލީ ވަނީ ރޭ ކުޅުނު މެޗުން 1-0 އިން ސްޕަލް ބަލިކޮށްފަ އެވެ. ތިން ވަނައިގައި އޮތް އިންޓަ ރޭ ކުޅުނު މެޗުން ކިއޭވޯއާ 1-1 އިން ވަނީ އެއްވަރުވެފަ އެވެ. އެ ޓީމަށް 17 މެޗުން ވަނީ 33 ޕޮއިންޓް ލިބިފަ އެވެ.

ފިއޮރެންޓީނާ އަތުން 1-0 އިން އޭސީ މިލާން ބަލިވުމުގެ ފައިދާނަގައި ލާޒިއޯ ވަނީ ލީގުގެ ހަތަރަކަށް އަރައިފަ އެވެ. ކަލިއަރީ އަތުން 3-1 އިން މޮޅުވި ލާޒިއޯ ހަތަރު ވަނައިގައި އޮތީ 17 މެޗުން 29 ޕޮއިންޓާ އެކު އެވެ. ފަސް ވަނައިގައި މިލާން އޮތީ 17 މެޗުން 28 ޕޮއިންޓާ އެކު އެވެ.

ޔުވެންޓަސް އަށް ރޭގެ މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ 35 ވަނަ މިނިޓްގައި ކްރޮއޭޝިއާގެ ތަޖުރިބާކާރު ފޯވާޑް މާރިއޯ މަންޒުކިޗް އެވެ. ޔުވެންޓަސް އިން ވަނީ އިތުރު ލަނޑެއް ޖަހަން ރޭގެ މެޗުގައި ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެެވެ. އޭގެ ތެރެއިން އެންމެ ގިނަ ހަމަލާ ފޮނުވާލީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ހުއްޓުވަން ރޯމާ ގޯލުގައި ހުރި ސްވިޑެން ގައުމީ ޓީމުގެ ގޯލްކީޕަރު ރުބިން އޮލްސެން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުން އެންމެ މެޗަކުން ފިޔަވާ ހުރިހާ މެޗަކުން ޔުވެންޓަސް ވަނީ މޮޅުވެފަ އެވެ. ރޭގެ މެޗަށް ފަހު ޔުވެންޓަސްގެ ކޯޗު މެސިމޯ އަލެގްރީ ބުނީ ސީޒަން ދެބައިވެފައި އޮއްވައި ކާމިޔާބު ޔަގީންކުރުމަކީ އޭނާގެ ވިސްނުމެއް ނޫން ކަމަށެވެ. އަމާޒަކީ ރަނގަޅު ލީޑެއްގައި އޮވެ މި އަހަރު ނިންމާލުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މި އަހަރު ނިމުމުގެ ކުރިން އިޓާލިއަން ލީގުގެ ދެ ބުރުގެ ކުޅުން ކުރިއަށްދާނެ އެވެ. އެ އަށް ފަހު ފިނި މޫސުމާއި އާ އަހަރަށް ތިން ހަފްތާ އަށް ލީގު މެދުކަނޑާލާނެ އެވެ.