22 ޑިސެމްބަރ 2018 - 22:22

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މިއަދު ދިމާވީ އޭނާ ސިފަކުރައްވާ ގޮތުގައި "އަޖައިބެއް ކަހަލަ" ކަމެކެވެ. އާއިލާގެ މެމްބަރުން ކުއްލިއަކަށް އިތުރުވީ އެވެ.

ގއ. މާމެންދޫގައި ދިރިއުޅުއްވާ ޝަހީމްގެ ކާފަގެ އާއިލާގެ ގިނަ ބަޔަކު އައްޑޫ ސިޓީ މަރަދޫގައި ތިިބިކަން އެނގުނީ އެމީހުން މިއަދު ކާފައަށް ޒިޔާރަތް ކުރީމަ އެވެ. ކާފަގެ އުމުރުން މިހާރު ގާތްގަނޑަކަށް 100 އަހަރު ވެދާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އިނގޭ ވަރަކީ ކާފަ އަކީ އައްޑޫ މީހެއްކަން، އާއިލާގެ މީހުން އައްޑޫގައި ތިބިކަމެއް ނޭނގޭ،" މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި ޝަހީމް "މިހާރު"އަށް ވިދާޅުވި އެވެ.
މަރަދޫގައި އޮތް އާއިލާއަށް، ކާފަ ދުނިޔޭގައި ހުންނެވި ކަން އެނގުނު ގޮތާ ބެހޭ ގޮތުން ޝަހީމްގެ ބޭބެގެ ދަރިފުޅު ޝާކިރު ބުނީ އެކަންވީ މާމެންދޫގައި އޮތް އާއިލާގެ މެމްބަރަކާއި މަރަދޫގައި އޮތް އާއިލާގެ މެމްބަރަކު ދަތުރެއްގެ މަތިން ބައްދަލުވުމުން ކަމަށެވެ.
"ކިތަންމެ ދުވަހެއް ފަހުން ވެސް އެނގިދާނެތާ އާއިލާގެ މީހުންނަށް. ވީ ގޮތަކީ ދަތުރެއްގެ މަތިން ބައްދަލުވީ މަރަދޫ ކުއްޖަކާ އަޅުގަނޑުމެންގެ[މާމެންދޫ] ކުއްޖަކާ. ދެން ދެކެވުނު ވާހަކައިގެ ތެރެއިން އެނގުނީ އެއް އާއިލާއެއްކަން،" ޝާކިރު ބުންޏެވެ.
އޭނާ ވެސް ބުނީ އެހާ ގިނަ ތިމާގެ މީހުން ތިބިކަން އެނގުމުން ވަރަށް އުފާވެއްޖެ ކަމަށެވެ.
ފޭސްބުކްގައި ޑރ. ޝަހީމް މިއަދު ހިއްސާކުރެއްވި ފޮޓޯތަކަކާ އެކު ލިއުއްވާފައި ވަނީ ކާފަައާ ބައްދަލުކޮށްލަން ގާތްގަނޑަކަށް 100 އެއްހާ މީހުން މަރަދޫން އައި ކަަމަށެވެ. ޝާކިރު ބުނީ ސީދާ އަދަދެއް ދަންނަވަން ނޭނގޭ ކަމަށާއި އެކަމަކު ވަރަށް ގިނަ މީހުން އައި ކަމަށެވެ.
އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރުކަން ވެސް ކުރެއްވި ޝަހީމް ވިދާޅުވީ އާއިލާ ގިނަ ބަޔަކު ތިބިކަން އެނގިވަޑައިގަތުމުން ވަރަށް އުފާވެއްޖެ ކަމަށެވެ.