ޖޫހީ ޗާވްލާ އާއިލާއާ އެކު ލަނޑާ ގިރާވަރު ރިސޯޓްގައި
ޖޫހީ ޗާވްލާ އާއިލާއާ އެކު ލަނޑާ ގިރާވަރު ރިސޯޓްގައި

މީގެ ކުރިން ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައިވާ އިންޑިއާގެ ބަތަލާ ޖޫހީ ޗާވްލާ އަނެއްކާ ވެސް ޗުއްޓީ އަށް ރާއްޖެ އަތުވެއްޖެ އެވެ.

ނުވަދިހައިގެ އަހަރުތަކުގެ ތެރޭގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ 51 އަހަރުގެ ބަތަލާ މި ފަހަރު އާއިލާއާ އެކު ޗުއްޓީ ހޭދަކުރަމުން އަންނަނީ ފޯ ސީޒަން ލަނޑާ ގިރާވަރު ރިސޯޓްގަ އެވެ. އެތަނުގައި ނަގާފައިވާ ބައެއް ފޮޓޯތައް ޖޫހީ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

"ޑަރް" އާއި "ދަރާރު"، "ޔެސް ބޮސް" އަދި "އިޝްގް" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވެ އެވެ.

މުމްބާއީގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖޭ މެހެތާއާ ކައިވެނިކޮށްގެން މިހާރު ދެ ކުދިން ވެސް ތިބި ޖޫހީ ފިލްމުތަކުން މިހާރު ފެންނަލެއް ވަރަށް މަދެވެ. ޖޫހީގެ ތިބެނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. އެއީ 17 އަހަރުގެ ޖާންވީ މެހެތާ އާއި އަރުޖުން މެހެތާ، 15، އެވެ.

ހުކުރު ދުވަހު ރިލީޒްކުރި، ޝާހްރުކް ހާންގެ "ޒީރޯ" ގައި ހާއްސަ ފެނިލުމަކުން ޖޫހީ ފެނިގެންދާ އިރު، އޭނާގެ ކުރިއަށް އޮތް ފިލްމަކީ އަންނަ ފެބުރުއަރީ މަހުގެ 1 ގައި ރިލީޒްކުރާ "އޭކް ލަޅްކީ ކޮ ދޭކާ ތޮ އޭސާ ލަގާ" އެވެ.

މި ފިލްމުގައި ޖޫހީ ފެނިގެން ދާނީ އަނިލް ކަޕޫރާއި އޭނާގެ ދަރިފުޅު ސޯނަމް ކަޕޫރާ އެކީގަ އެވެ.

ބޮލީވުޑްގެ އެންމެ މަޝްހޫރު އެކްޓަރުންނާ އެކު ފިލްމުތައް ކުޅެފައިވާ ޖޫހީއަކީ ދިވެހި ފިލްމެއްގައި ލަވައެއް ކުޅެން ވެސް ފުރުސަތު ލިބުނު ބަތަލާއެކެވެ. އެއީ "ދެރިޔާ" ގެ ޕްރޮޑިއުސަރު އަބްދުލް މުހައިމިން ގެނެސް ދިން ފިލްމު "ރަންމުތް" ގަ އެވެ. އެ ފިލްމުގައި ބަތަލު އިސްމާއީލް ވަޖީހާ އެކު ލަވައެއް ކުޅެން ރާއްޖެ އައިސް އެއާޕޯޓުން ލޯންޗަށް އަރަން އުޅުމުގެ ތެރޭގައި ޖޫހީގެ ފަޔަށް ލިބުނު ގެއްލުމަކާ ގުޅިގެން ޖެހުނީ ލަވަ ނުކުޅެ އެނބުރި އިންޑިއާ އަށް ދާށެވެ.

ފަހުން އެ ލަވަ ވަޖީހާއާ އެކު ކުޅުނީ މިހާރު އެއްވެސް ވަރަކަށް ފިލްމުތަކުން ނުފެންނަ ކުރީގެ ބަތަލާ ރާޖޭޝްވަރީ އެވެ.