23 ޑިސެމްބަރ 2018 - 08:57

ސަމާ އަލީ، 25، އާއި އޭނާގެ އެއްބަނޑު އެއްބަފާ ހަތަރު ކުދިން ސްކޫލު ބަންދުގައި އުފަން ރަށް، ހއ. ތަކަންދޫގައި އުފާކުރަމުން އަންނައިރު އޮތް އެންމެ ބޮޑު ފަޅުކަމަކީ ބައްޕަ ދުނިޔޭގައި ނެތުމެވެ. އެކުދިންގެ ބައްޕަ މީގެ ތިން އަހަރު ކުރިން މަރުވީ ކެންސަރު ބަލީގަ އެވެ. އެ ހިތާމަ އޮތީ ހަމައެކަނި އެ އާއިލާއަކަށް ނޫނެވެ. ކެންސަރު ބަލީގައި ބައްޕަ ނުވަތަ އާއިލާގެ އެހެން މެމްބަރަކު މަރުވެފައިވާ އެތައް އާއިލާއެއް މި ރަށުގައި ދިރިއުޅެ އެވެ.

އާބާދީގައި 946 މީހުން ރަޖިސްޓްރީ ވެފައިވާ ތަކަންދުއަކީ ރާއްޖޭގައި ކެންސަރު ބަލި އެންމެ ގިނައިން ފެންނަ އެއް ރަށެވެ. ވޭތުވެދިޔަ އަށެއްކަ އަހަރަށް ބަލާއިރު މިރަށުން ކެންސަރު ބަލީގައި 14 މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ކުޑަ ދެ ކުދިން ވެސް ހިމެނެ އެވެ. އެންމެ ގިނައިން މަރުވީ 40 އަހަރާއި 55 އަހަރާ ދެމެދުގެ ފިރިހެނުންނެވެ. ކެންސަރާ ހަނގުރާމަކޮށް އެއް އަންހެނަކު ދުނިޔެ ދޫކޮށްފައިވާ އިރު ކެންސަރަށް ފަރުވާ ހޯދަން ޖެހުނު ދެ އަންހެނަކު ރަށުގައި އެބަ ތިއްބެވެ.

މި ވަގުތު ވެސް މިރަށުގެ ކުޑަ އަންހެން ކުއްޖަކާއި ސާޅީހަކަށް އަހަރުގެ ފިރިހެނަކު ގެންދަނީ ކެންސަރުގެ ނުރައްކާ ތަހައްމަލްކުރަމުންނެވެ.
ތަކަންދުއަށް ނިސްބަތްވާ ގިނަ މީހުންނަށް ޖެހުނީ ލޭގެ ކެންސަރާއި ލިވާ ކެންސަރެވެ.
މިހާ ކުޑަ އާބާދީއެއްގައި ކެންސަރު ބަލި މީހުންގެ އަދަދު ނިސްބަތުން މަތިވެގެން އުޅޭ ސަބަބެއް އަދި ހޯދިފައެއް ނުވެ އެވެ. ކެންސަރު ޖެހުނު މި ރަށަށް ނިސްބަތްވާ ގިނަ މީހުންނަށް ބަލާއިރު ދިރިއުޅުމުގެ ވައްޓަފާޅީގައި ކެންސަރަށް މަގު ފަހިކޮށްދޭ ކަމަށް މަޝްހޫރު އާދަތަކާ ވެސް ދުރެވެ. މިސާލަކަށް އޭގެ ތެރެއިން ގިނަ މީހުން ދުންފަތުގެ އިސްތިއުމާލެއް ނުކުރެ އެވެ.
އެކަމަކު ރަށުގެ ބައެއް މީހުން ވިސްނުމުގައި އޭގެ ފަހަތުގައި އޮތީ ސިހުރުގެ ނުބައި އާދަ އެވެ. ރާއްޖޭގެ އެހެން ބައެއް ރަށްރަށެކޭ އެއްގޮތަށް މިރަށުގައި ވެސް މީހުންނަށް ސިހުރު ހަދާ ކަމަށް ޒަމާނުންސުރެ ކިޔައި އުޅެ އެވެ. އެހެންކަމުން ރަށުގައި ގިނަވަމުން ދާ ކެންސަރުގެ މައްސަލަ އަކީ "މީހުން ނެތިކުރަން ހަދާ ސިހުރު" ކަމަށް އެތައް ބަޔަކު ގަބޫލުކުރެ އެވެ.
މީގެ ހަތަރު އަހަރު ކުރިން ކެންސަރުގައި މަރުވި ހުނައިދާ މުހައްމަދު، 14، ގެ ބައްޕަ މުހައްމަދު ހުސައިން ބުނިގޮތުގައި "ރަތް މީހެއް" ފެންނަ ކަމަށް ހުނައިދާ އޭރު ކިޔަ އެވެ. ނަމަވެސް އެއީ ސިހުރުކަން ނުވަތަ ނޫންކަން ސީދާ ކަނޑައަޅަން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
"ދެން އޭރު އަހަރެމެން ގަބޫލުކުރީ އެއީ ބަލީގެ ވޭނުގެ ސަބަބުން ވާ ކަމެއް ކަމަށް. ދަރިފުޅު ރޯނެ މީހަކު ފެންނަނީ ކަމަށް ބުނެ،" ލޭގެ ކެންސަރު ޖެހިގެން މަރުވި ކުއްޖާގެ ބައްޕަ ކިޔައިދިނެވެ.
އެހެން ބައެއް އާއިލާތަކުގެ މީހުންނާ ވާހަކަ ދެއްކުމުން ވެސް ހަމަ އެފަދަ ކަންކަން ފާހަގަކުރެ އެވެ. އެގޮތުން ތަނަވަސް އާއިލާތަކުގެ މުހިންމު މީހުންނަށް އާއްމުކޮށް ޖެހިފައިވާއިރު އެއީ އެ މީހުންގެ ތަނަވަސްކަން ނެތިކުރަން ބަޔަކު ސިހުރު ހެދުމުގެ ނަތީޖާއޭ ވެސް، ބައެއް މީހުން ބުނެ އެވެ.
"އެންމެ ހާލު ބޮޑުއިރު ވެސް ހަދާފައި ހުންނަ ޓެސްޓުތަކުން އެބަ ދައްކާ ނޯމަލް ކަމަށް ވެސް. އަހަރެމެނަށް އެނގިފައި [ރުގްޔާ ކުރާ މީހުންގެ ފަރާތުން] ހުރީ ސިހުރުގެ ކަންކަން ޖެހި ބަލި ބޮޑުވަމުން ގޮސް އެކަން ކެންސަރަށް ބަދަލުވަނީއޭ،" ކެންސަރުގައި މަރުވި މީހެއްގެ އާއިލާގެ މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.
ސިއްހީ ދާއިރާގެ ހޯދުންތަކަށް ބަލާއިރު ކެންސަރު ފަދަ ނުރައްކާތެރި ބަލިތައް ޖެހޭ ސަބަބުތަކުގެ ތެރޭގައި ދިރިއުޅުމުގެ ވައްޓަފާޅި އާއި ދިރިއުޅޭ މާހައުލުގައި ކުރާ ބައެއް ކަންކަމުގެ އިތުރުން "ޖެނެޓިކް" ބައި ވެސް ހިމެނެ އެވެ. އެކަމަކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާއިރު އެހެން ރަށްރަށާ ވަކި ތަފާތު ކަމެއް މި ރަށަކުން ނުފެނެ އެވެ. ހާއްސަކޮށް ރަށު އަންހެނުންނަކީ އެއްވެސް ވަރަކަށް ދުންފަތުގެ އިސްތިއުމާލު ކުރާ ބައެއް ނޫނެވެ. ފައިބަރު ކަހަލަ މަސައްކަތެއް މި ރަށަކު ނުކުރެ އެވެ. ރަށުގެ ގިނަ މީހުން ބުރަކޮށް އުޅެނީ ފަންގި ވިނުމުގަ އެވެ. އަދި ހެލިފެލިވެ އުޅުން ވެސް މަދެއް ނޫނެވެ.
ކެންސަ ސޮސައިޓީގެ އެއް މުއައްސިސް، އަދި ޕަބްލިކް ހެލްތުގެ ސްޕެޝަލިސްޓް، ޑރ. އަބްދުލް މަލިކް ވިދާޅުވީއި ކެންސަރަކީ ވާރުތަ ކުރާ ބައްޔަކަށް ވުމުން ކުޑަ އާބާދީއެއްގެ ތެރޭގައި އެ ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި މިރަށުގައި ކެންސަރުގެ ހާލަތު އޮތީ އާދައިގެ މިންވަރެއްގައި ނޫން ކަމަށް އޭނާ ވެސް ގަބޫލުކުރައްވަ އެވެ. ނަމަވެސް އެކަށީގެންވާ ދިރާސާއެއް ކުރުމަށް ފަހުގައި ނޫނީ ސީދާ ސަބަބު ބުނެވެން ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ނުރައްކާތެރިކަން ބޮޑު ބައެއް ބަލިތައް ފެތުރުނު ދުވަސްވަރުގެ ހިތި ހަނދާންތައް ވެސް ތަކަންދޫގެ ބައެއް މީހުންގެ އެބަ ހުއްޓެވެ. މިސާލަކަށް ރާއްޖޭގައި ޓީބީގެ ނުރައްކާ އެންމެ ބޮޑުވި އަހަރުތަކުގައި ރަށަށް ކުރިމަތިވި ހިތްދަތިކަމެވެ. ރަށު ދުވަސްވީ މީހުން ބުނާ ގޮތުގައި 1970 ގެ އަހަރުތަކުގެ ތެރޭގައި ޓީބީ ބަލި ޖެހިގެން ތަކަންދޫން ގިނަ ބަޔަކު މަރުވި އެވެ. އެކަމަކު ކެންސަރާ ހިލާފަށް ޓީބީއަކީ ވަރަށް ފަސޭހައިން އެކަކު ގައިން އަނެކަކުގެ ގަޔަށް އަރާ ބައްޔެކެވެ.
ރާއްޖޭގައި 70 އާއި 80ގެ އަހަރުތަކާ ހިލާފަށް ޓީބީ މިހާރު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
ތަކަންދޫގެ ސިއްހީ މަރުކަޒާއި ކައުންސިލުން ދިން މައުލޫމާތުތަކަށް ބަލާއިރު ކެންސަރާ ބެހޭ ގޮތުން ވަކި ހާއްސަ މަސައްކަތްތަކެއް މިހާތަނަށް ރަށުގައި ކޮށްފައެއް ނެތެވެ. ކުޑަމިނުން ރަށު ރައްޔިތުންނަށް އަމާޒުކޮށްގެން އެ ބައްޔަށް ސްކްރީން ކުރުން ފަދަ ކަމެއް ނުކުރެ އެވެ.
ރަށު ކައުންސިލްގެ ނައިބު ރައީސް އައިޝަތު އާސިފާ ވިދާޅުވީ ކެންސަރަށް ސްކްރީން ކުރުން ފަދަ ޕްރޮގްރާމެއް ރަށަށް މުހިންމު ކަމަށެވެ. އެއީ މިރަށަށް ކޮންމެހެން ވެސް ބޭނުން ވެފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. މާލިކް ވިދާޅުވީ ކެންސަރު ބަލިން މިފަދަ ރަށެއް ސަލާމަތް ކުރުމަށް ހާއްސަ ސަމާލުކަމެއްދޭން ޖެހޭ ކަމަށެވެ. އެގޮތުން ދޭތެރެ ދޭތެރެއިން ސްކްރީންނިން ޕްރޮގްރާމްތަކާއި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކެންސަރަށް މަގުފަހިވާ ކަންކަމާއި ކެންސަރުގެ އަލާމާތްތައް ބުނެދީ ހޭލުންތެރިކުރުވަން ޖެހޭ. އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޓެސްޓް ކުރެވޭނީ ވެސް އޭރުން،" ގިނަ ރަށްރަށެއްގައި ކެންސަރަށް ހޭލުންތެރިކުރުވުމުގެ މަސައްކަތްކުރައްވާފައިވާ ޑރ. މާލިކް ވިދާޅުވި އެވެ.
ތަކަންދޫގެ އާބާދީގެ ނިސްބަތުން ކެންސަރުގެ ނުރައްކާ ބޮޑުކަން، އަދަދުތަކަށް ބަލާއިރު މި އޮތީ ފެންނާށެވެ. އެހެންކަމުން ކެންސަރާ ބެހޭ ދިރާސާކުރުމާއި ހޭލުންތެރިކަން އުފެއްދުމުގެ ޕްރޮގްރާމްތަކަށް މި ރަށަށް ބޭނުންކުރެވިދާނެ އެވެ. އެކަމަކު ސިއްހީ ދާއިރާގެ ދުރުމިއަށް މި ރަށަށް އަދި އެރިހެންނެއް ހިއެއް ނުވެ އެވެ.