23 ޑިސެމްބަރ 2018 - 11:27

ކޮލަމްބޯ (ޑިސެމްބަރު 23) - ލަންކާގެ 1.5 ބިލިއަން ޑޮލަރުގެ ބޮޑު ދަރަނި ނުދެއްކި ގައުމު ބޮޑު ދަރަންޏަކަށް ދިއުން އެ ގައުމުގެ ޕާލަމެންޓުން ސަލާމަތްކޮށްދީފި އެވެ.
ޕާލަމެންޓުގެ މި ދައުރުގެ ފަހު ދުވަހު މެންބަރުން ވަނީ ސަރުކާރުގެ ޚަރަދުތައް ކުރަން ވަގުތީ ބަޖެޓެއް ފާސްކޮށްދީފަ އެވެ. ބަޖެޓަށް ޕާލަމެންޓުގެ 225 މެންބަރުންގެ ތެރޭން 102 މެންބަރުން ވޯޓު ދިނެވެ. ދެކޮޅަށް ވޯޓު ދިނީ ހަ މެންބަރުންނެވެ.
މާލީ ވަޒީރު މަންގަލަ ސަމަރަވީރާ ޕާލަމެންޓުގައި ވިދާޅުވީ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އޮކްޓޯބަރު 28 ވަނަ ދުވަހު ހަމަޖެއްސީ އަންނަ އަހަރުގެ ބަޖެޓް ނިންމަމުން ދަނިކޮށް ކަމަށެވެ.
"ބަޖެޓް ހުށަހަޅާކަށް ފުރުސަތެއް ނުލިބުނު،" ސަމަރަވީރާ ވިދާޅުވި އެވެ.
ޕާލަމެންޓުން ފާސްކޮށްފައި ވަނީ ފުރަތަމަ ހަތަރު މަސް ދުވަހުގެ ބަޖެޓެވެ. ފުލް ބަޖެޓް ހުށަހަޅާނެ ކަމަށް ބެލެވެނީ ފެބްރުއަރީ މަހު އެވެ.
ލަންކާގައި އުފެދުނު ސިޔާސީ މައްސަލަގަނޑާ ގުޅިގެން އަންނަ އަހަރުގެ ބަޖެޓް ފާސްނުވެ ޖެނުއަރީ 10 އާ ހަމައަށް 1.5 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ހީވި އެވެ. ނަމަވެސް ބޮޑު ވަޒީރުގެ މަގާމަށް ރަނިލް ވިކްރަމަސިންހަ އަލުން ގެންނެވުމުން ސިޔާސީ މައްސަލަ ގަނޑަށް ވަނީ ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދިފަ އެވެ.