22 ޑިސެމްބަރ 2018 - 16:12

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވައުދު ފުއްދުމަށް ވަކި ޕާޓީއެއްގެ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި ބޭނުން ނުވާ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އަމީން އެގޮތަށް ވިދާޅުވި އިރު، މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ އަށް މެޖޯރިޓީ ދިނުމަށް ރާއްޖެ ގޮވަމުންދާ ކަމަށާއި ސަރުކާރުގެ ވައުދުތައް ފުއްދަން އެމްޑީޕީގެ މެމްބަރުން މަޖިލީހަށް އިންތިހާބު ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު އިއްޔެ ހއ. އިހަވަންދޫގައި ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް އަމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޯލިޝަން ސަރުކާރެއްގެ ގޮތުގައި ވެރިކަން ކޮށްދިނުމަށްވުރެ، ބޮޑު ވައުދެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ރައީސް ހޮވިވަޑައިގަތީ، އިއްތިހާދުގެ ވަކި ޕާޓީއެއްގެ މެޖޯރިޓީ މަޖިލީހުގައި އޮތުމުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވައުދު ފުއްދާކަށް ކޯލިޝަންގެ ވަކި ޕާޓީއެއްގެ މެޖޯރިޓީ ބޭނުމެއް ނުވޭ. ބޭނުމީ އިހްލާސްތެރިކަން،" އަމީން ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.
އަމީން ވިދާޅުވި ގޮތުގައި، ވެރިކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޮވީ ކޯލިޝަން ސަރުކާރެއް އުފެއްދުމުގެ ބޭނުމުގަ އެވެ. އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތައް ފުއްދުމަށް މަޖިލީހުގައި ކޯލިޝަން މެޖޯރިޓީ އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
"އެކަމަކު، ވަކި ޕާޓީއެއްގެ މެޖޯރިޓީއެއް މުހިންމެއް ނޫން. ވަކި ޕާޓީއަކުން މެޖޯރިޓީ އަށް ޑިމާންޑް ކުރުމަކީ ރައްޔިތުން އިތުރަށް ވިސްނަން ޖެހޭ ކަމެއް،" އަމީން ކުރެއްވި އެހެން ޓުވީޓުގައިވެ އެވެ.
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަން ގުޅިގެން ވާދަކުރުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ވިދާޅުވެފަ އެވެ. ކޯލިޝަންގެ ތެރެއިން އިންތިހާބުގައި ވާދަކުރުމާ މެދު މަޝްވަރާ ކުރެވުނަސް، އެކަމާ މެދު އަދި ގޮތެއް ނިމިފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ކޯލިޝަންގެ ތެރެއިން، މަޖިލިސް އިންތިޚާބަށް ވާދަކުރުމާ ގުޅޭގޮތުން އެ ކޯލިޝަންގެ ލީޑަރުން މަޝްވަރާ ކުރެއްވިރު، ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަނީ ފ. ނިލަންދޫ ދާއިރާ ފިޔަވައި ދެން ހުރި 86 ދާއިރާއަށް ވާދަކުރުމަށް ނިންމައިފަ އެވެ. އަދި ކޯލިޝަންގެ އަނެއް ޕާޓީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވިދާޅުވީ ހުރިހާ ދާއިރާއަކަށް އެ ޕާޓީން ވާދަކުރަން ކެރޭނެ ކަމަށެވެ.
ކޯލިޝަންގައި ދެން ހިމެނޭ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކެއް އަދި އިއުލާނެއް ނުކުރެ އެވެ. އަދާލަތު ޕާޓީން ވަނީ އިންތިޚާބުގައި 13 ދާއިރާ އަކަށް ވާދަކުރަން ނިންމައި، އެ ދާއިރާތައް އިއުލާންކޮށްފަ އެވެ.