ފީއެއް ދައްކައިގެން ވަދެވޭ ފޮތްފިހާރައެއް
ފީއެއް ދައްކައިގެން ވަދެވޭ ފޮތްފިހާރައެއް

ފިހާރައަކަށް ވަދެލަން ފީއެއް ދައްކަންޖެހޭ ވާހަކަ އެހިން ހެއްޔެވެ؟

ޖަޕާނުގެ ވެރިރަށް ޓޯކިއޯގައި މި މަހުގެ 11 ވަނަ ދުވަހު ލައިބްރަރީއެއްގެ ގޮތުގައި ވެސް ބޭނުންކުތެވޭ ގޮތަށް ހުޅުވި ފޮތްފިހާރަ ބުންކިޓްސޫ އަށް ވަންނަން 1،620 ޔެން ނުވަތަ 15 ޑޮލަރު ދައްކަން ޖެހޭނެ އެވެ. އެތަނުން ވިޔަފާރިއެއް ނުކުރިޔަސް ފީ ދައްކަންޖެހޭނެ އެވެ.

ތިރީސްހާސް ފޮތުގެ ކަލެކްޝަނެއް އެކުލެވިގެންވާ އަދި ވަރަށް ތަފާތު ގޮތަކަށް އިންޓީރިއާ ވެސް ހަދާފައިވާ ބުންކިޓްސޫ އިން ބުނީ އެންޓްރީ ފީއެއް ނަގަން ނިންމީ ދެމެހެއްޓެނިވި ގޮތަކަށް އެތަން ހިންގަން ކަމަށެވެ. ސަބަބަކީ މި ފަހަކަށް އައިސް އޮންލައިން ވިޔަފާރިތަކާ އެކު، ފޮތްފިހާރަތަކަށް ވަންނަ މީހުން މަދުވެ، އެފަދަ ތަންތަން ނެތެމުންދާތީ އެވެ.

ފާހަގަކޮށްލެވޭ ކަމަކީ ބުންކިޓްސޫ އަށް ވަންނަން ފީއެއް ދައްކަން ޖެހުނަސް އެތަނުގައި ބައެއް ހިދުމަތްތައް ހިލޭ ލިބޭކަމެވެ. އެގޮތުން ފުރަތަމަ ފަންގިލާގައި ހުންނަ ފޮތް މައުޒަރަށް ހިލޭ ވަދެވޭނެ އެވެ. އަދި ލައިބްރަރީ ވެސް ބޭނުންކޮށްލަން ލިބޭ އިރު، އެތަނުގައި ހަދާފައި ހުންނަ ކެފޭގައި ހިލޭ ސަޔާއި ކޮފީ ބޮމުން ފޮތްތައް ކިޔައިލަން މުޅި ދުވަހު ވެސް މަޑުކޮށްލެވިދާނެ އެވެ.

މީގެ އިތުރުން ފިލާވަޅު ހަދައިލުމާއި އަދި އެ ނޫން ވެސް ބައެއް ކަހަލަ މަސައްކަތްތައްކޮށްލަން ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިފައިވާ ކޮޓަރިތަކެއް ވެސް ބުންކިޓްސޫގައި ހިމެނެ އެވެ. އެތަންތަން ވެސް ހިލޭ ބޭނުން ކުރެވޭނެ އެވެ.

ތަފާތު މޮޑެލްއަކަށް ބުންކިޓްސޫ ހިންގާތީ ބައެއް މީހުން އެކަމަށް މަރުހަބާ ކީ ނަމަވެސް ބައެއް މީހުން ވަނީ ފީއެއް ދައްކައިގެން ވަންނަން ޖެހޭތީ އެކަމަށް ސޯޝަލް މީޑިއާގައި ފާޑު ކިޔައިފަ އެވެ. ފާޑު ކިޔާފައިވާ ބައެއް މީހުން ބުނި ގޮތުގައި ބުންކިޓްސޫ އަށް ފީއެއް ދައްކައިގެން ވަނުމަށް ވުރެ ޓޯކިއާގެ އައޯޔަމާ ބުކް ސެންޓަރަށް ވަދެލުން ވެސް މާ ރަނގަޅެވެ.