ލޯނެއްގެ މައްސަލާގައި އަރުޖުން ރާމްޕާލްގެ މައްޗަށް ޖިނާއީ ދައުވާއެއް
ލޯނެއްގެ މައްސަލާގައި އަރުޖުން ރާމްޕާލްގެ މައްޗަށް ޖިނާއީ ދައުވާއެއް

ބޮލީވުޑްގެ އެކްޓަރު އަރްޖުން ރާމްޕާލް ކުންފުންޏަކުން ލޯނެއްގެ ގޮތުގައި ނެގި ފައިސާ އަނބުރާ ނުދައްކައިގެން، ލޯން ދިން ކުންފުނިން އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށްފި އެވެ.

މީޑިއާތަކުން ބުނީ ވައިޓީ އެންޓަޓައިމަންޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އަރުޖުންގެ މައްޗަށް ދައުވާ ކުރީ މިދިޔަ މެއި މަހު އޭނާ ނެގި އެއް ކްރޯޑް ރުޕީސް ނުދައްކައިގެން ކަމަށެވެ. އަރުޖުން އަށް ލޯނު ދިނީ 90 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. މި މައްސަލާގައި އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރަން ނިންމީ ވައިޓީ އަށް އަރްޖުން ދޫކުރި ޗެކް ބައުންސްވި މައްސަލާގައި އޭނާއާ މުއާމަލާތްކޮށްގެން ވެސް، މިހާތަނަށް އެކަށީގެންވާ އިޖާބައެއް ލިބިފައި ނުވާތީ އެވެ.

ވައިޓީ އެންޓަޓައިންމަންޓަކީ ފިލްމު ހެދުން ކަހަލަ މަސައްކަތްތަކަށް ލޯނު ދޫކުރާ ކުންފުންޏެކެވެ. އަދި އެ ކުންފުނިން އޭނާ އަށް ލޯން ދިނީ އާންމުކޮށް ލޯން ދޫކުރާ އިންޓަރެސްޓް ރޭޓަށް ވުރެ ކުޑަކޮށް ކަމަށް ވެސް މީޑިއާތަކުން ބުނެފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން އަރުޖުން އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

މިހާރު ހާލަކުން ފަހަރަކު ނޫނީ ފިލްމަކުން ނުފެންނަ އަރުޖުން އެންމެ ފަހުގެ ފިލްމަކީ މިދިޔަ ސެޕްޓެމްބަރު މަހު ރިލީޒް ކުރި ހަނގުރާމަ ފިލްމު "ޕަލްޓާން" އެވެ. އޭނާ މިހާރު އަންނަނީ ޒީ5 އިން ގެނެސް ދޭން ނިންމާފައިވާ ވެބް ސީރީޒް "ދަ ފައިނަލް ކޯލް" ގެ މަސައްކަތް ކުރަމުންނެވެ.

ފިލްމެއް ހަދަން ނެގި ލޯނެއް ނުދައްކައިގެން އެކްޓަރު ރާޖްޕާލް ޔާދާވް ވެސް މިހާރު އަންނަނީ ތިން މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.