23 ޑިސެމްބަރ 2018 - 07:13

ސޮނީ ޓީވީން މިދިޔަ ޖުލައި މަހު ފެށި އިންޑިއަން އައިޑޮލް ސީޒަން 10 ގެ ގްރޭންޑް ފިނާލޭ މިރޭ ދައްކާނެ އެވެ.
ކުލަގަދަ އަދި ފޯރި ގަދަ ހުށަހެޅުންތަކަކާ އެކު، މިރޭ ފިނާލޭ ޝޯއާ އެކު އައިޑޮލްގެ ޓްރޮފީ އުފުލައިލާނެ ބައިވެރިޔަކު ޔަގީންވެގެންދާ އިރު، ފިނާލޭ އަށް ފަސް ބައިވެރިއަކު ވާދަ ކުރެ އެވެ.
އެއީ އިންޑިއަން އައިޑޮލް ސީޒަން 10 ފެށުނު ހިސާބުން މިހާތަނަށް ވެސް ލަވަކިޔުމުގެ ހުނަރު ދައްކަމުން އަންނަ ނިލަންޖަނާ ރޭ (އަލިޕޫރް)، ސަލްމާން އަލީ (ހަރިއާނާ)، އަންކުޝް ބަރަދްވާޖް (ހިމާޗަލްޕްރަދޭޝް)، ނިތިން ކުމާރު (ހިމާޗަލްޕްރަދޭޝް) އަދި ވިބޯ ޕްރަޝާރު (ނިއު ދިއްލީ) އެވެ.
އުމުރުން އެންމެ 15 އަހަރުގެ ނިލަންޖަނާއަކީ ގަދަ 5 އިން ޖާގަ ހޯދި ހަމައެކަނި އަންހެން ބައިވެރިޔާ ވެސް މެ އެވެ.
އިންޑިއަން އައިޑޮލް ސީޒަން 10 މިހާތަނަށް ފޮލޯ ކުރަމުން އަންނަ ގިނަ ބަޔަކު ދެކޭ ގޮތުގައި މި ފަހަރުގެ ޓްރޮފީ އުފުލައިލުމުގެ ފުރުސަތު އެންމެ ބޮޑީ ނިލަންޖަނާ ނޫނީ ސަލްމާނެވެ.
މަނީޝް ޕޯލް ހޯސްޓް ކުރާ މި ޝޯގެ ފިނާލޭ އިން ގިނަ ލަވަކިޔުންތެރިންތަކެއްގެ ހުށަހެޅުންތަކެއް ވެސް ފެނިގެންދާ އިރު، ހުކުރު ދުވަހު ރިލީޒް ކުރި ފިލްމު "ޒީރޯ" ގެ ތިން ތަރިން ކަމަށްވާ ޝާހްރުކް ހާނާއި އަނުޝްކާ ޝަރުމާ އަދި ކެޓްރީނާ ކެއިފް ވެސް ފެނިގެން ދާނެ އެވެ.
ފިނާލޭ އެޕިސޯޑްގެ ޕްރޮމޯތަކެއް ވެސް ސޮނީ ޓީވީން މިހާރު އަންނަނީ ދައްކަމުންނެވެ.
މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހު އޮޑިޝަން ޝޯތަކާ އެކު ދައްކަން ފެށި އިންޑިއަން އައިޑޮލް 10 ގެ މިހާރުގެ ޖަޖުންނަކީ ނޭހާ ކައްކަރު، ވިޝާލް ދަދްލާނީ އަދި ޖާވިދު އަލީ އެވެ.
ޖާވިދަށް ޖަޖުންގެ ޕެނެލުން ފުރުސަތު ލިބުނީ އިންޑިއަން އަައިޑޮލްގެ ކޮންމެ ސީޒަނެއްގައި ވެސް ޖަޖްކަން މިހާތަނަށް ކުރަމުން ދިޔަ އައްނޫ މަލިކަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއްކޮށްފައިވާތީ އޭނާ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ޝޯ އިން ވަކިކުރުމަށް ފަހު އެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ގެނެސް ދިން އިންޑިއަން އައިޑޮލް ސީޒަން 9 ކާމިޔާބު ކުރީ ކެރެލާ އަށް ނިސްބަތްވާ އެލްވީ ރިވަންތު އެވެ.