22 ޑިސެމްބަރ 2018 - 09:47

މިރޭ ދަންވަރު ތައިލެންޑްގެ ޗިއަން މާއީ މެރެތަންއަށް ނުކުންނާނީ ހާފު މެރެތަންގެ ވަނައަކަށް އުއްމީދުކޮށްގެން ކަމަށް، ރާއްޖޭގެ އަރަމުން އަންނަ ދުވުންތެރިޔާ މުހައްމަދު ރަޝީދު (މޯޑު) މިއަދު ބުނެފި އެވެ.
ރާއްޖެ އިން ބޭރުގައި ތަމްރީން ހަދަމުން އަންނަ ދިވެހި ސިފައިންގެ ކްލަބްގެ ދުވުންތެރިޔާ ބުނީ އޭނާ މިހާރު ހާފު މެރެތަން ދުވާ ސްޕީޑަށް ބަލާއިރު ޗިއަން މާއީ މެރެތަންގެ ހާފް މެރަތަން ބައިން ވަނައަކަށް ވާދަކުރެވިދާނެ ކަމަށެވެ.
"މިދިއަ އަހަރުގެ ރޭހުގެ ހާފު މެރެތަންގެ އެއް ވަނައަށް ދިޔަ ދުވުންތެރިޔާ ނިންމީ އެއް ގަޑި 25 މިނިޓުން. އެއަށް ވުރެ ބާރަށް މިހާރު އަހަންނަށް ދުވެވޭ،" މޯޑު ބުންޏެވެ.
ހާފް މެރެތަންގައި މިހާތަނަށް މޯޑު އެންމެ ބާރަށް ދުވެފައި ވަނީ 1 ގަޑި 17 މިނިޓުންނެވެ. ރާއްޖޭގެ ރެކޯޑު އޮތީ 1 ގަޑި 14 މިނިޓުން ނިންމާފައިވާ ޝިފާޒް މުހައްމަދު އަތުގަ އެވެ.
މި ފަހުން މޯޑު، 26، ވަނީ ރާއްޖޭގެ ރޭސްތަކުގައި ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެގޮތުން ގައުމީ މުބާރާތުގެ 5000 އަދި 10،000 މީޓަރު ދުވުމުން ދެ ވަނަ ހޯދުމުގެ އިތުރުން ނޮވެމްބަރު މަހު އޮތް ދިރާގު ރޭހުގެ 5 ކިލޯމީޓަރު ބައިން އެއް ވަނަ ވެސް ހާސިލްކުރި އެވެ.
ނޭޕާލާއި ސްރީ ލަންކާގައި މޯޑާ އެކު ތަމްރީން ހަދަމުން އަންނަ ސިފައިންގެ ކްލަބްގެ އެހެން ދުވުންތެރިއެއް ކަމަށްވާ ނަސްރުﷲ އަހުމަދު ބުނީ މޯޑަށް މިހާރު ވަރަށް ބޮޑު ކުރިއެރުމެއް ލިބެމުން އަންނަ ކަމަށެވެ.
"ތަމްރީންތައް ވަރަށް ރަނގަޅަށް ދަނީ. މޯޑު ވަރަށް މަސައްކަތްކުރޭ ރަނގަޅު ކާމިޔާބީއެއް ހޯދަން،" ނަސްރު ބުންޏެވެ.
"ވަރަށް ބޮޑަށް އުއްމީދުކުރަން މިރޭގެ ރޭހުގައި މޯޑަށް ވަނައެއް ލިބޭނެ ކަމަށް."
އަނެއްކޮޅުން މިރޭގެ މެރެތަން އަކީ ނަސްރަށް ވަރަށް ހާއްސަ ރޭހެކެވެ. މި އަހަރު އޭނާ ދުވާ 13 ވަނަ މެރެތަންއަށް ނުކުންނަ އިރު އެއީ ދިވެއްސަކަށް ރެކޯޑެކެވެ. އަހަރެއްގެ ތެރޭގައި އެހާ ގިނަ މެރެތަން ޖެހި ދިވެހި ދުވުންތެރިއެއް އަދި ފެންނާކަށް ނެތެވެ.
ކޮކާކޯލާ އިން ސްޕޮންސަކޮށްފައިވާ ނަސްރު، 36،ގެ އެންމެ ފާހަގަކޮށްލެވޭ ތަންކޮޅަކީ މި އަހަރުގެ މިހާތަނަށް އޭނާ ދުވި 12 މެރެތަން ވެސް ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމާފައިވުމެވެ.