"ހަތުރޯން ކޭ ކިލާޅީ" ގެ 9 ވަނަ ސީޒަން އަންނަ މަހުގެ 5 ގައި ފަށަނީ
"ހަތުރޯން ކޭ ކިލާޅީ" ގެ 9 ވަނަ ސީޒަން އަންނަ މަހުގެ 5 ގައި ފަށަނީ

ކުރިން މި އަހަރު ގެނެސްދޭ ގޮތަށް އޮތް ކަލާޒް ޗެނެލްގެ ސްޓަންޓް ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" އަންނަ މަހުގެ 5 ވަނަ ދުވަހުން ފެށިގެން ދައްކާ ގޮތަށް ހަމަޖައްސައި، ޝޯގެ ޕްރޮމޯ އާއި ޕްރޮމޯޝަނަލް ލަވަ ދައްކާލައިފި އެވެ.

މި ޝޯގެ ނުވަ ވަނަ ސީޒަން މި ފަހަރު ވެސް، މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ ހޯސްޓް ކުރާ އިރު، ޝޯ ޝޫޓްކޮށްފައި ވަނީ އާޖެންޓީނާގަ އެވެ. އިންޑިއާގެ މަޝްހޫރު ސެލެބްރިޓީން ބައިވެރިކޮށްގެން ގެނެސްދޭ "ހަތުރޯން ކޭ ކިލާޅީ" ކޮންމެ އަހަރަކު ވެސް ގެނެސް ދެނީ އިންޑިއާ އިން ބޭރުގެ ގައުމަކުންނެވެ. މިދިޔަ އަހަރު ގެނެސް ދިން މި ޝޯގެ އަށް ވަނަ ސީޒަން ގެނެސް ދެނީ ސްޕެއިނުންނެވެ.

"ހަތުރޯން ކޭ ކިލާޅީ" އަކީ އެމެރިކާގެ "ފިއާ ފެކްޓާ" ގެ އިންޑިއާ ވާޝަނެވެ.

އަންނަ މަހު ފަށާ ސީޒަނުގައި ބައިވެރިވާ ސެލެބްރިޓީންނަކީ ބަތަލާ ޝިލްޕާ ޝެޓީގެ ކޮއްކޮ އަދި ކުރީގެ ބަތަލާ ޝަމީތާ ޝެޓީ، މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އާއި އޭނާގެ ފިރިމީހާ ހާޝް ލިމްބާޗިއާ، ލަވަކިޔުންތެރިޔާ އަދިތިޔާ ނާރަޔަން، ކޮރިއޯގްރާފަރު އަދި އެކްޓަރު ޕުނިތު ޕަތަކް، "ބިގް ބޮސް 11" ގައި ވާދަކުރި ވިކާސް ގުޕްތާ، ބަންދަގީ ކަރްލާ، އެކްޓަރު އަލީ ގޯނީ، ބަތަލާ އަދި ހޯސްޓް ރިދިމާ ޕަންޑިތު، އެކްޓަރު ޒައިން އިމާމް، ބަތަލާ އަވިކާ ގޯރް އަދި ޓީވީ ބަތަލާ ޖޭސްމިން ބާސިން އެވެ.

ކަލާޒުން "ހަތުރޯން ކޭ ކިލާޅީ" ދައްކާނީ ކޮންމެ ހޮނިހިރާއި އާދީއްތަ ދުވަހުގެ ރޭގަ އެވެ.

މިދިޔަ އަހަރު މި ޝޯ ކާމިޔާބު ކުރީ އެކްޓަރު އަދި ނެށުންތެރިޔާ ޝަންތަނޫ މަހޭޝްވަރީ އެވެ.