ރަބިއޯގެ ހައްގުގައި ފިފްޕްރޯ ތެދުވެއްޖެ
ރަބިއޯގެ ހައްގުގައި ފިފްޕްރޯ ތެދުވެއްޖެ

ޕެރިސް (ޑިސެމްބަރު 22) - ޕީއެސްޖީ އަށް ކުޅޭ ފްރާންސްގެ މިޑްފީލްޑަރު އެޑްރިއަން ރަބިއޯ އަށް ހައްގު ހޯދައިދޭން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިންގެ ޖަމިއްޔާއެއް ކަަމަށްވާ ފިފްޕްރޯ ތެދުވެއްޖެ އެވެ.

އުމުުރުން 23 އަހަރުގެ ރަބިއޯ ޕީއެސްޖީއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ ޖޫން މަހުގެ ނިޔަލަށެވެ. ރަބިއޯ ވަނީ މި ސީޒަން ފެށުމުގެ ކުރިން ވެސް ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް އަންގައިފަ އެވެ. އެކަމަކު ޕީއެސްޖީން ވަނީ ރަބިއޯ ވިއްކާލަން ދެކޮޅު ހަދައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓަރު އެންޓެރޯ ހެންރީކޭ ވަނީ ރަބިއޯ އަށް އެ ކްލަބާ އެކު އެއްބަސްވުން އާ ކުރަން ނުފޫޒު ފޯރުވައިފަ އެވެ. އަދި ފަހުން ރަބިއޯ ކޮންޓްރެކްޓް އާ ނުކުރާނެކަން ރަސްމީކޮށް ޕީއެސްޖީ އަށް އެނގުމުން އެ ކްލަބުން ނިންމީ މި ސީޒަން ނިމުމުން އޭނާ ދޫކޮށްލުމަށެވެ. އެކަމަކު ރަބިއޯ ވިސްނުން ހުރީ އަންނަ މަހުގެ ޓްރާންސްފާ މާކެޓްގައި ކްލަބް ބަދަލުކުރުމަށެވެ.

މި މައްސަަލަ ބޮޑުވެ، މިހާރު ފިފްޕްރޯ އިން ވަނީ ރަބިއޯ އަށް ސަޕޯޓްދޭން ނިންމައިފަ އެވެ. ފިފްޕްރޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕީއެސްޖީގެ އެއްބަސްވުން އާ ނުކުރުމުގެ އިހުތިޔާރު ރަބިއޯ އަށް އޮންނަން ޖެހޭނެ ކަމަށާއި ގަދަކަމުން އޭގެ ސޮއިކުރުވަން ޕީއެސްޖީ އަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ.

އެކަމާ ހިތްހަމަ ނުޖެހިގެން ރަބިއޯގެ އޭޖެންޓް އޭނާގެ މަންމަ ވެރޯނިކް ރަބިއޯ ވަނީ ފްރާންސްގެ ރޭޑިއޯއެއް ކަމަށްވާ އާރްޓީއެލް އަށް އިންޓަވިއުއެއްދީފަ އެވެ. އޭނާ ބުނީ ރަބިއޯ އަށް މި ސީޒަން ފެށުމުގެ ކުރިން ބާސެލޯނާ އިން ވަރަށް ރަނގަޅު ހުށަހެޅުމެއް ލިބުނު ކަމަށާއި އެއަށް ޕީއެސްޖީން ހުރަސް އެޅީ ކަމަށެވެ. އަދި ޕީއެސްޖީން މިހާރު ރަބިއޯ ހިފަހައްޓައިގެން އުޅެނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުންޏެވެ.

މިހާރު އެއްބަސްވުމުގައި އޮތްގޮތުން ރަބިއޯ ބޭނުން ކްލަބަކާ އެކު ޖެނުއަރީ 1 ގެ ފަހުން އޭނާ އަށް ޕްރީ އެގްރިމެންޓެއްގައި ސޮއިކުރެވޭނެ އެވެ. އެކަމަކު އެ ގޮތަށް އެކަން ކޮށްފިނަމަ ރަބިއޯ އަށް ދެން މި ސީޒަނުގައި މެޗެއް ނުކުޅެވޭނެ ކަމަށް ޕީއެސްޖީން އޭނާ އަށް އަންގާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

"ކުޅުންތެރިންގެ ހައްގު ހޯދައިދޭން އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" ފިފްޕްރޯގެ ބަޔާނުގައިވެ އެވެ.

ރަބިއޯގެ މަންމަ ވެރޯނިކް ވަނީ މައްސަލަ ކޮންމެ ހިސާބަކަށް ދިޔަ ނަމަވެސް ރަބިއޯ އަލުން ޕީއެސްޖީއާ އެކު ކުރިއަށް ނުދާނެ ކަމަށް ބުނެފަ އެވެ. އަދި ބަދަލުވާނެ ކްލަބަކާ ގުޅޭގޮތުން އެންމެ ފަހުގެ ގޮތެއް ނިންމާނީ ޕީއެސްޖީއާ އެކު އޮތް ގުޅުން އެއްކޮށް ނިންމާލުމަށް ފުރިހަމަކުރަން ޖެހޭ ކަންތައްތައް ހަމަޖެހުމަށް ފަހު ކަމަށެވެ. އަދި ޖެނުއަރީ މަހުގެ ޓްރާންސާފާ މާކެޓްގައި ރަބިއޯ ވިއްކާލަން ޕީއެސްޖީ އަށް ޕްރެޝަރުކުރުވާނެ ކަމަށް ވަނީ ބުނެފަ އެވެ.