އަހުލާގު ރަނގަޅުކުރަން ޕޮގްބާ އަަށް އަންގައިފި
އަހުލާގު ރަނގަޅުކުރަން ޕޮގްބާ އަަށް އަންގައިފި

މެންޗެސްޓާ (ޑިސެމްބަރު 22) - މެންޗެސްޓާ ޔުނައިޓެޑުގެ ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާގެ އަހުލާގު ރަނގަޅު ކުރަން އެ ކްލަބުން އަންގާފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ދާދި ފަހުން ޔުނައިޓެޑުން ވަކިކުރި ކޯޗު ހޯސޭ މޮރީނިއޯއާ އެންމެ ބޮޑަށް މައްސަލަ ގޯސްވި ކުޅުންތެރިއަކީ 2016 ވަނަ އަހަރު އޭނާ ދުނިޔޭގެ ރެކޯޑް އަގަކަށް ގަތް ފްރާންސްގެ ތަރި ޕައުލް ޕޮގްބާ އެވެ. ޕޮގްބާ އާއި މޮރީނިއޯ މީޑިއާގައި ނުސީދާ ގޮތަކަށް ބަހުގެ ހަމަލާތައް ބަދަލުކުރި އެވެ. މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުތަކުގައި ޕޮގްބާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބެނީ މަދުންނެވެ.

މޮރީނިއޯ މަގާމުން ދުރުކުރިތާ އިިރުކޮޅެއްގެ ތެރޭގައި ޕޮގްބާ ވަނީ އިންސްޓަގްރާމަށް ހެވިފައި ހުރި ފޮޓޯ އެއް އަޕްލޯޑްކޮށްފަ އެވެ. ފަހުން އެ ފޮޓޯ ޑިލީޓްކުރި ނަމަވެސް ގިނަ ބަޔެއްގެ ފާޑުކިޔުން އެ ކަމަށް އަމާޒުވި އެވެ. އަދި އޭގެ ފަހުން ބޭއްވި ޔުނައިޓެޑްގެ ފުރަތަމަ ފަރިތަކުރުމުގައި މޮރީނިއޯ ވަކިކުރުމުން އެކަމާ އުފާފާޅުކުރުމުގެ ތެރޭގައި ޕޮގްބާ ދެއްކި ވާހަކަތަކާ ހިތްހަމަ ނުޖެހިގެން އޭނާ ޓްރެއިނިންގައި ބައިވެރިނުކުރަން އެސިސްޓަންޓް ކޯޗު މައިކަލް ކެރިކް ނިންމި އެވެ. އަދި އެހެން ކުޅުންތެރިންނަށް ވުރެން އަވަހަށް ޕޮގްބާ ޓްރެއިނިން އިން ދިޔަ މަންޒަރު މީޑިއާތަކުން ދެއްކި އެވެ.

ޔުނައިޓެޑާ މި ސީޒަނުގެ ނިޔަލަށް ވަގުތީ ގޮތުން ހަވާލުވި ކުރީގެ ކޯޗު ނޯވޭގެ އޮލެ ގުނަ ސޯލްޝެއާ ވަނީ އޭނާގެ ފުރަތަމަ ރަސްމީ ނޫސްވެރިންގެ ބައްދަލުވުމުގައި ޔުނައިޓެޑް ތެރޭގައި އޮތް މައްސަލަތައް ހައްލުކުރާނެ ގޮތްތަކާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.

"އަހަންނަކީ މި ޓީމަށް ކުޅުނުއިރު އެންމެ ގިނައިން ބެންޗުން އަރައި ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއާ. އެހެންވީމަ އަހަންނަށް އެނގޭ ނުކުޅެ ހުންނައިރު އެ ކުރެވޭ އިހުސާސް ވެސް. އެކަމަކު އަހަރެންނަށް ފާގަސަން އަބަދުވެސް އެހީވޭ. އެއީ ބެންޗުގައި ހުއްޓަސް ކްލަބްގެ ބެޖް ޖަހައިގެން ތިބޭ އެންމެނަކީ އެއް ޓީމެއް. ވަކި މީހަކު ބޮޑެއް ނުވާނެ. އިހުތިރާމް އޮންނަން ޖެހޭނެ،" ސޯލްޝެއާ ބުންޏެވެ.

އިނގިރޭސި ނޫހެއް ކަމަށްވާ އިންޑިޕެންޑެންޓުން ރިޕޯޓްކުރާ ގޮތުގައި ސޯލްޝެއާ އާއި ކެރިކް ވަނީ ދަނޑުމަތީގަޔާއި ދަނޑު ބޭރުގައި ޕޮގްބާގެ އަހުލާގު ރަނގަޅުކުރަން އަންގައިފަ އެވެ. އަދި ކްލަބްގެ މަސްލަހަތު ގެއްލޭ ގޮތަށް އަމަލުތައް ނުބަހައްޓަން ވަނީ ނަސޭހަތްދީފަ އެވެ.

ދިގާޑިއަން އިން ރިޕޯޓްކުރާގޮތުގައި މޮރީނިއޯ އާއި ޕޮގްބާ މައްސަލަ ޖެހެން މެދުވެރިވި އެންމެ ބޮޑު ސަބަބަކީ ޕޮގްބާގެ އަހުލާގީ މައްސަލަތަކެވެ. އަދި މޮރީނިއޯ ޔުނައިޓެޑްގެ ކޯޗަކަށް ހުރިނަމަ އަންނަ މަހުގެ ޓްރާންސްފާ މާކެޓްގައި ޕޮގްބާ ވިއްކާލަން އޮތީ ނިންމައިފަ އެވެ. އެކަމަކު އަލަށް ހަވާލުވި ސޯލްޝެއާ ނިންމާފައިވަނީ ޓީމުގައި ތިބި ހުރިހާ ކުޅުންތެރިންނަށް ވެސް އަދި އެއް ފުރުސަތު ދޭށެވެ. ޕޮގްބާ ހޯދަން އޭނާގެ ކުރީގެ ކްލަބް ޔުވެންޓަސް އިން އަންނަނީ މަސައްކަތްކުރަމުންނެވެ.