ވިލިމާލޭން އޮޔާ ދިޔަ ދެ މީހަކު ސަލާމަތްކޮށްފި
ވިލިމާލޭން އޮޔާ ދިޔަ ދެ މީހަކު ސަލާމަތްކޮށްފި

ވިލިމާލެ އިން މޫދަށް އެރި އުޅެނިކޮށް އޮޔާ ދިޔަ ދެ މީހަކު މިއަދު ސަލާމަތްކޮށްފި އެވެ.

އެ މަންޒަރު ފެނުނު ދުވުންތެރިޔާ އަހުމަދު އާތިފް ބުނީ މިއަދަކީ ވިލިމާލެ ކެފޭތައް ހުންނަ ބީޗާ ދިމާލުން މޫދުގައި އެހެން ދުވަސްތަކަކާ ހިލާފަށް ރާޅު އުފެދިފައި އޮތް ދުވަހެއް ކަމަށެވެ.

"ފެނުނީ ފެރީއެއް ހުއްޓިތަން. ބަލާލި އިރު ދެ މީހަކު އޮޔާ ގޮސްގެން އެ މީހުން ނަގަން. ފެރީއަށް އެ ދެ މީހުން ނުނެގިގެން ކުޑަ ދޯންޏަކަށް ގުޅައިގެން އެމީހުން އައިސް ސަލާމަތް ކުރީ،" އާތިފް ބުންޏެވެ.

އާތިފް ބުނީ އެ ސަރަހައްދަކީ ބައެއް ދުވަސްތަކުގައި ވަރުގަދަ އޮޔެއް ހުންނަ ސަރަހައްދެއް ކަމަށެވެ.

"ބައެއް ދުވަހު ސްނޯކްލިން ކުރަން އުޅޭއިރު ވެސް ވަރުގަދަ އޮޔެއް ހުންނަކަން ފާހަގަ ކުރެވޭ،" އޭނާ ބުންޏެވެ.

އެކަމާ ގުޅޭ ގޮތުން އާތިފް ވަނީ ސޯޝަލް މީޑިޔާގައި ވެސް ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނެފައި ވަނީ އާންމުކޮށް މީހުން މޫދަށް އެރި އުޅޭ އެ ސަރަހައްދުގައި ލައިފް ގާޑުން ބޭތިއްބުން މުހިންމު ކަމަށެވެ.

"ދިޔަވަރު ބޮޑުއިރު މި ސަރަހައްދު މޫދުން ބޭރަށް ދިއުމަކީ ނުރައްކާތެރި ކަމެއް. ހާއްސަކޮށް ކުޑަކުދިންނާއެކު،" އޭނާ ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

ވިލިމާލޭ މޫދަށް އެރި އުޅޭ ސަރަހައްދުން މީގެ ކުރިން ވެސް މީހުން އޮޔާ ދިއުމުގެ ހާދިސާތަކެއް ވަނީ ހިނގައިފަ އެވެ. އަދި މިގޮތަށް އޮޔާދާ މީހުން ވަރަށް ގިނަ ފަހަރު ފެރީތަކުން ނަގަ އެވެ. ނަމަވެސް މިހާތަނަށް އެ ސަރަހައްދުގައި ލައިފް ގާޑުން ބައިތިއްބާފައެއްނުވެ އެވެ.