22 ޑިސެމްބަރ 2018 - 11:58

އިސްލާމްއާބާދު (ޑިސެމްބަރު 22) - ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ޕާކިސްތާނުގެ މަރުކަޒީ ބޭންކަށް ވަރަށް އަވަހަށް ތިން ބިލިއަން ޑޮލަރު ޖަމާކޮށްދޭނެ ކަމަށް އެ ގައުމުގެ ރަސްމީ ނޫސް އެޖެންސީން ބުނެފި އެވެ.
ޕާކިސްތާނުގެ ބަޖެޓް ދަރަނި ބޮޑުވުމުން ފައިސާ ހޯދުމަށް އިސްލާމްއާބާދުން ދަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާ ވެސް މަޝްވަރާ ކުރަމުންނެވެ. މީގެ އިތުރުން އެކުވެރި ގައުމުތައް ކަމަށްވާ ޗައިނާ އާއި ސައުދީ އަރަބިއާ އިން ވެސް ދަނީ ބޮޑެތި އަދަދުތަކުން ފައިސާ ހޯދަމުންނެވެ.
ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓަރު ފަވާދު ޗައުދަރީ ވިދާޅުވީ ޕާކިސްތާނުގައި އިންވެސްޓް ކުރަން ވެސް ޔޫއޭއީ އިން ޝައުގުވެރިވާ ކަމަށެވެ. އޭގެ ތެރޭގައި ރިފައިނަރީ އާއި ޑިސަލިނޭޝަން ޕްލާންޓްތައް ބެހެއްޓުން ހިމެނެ އެވެ.
ސައުދީ އަރަބިއާ އިން އޮކްޓޯބަރު މަހު ވަނީ ޕާކިސްތާނަށް ހަ ބިލިއަން ޑޮލަރުގެ ލޯނެއް ދޭނެ ކަމަށް ބުނެފަ އެވެ. މީގެ ތެރެއިން މިދިޔަ ހަފުތާގައި ސައުދީން ވަނީ ޕާކިސްތާނުގެ ފޮރިން އެކްސްޗޭންޖް ރިޒާވް އަށް އެއް ބިލިއަން ޑޮލަރު ދީފަ އެވެ.