22 ޑިސެމްބަރ 2018 - 08:04

ގައުމުތަކަށް އަންނަ ތަރައްގީއާ އެކު އެންމެ ބޮޑަށް ފެންނާނެ އެއް ބަދަލަކީ ސިޓީތަކަށް އަންނަ ޒަމާނީ ކުލަތަކެވެ. ވަކިން ހާއްސަކޮށް ސިޓީތައް ރޭގަނޑު ދިއްލައި އަޅާލުމުން އެ ފެންނަ ކުލަކުލައިގެ އަލިތަކާ އެކު، އުފާވެރިކަން ގެނުވިޔަސް މިއީ އެހާ ރައްކާތެރި ކަމެއް ނޫނެވެ.
މީގެ ކުރިން ވެސް ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ރޭގަނޑުގެ މަސްނޫއީ ގަދަ އަލިތަކަކީ އިންސާނުންގެ ސިއްހަތަށް ވެސް ގެއްލުންދޭ ކަމެކެވެ. އަދި މި ގޮތަށް ރޭގަނޑު ދިއްލައި އަޅާލުން ސިފަކޮށްފައީ "ލައިޓް ޕޮލިއުޝަން" ގެ ގޮތުގަ އެވެ.
އިކޮލޮޖިކަލް އެޕްލިކޭޝަންސް ޖާނަލްގައި ޝާއިއުކޮށްފައިވާ އެމެރިކާގެ އޮހައިއޯ ޔުނިވަސިޓީގެ ފަހުގެ ދިރާސާއެއްގައި ބުނި ގޮތުގައި ރޭގަނޑުގެ މަސްނޫއީ ގަދަ އަލިތަކަކީ އިންސާނުންނަށް ސިއްހީ އެކި ކަހަލަ މައްސަލަތައް ކުރިމަތި ކުރުވުމުގެ އިތުރަށް ވެއްޓަށް ވެސް ގެއްލުން ދޭނެ ކަމެކެވެ. އެގޮތުން އެފަދަ އަލިތަކުގެ ސަބަބުން ވަށައިގެންވާ ވެށީގައި ހިމެނޭ ގަސްގަހާ ގެއްސާއި ޖަނަވަރާއި އެ ނޫން ވެސް ދިރޭ އެކި ކަހަލަ އެއްޗިއްސަށް ގެއްލުން ލިބޭ ކަމަށް ބުންޏެވެ.
ދިރާސާ ހެދި ޓީމުން ވަނީ ރޭގަނޑުގެ މަސްނޫއީ އަލިތަކުން ދިއްލާއަޅާފައި އޮންނަ ސިޓީތަކުގައި ދިރިއުޅޭ ބައެއް ކަހަލަ ދިރޭ ސޫފިތަކަށް މަސްނޫއީ އަލީގެ ސަބަބުން ކުރަނީ ކޮން ކަހަލަ އަސަރުތަކެއްތޯ ބަލައިފަ އެވެ. އެގޮތުން ބެލިބެލުމުން ފާހަގަކުރެވެނީ އެފަދަ އަލިތަކުގެ ސަބަބުން ސޫފިތަކުގެ މާހައުލު ހަލާލުކޮށްލައި، އެފަދަ އެއްޗިއްސަށް ކާނާ ހޯދުން ކަހަލަ ކަންކަމަށް ވެސް ބުރޫއަރާކަމެވެ. އަދި މިއީ އެފަދަ އެއްޗިއްސަށް ގުދުރަތީ އަލިން ލިބެން ހަކަތައަށް ހުރަސް އަޅާ ކަމެއް ކަމަށް ބުންޏެވެ.
"އެހެންވެ ވަށައިގެންވާ މުޅި މާހައުލު [އިކޮސިސްޓަމް] ގެ ރައްކާތެރިކަމަށް އެބަޖެހޭ ރޭގަނޑުގެ މަސްނޫއީ ގަދައަލިތަކުން ރައްކާތެރިކަން ހޯދައި ދޭން،" ދިރާސާ ޓީމްގައި އިސްކޮށް މަސައްކަތް ކުރެއްވި މައީކާ ސުލިވަން ވިދާޅުވި އެވެ.
މިކަަމަށް މިސާލެއް ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި ރޭގަނޑުގެ މަސްނޫއީ ގަދަ އައްޔާ އެކު ވެލާ ކަހަލަ އެއްޗެހި އެއްގަމަށް އަރައިގެން އެ އެއްޗެހީގެ އާބާދީ އަށް އަސަރު ކުރެ އެވެ.
"ގަދަ އަލިތަކަށް ޝައުގުވެރި ވެލާތައް ރޭގަނޑުގެ ބޮޑު ބައެއްގައި އެބަ މިސްރާބު ޖަހާ އެއްގަމަށް. ނަތީޖާއަކީ އެނބުރި މޫދަށް ފައިބާ ވެލާތަކުގެ އަދަދު މަދުވުން،" ސުލިވަން ވިދާޅުވި އެވެ. "އެކަމަކު ގުދުރަތީ އައްޔަކީ [ހަނދުވަރު] ވެލާތައް އެނބުރި މޫދަށް ފައިބަން މަގުފަހި ކުރުވާ ކަމެއް."