21 ޑިސެމްބަރ 2018 - 16:53

ލަންޑަން (ޑިސެމްބަރު 21) - ޑްރޯންގެ ބިރާ ހެދި އިނގިރޭސި ވިލާތުގެ ގެޓްވިކް އެއާޕޯޓް އެއް ދުވަހަށް ބަންދު ކުރުމަށް ފަހު އަލުން ހުޅުވައިފި އެވެ.

އިނގިރޭސި ވިލާތުގައި ދެ ވަނަ އަށް އެންމެ ބިޒީ އެއާޕޯޓް ހުއްޓުމަކަށް ގެނައި ހާދިސާގައި ޑްރޯން އޮޕަރޭޓްކުރި މީހާ ފުލުހުންނަށް ހޯދިފައެއް ނުވެ އެވެ. ނަމަވެސް ފުލުހުން ވަނީ ޑްރޯންތަކަށް ބަޑިޖަހައި ވައްޓާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
އެއާޕޯޓް ހިމެނޭ ސަރަހައްދުން ޑްރޯން ފެންނަން ފަށާފައި ވަނީ ބުދަ ދުވަހުގެ އެވެ. އެހެންވެ ފްލައިޓް ދަތުރުތައް ވަނީ ހުއްޓާލަން ޖެހިފަ އެވެ. ފްލައިޓްތައް ހުއްޓާލަން ޖެހުމުން އެތައް ހާސް ބަޔަކު ވަނީ އެއާޕޯޓުގައި ތާށިވެފަ އެވެ. ބުދަ ދުވަހުގެ ރޭ އެކަނި ވެސް 10،000 ޕަސިންޖަރުންނަށް އެކަމުގެ އަސަރު ކުރި އެވެ. ބުރާސްފަތި ދުވަހުގެ ރެއާ ހަމައަށް ވަނީ 120،000 މީހުންގެ ފްލައިޓް ކެންސަލް ކުރަން ޖެހިފަ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު ކްރިސް ގްރޭލިން ވިދާޅުވީ ޑްރޯން ހާދިސާއަކީ ޓެރަރިޒަމާ ގުޅުން ހުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ.