21 ޑިސެމްބަރ 2018 - 16:00

ވޮޝިންޓަން (ޑިސެމްބަރު 21) - އެމެރިކާގެ ދިފާއީ ވަޒީރު ޖޭމްސް މަޓިސް އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
މަޓިސް އިސްތިއުފާ ދެއްވަން ނިންމެވީ ސީރިއާގައި ތިބޭ އެމެރިކާ ސިފައިން ބާލާނެކަން ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވިތާ އެއް ދުވަސް ފަހުންނެވެ. ސީރިއާ އިން އެމެރިކާ ސިފައިން ބާލަން މަޓިސް އެހާ ބޭނުން ނުވާ ކަމަށްވެ އެވެ. އެހެންވެ މަޓިސް އިސްތިއުފާ މި ދެއްވަނީ ޓްރަމްޕާ ޚިޔާލު ތަފާތުވެގެން ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށް އޮފިޝަލުން ބުނެ އެވެ.
ޖެނެރަލް މަޓިސް، 68، މަގާމުން ވަކިވެވަޑައިގަންނަވާނީ ފެބްރުއަރީ މަހު އެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ ސީރިއާގައި ތިބި އެމެރިކާ ސިފައިން ބާލަން ނިންމީ އިސްލާމިކް ސްޓޭޓް (އައިއެސް) ބަލިކޮށްލެވިފައިވާތީ ކަމަށެވެ.
މަޓިސްގެ އިތުރުން ޓްރަމްޕް ސަރުކާރުގެ ވަރަށް ގިނަ އިސް ބޭފުޅުންތަކެއް މީގެ ކުރިން ވަނީ ވަކިވެފަ އެވެ.