21 ޑިސެމްބަރ 2018 - 14:56

ހއ. ދިއްދޫ ކައިރި ފަޅު ރަށެއްގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެން އިއްޔެ މަރުވި ފަސް އަހަރުގެ ކުއްޖާގެ އާއިލާއާ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްދަލު ކުރައްވައިފި އެވެ.
ހއ. ވަށަފަރު ފަޅުތެރޭގައި އޮންނަ ކުޑަ ރަށް ކައިރިއަށް މޫދަށް އެރި އުޅެނިކޮށް މަރުވީ، ހދ. ނޮޅިވަރަމް، ޝިފާން ބިން މުހައްމަދެވެ. އެ ކުއްޖާގެ އާއިލާއާ ނައިބު ރައީސް ބައްދަލު ކުރައްވައި އެމަނިކުފާނު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ވަނީ ތައުޒިޔާ ދަންނަވައިފަ އެވެ.
ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވެސް މިއަދު ނޮޅިވަރަމްފަރަށް ވަޑައިގެން ޝިފާންގެ އާއިލާއާ ބައްދަލު ކުރެއްވި އެވެ.
ދިއްދޫން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވާ ގޮތުގައި ޝިފާން މަރުވި ރަށަށް، ދިއްދުއާ ކައިރި ރަށްރަށުގެ މީހުން ވަރަށް ގިނަ އިން ދަތުރު ދެ އެވެ.
"ޝިފާން މޫދުގައި އުޅެނިކޮށް، އޮއިވަރެއްގައި ޖެހިގެން ބޭރަށް ދަމައިގަތީ ކަމަށް ވަނީ. އެ މަންޒަރު މޫދުގައި ތިބި ބަޔަކަށް ފެނިގެން ނެގިއިރު، އެއްވެސް ހަރަކާތެއް ނެތް،" ދިއްދޫން ވާހަކަ ދެއްކި މީހަކު ބުނެފައިވެ އެވެ.