އަނބުރާ ގެޔަށް މިއައީ: ސޯލްޝެއާ
އަނބުރާ ގެޔަށް މިއައީ: ސޯލްޝެއާ

މެންޗެސްޓާ (ޑިސެމްބަރު 21) – މެންޗެސްޓާ ޔުނައިޓެޑަށް އަލުން އާދެވުމުން އިހުސާސްކުރެވެނީ އަނބުރާ ގެޔަށް އައުމުން ކުރެވޭ ފަދަ އިހުސާސެއް ކަމަށް އެ ޓީމުގެ ވަގުތީ ކޯޗަކަށް ހަމަޖައްސާވައިވާ ކުރީގެ ފޯވާޑް ނޯވޭގެ އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

އޭނާ އަށް މި ސީޒަނުގެ ނިޔަލަށް އެ ކްލަބުގެ ކޯޗުކަން ދިނީ ހޯސޭ މޮރީނިއޯ ވަކިކޮށް އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކްލަބް ކުރަމުންދާ ދުވަސްވަރު ޓީމަށް އިރުޝާދުދިނުމަށެވެ.

"ގެޔަށް އައިކަމުގެ އިހުސާސްކުރެވެނީ،" ނޯވޭ އަށް އުފަން ސޯލްޝެއާ ބުންޏެވެ. "ހަ މަސް ދުވަސް މިއޮތީ. އަހަރެން މި ދަތުރުން ހިތްހަމަޖެހުން ހޯދާނަން. އަހަރެން އަހަރެންގެ ގޮތުގައި ހުރުން މީގައި އޮތީ."

މި ހަ މަސް ދުވަހު އޭނާގެ ނަތީޖާތައް ރަނގަޅު ނަމަ ދާއިމީ ކޮންޓްރެކްޓެއް ކްލަބުން ދީފާނެ ކަމަށް ވެސް ބެލެވެ އެވެ. އެކަމަކު ސޯލްޝެއާ ވަނީ ސީދާ އެކަމަށް މަސައްކަތްކުރުމުގެ ވިސްނުމެއް ނެތް ކަމަށް އިޝާރާތްކޮށްފަ އެވެ.

"ކްލަބުން އަންނަނީ އާ ކޯޗަކު ހޯދުމުގެ މަސައްކަތްކުރަމުން. އެހެންވީމާ އަހަރެން އަހަރެންގެ ގޮތުގައި މިދުވަސްވަރު ހުންނާން،" ސޯލްޝެއާ ބުންޏެވެ.

އުމުރުން 45 އަހަރުގެ ސޯލްޝެއާ އަކީ 1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ފަހު ވަގުތު ބަޔާން މިއުނިކް އަތުން 2-1 އިން މޮޅުވެ ޔުނައިޓެޑުން މުބާރާތް ކާމިޔާބުކުރިއިރު ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި އިތުރު ވަގުތުގެ ތެރޭ ލަނޑު ޖެހި ފޯވާޑެވެ. އެ ކްލަބަށް 11 އަހަރުތެރޭ އޭނާ ވަނީ 360 މެޗު ކުޅެދީފަ އެވެ.

ސޯލްޝެއާގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑް ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ނުކުންނާނީ ކާޑިފް ސިޓީއާ ދެކޮޅަށެވެ. އެއީ އޭނާ ކުރިން ކޯޗުކޮށްދިން ޓީމެކެވެ. ކާޑިފްގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން 10:30 ގަ އެވެ.