އިމްރާނުގެ ހާއްސަ މެޗު 30 ވަނަ ދުވަހުގެ ރެޔަށް ފަސްކޮށްފި
އިމްރާނުގެ ހާއްސަ މެޗު 30 ވަނަ ދުވަހުގެ ރެޔަށް ފަސްކޮށްފި

ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލުމުގެ ގޮތުން ކުޅޭ ހާއްސަ މެޗު މި މަހުގެ 30 ވަނަ ދުވަހުގެ ރެޔަށް ފަސްކޮށްފި އެވެ.

އެންމެ ފުރަތަމަ މި މަހުގެ 29 ވަނަ ދުވަހުގެރޭ ކުޅެން އޮތް މެޗު ޖެހިގެން އޮތް ރެޔަށް ބަދަލުކުރީ ރަސްމީ އެހެން އިވެންޓްތަކެއް އޮތުމުން، ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭ ގޮތަށް މެޗު ބޭއްވުމަށެވެ.

މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް އާއި އެފްއޭއެމް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މި އަހަރުގެ ހަފުލާގެ ބަޔެއްގެ ގޮތުގައި ކުޅޭ މި މެޗު ފަސްވި ނަމަވެސް އެވޯޑް ހަފުލާ ކުރިން ވެސް ރޭވިފައިވާ ގޮތަށް 28 ވަނަ ދުވަހު ހަވީރު އޮންނާނެ އެވެ.

ގަލޮޅު ދަނޑުގައި ކުޅޭ މި މެޗަށް މީހުން ވައްދާނީ ޓިކެޓް ވިއްކައިގެންނެވެ. އަދި އެގޮތުން ލިބޭ ފައިސާގެ ތެރެއިން ބަޔެއް އިމްރާން ބޭނުންވާ އެންޖީއޯއަކަށް ހަދިޔާކުރާނެ އެވެ.

މި މެޗުގައި "އިއްމަ 11" ގެ ނަމުގައި އެއްކޮޅުން އިމްރާނުގެ ޓީމު ކުޅޭއިރު އަނެއް ކޮޅުން ނުކުންނާނީ "އެފްއޭއެމް 11" އެވެ. އެ ޓީމަށް ކުޅެން މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ގޯލްކީޕަރު ޑެންމާކުގެ ޕީޓާ ޝުމައިކަލް އަދި ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންޑަރު ސްޕެއިނުގެ މިޝޭލް ސަލްގާޑޯ ގެންނަ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އިމްރާނުގެ ޓީމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވެސް ކުޅޭނެ އެވެ. ދެން ވެސް ހިމެނެނީ އޭނާއާ އެކު 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތާއި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންނެވެ. ކޯޗަކަށް ހަމަޖައްސާފައިވަނީ އިމްރާނަށް ގައުމީ ޓީމުން އަލަށް ފުރުސަތު ދިން ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފެވެ.