ކުޅުން ހުއްޓާލަން ހާއްސަ މެޗެއް، ކުޅިވަރުގައި ނަމޫނާއެއް
ކުޅުން ހުއްޓާލަން ހާއްސަ މެޗެއް، ކުޅިވަރުގައި ނަމޫނާއެއް

ކުޅިވަރު ތަރިންނަކީ އެތައް ގުރުބާނީތަކެއްވެ، ގައުމަށް ބޮޑު ހިދުމަތެއްކޮށްދޭ ބަތަލުންގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު އެވެ. މީގެ ދެ އަހަރު ކުރިން ގައުމީ ޓީމަށް އިމްރާން ކުޅުން ހުއްޓާލި މެދުކެނޑުމެއްނެތި 17 އަހަރު ކުޅުމަށް ފަހު އެވެ. އޭރު ވެސް މިހާރު ވެސް ގިނަ ބަޔަކު އެއްބަސްވާ އެއް ކަމަކީ ޝަރަފްވެރިކަމާ އެކު ކުޅުން ހުއްޓާލުމުގެ ފުރުސަތު އިމްރާނަށް ލިބެން ޖެހޭ ކަމެވެ.

ކުޅުން ހުއްޓާލަން ހާއްސަ މެޗެއް، ކުޅިވަރުގައި ނަމޫނާއެއް
ކުޅުން ހުއްޓާލަން ހާއްސަ މެޗެއް، ކުޅިވަރުގައި ނަމޫނާއެއް

އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. އޭގެ ފަހުން އަލުން ގައުމީ ޓީމަށް އަންނަން ވެސް އިމްރާނަށް ދައުވަތު ލިބުނެވެ. އެކަމަކު އެ ދައުވަތު ގަބޫލެއް ނުކުރެ އެވެ. ތަފާތު ސަބަބުތަކާ ހުރެ އެވެ. ފާއިތުވި ދެ އަހަރެއްހާ ދުވަސް ތެރޭ އިމްރާންގެ ރިޓަޔަމެންޓް މެޗުގެ ވާހަކަ ބައެއް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދެކެވުނެވެ. އެކަމަކު އަމަލީ ސިފައެއް ނާދެ އެވެ.

އެކަން ހަގީގަތަކަށްވީ މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް އާއި އެފްއޭއެމް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މި އަހަރުގެ ހަފުލާގެ ބަޔެއްގެ ގޮތުގައި މެޗު ކުޅެން ހަމަޖެއްސުމާ އެކު އެވެ. މި މަހުގެ 30 ވަނަ ދުވަހުގެރޭ ކުޅޭ މިމެޗުގައި އިމްރާން ބޭނުންވާ ކުޅުންތެރިން ހިމަނައިގެން އޭނާގެ ޓީމެއް ނެރޭއިރު އަނެއްކޮޅުން ނުކުންނާނީ އެފްއޭއެމްގެ ޓީމެކެވެ. އެ ޓީމަށް، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ޑެންމާކުގެ ޕީޓާ ޝުމައިކަލް އަދި ސްޕެއިނުގެ މިޝޭލް ސަލްގާޑޯ ވެސް ކުޅޭނެ އެވެ.

"އިމްރާނަށް އެންމެ މަތީ ޝަރަފާ އެކު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ފުރުސަތު އޮންނަން ޖެހޭ. އޭނާ އަކީ މި ގައުމުގެ ބަތޮލެއް. ލެޖެންޑެއް،" އިމްރާންގެ ސަޕޯޓަރަކު "މިހާރަ"ށް ބުންޏެވެ.

އިމްރާން ދެ އަހަރު ކުރިން ކުޅުން ހުއްޓާލާފައިވަނިކޮށް އަލުން އޭނާ ރިޓަޔާކުރުމަށް ހާއްސަ މެޗެއް ބާއްވާތީ އެކަމުގެ މަގުސަދާ ބެހޭގޮތުން ހިޔާލުތަފާތުވުންތަކެއް އުޅުން އެކަށީގެންވެ އެވެ. އެކަމަކު ކުޅުންތެރިއަކު ގައުމަށް ކޮށްދިން ކަމެއްގެ އަގުވަޒަންކުރުމަކީ ވަކި ތާރީހެއް އޮންނަން ޖެހޭ ކަމެއް ކަމަށް ފުޓްބޯޅަ ދުނިޔެ ގަބޫލެއް ނުކުރެ އެވެ. އެކަމަކަށް ބާރު ލިބޭ ކަމެއް ދާދި ފަހުން ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

މީގެ ދެ އަހަރު ކުރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލި އުމުރުން 33 އަހަރުގެ ރޫނީގެ ރިޓަޔަކުރުމަށް ހާއްސަކޮށް ދާދި ފަހުން އިންގްލެންޑުން ވެސް ވަނީ މެޗެއް ކުޅެފަ އެވެ. މިދިޔަ މަހު 15 ވަނަ ދުވަހު އެމެރިކާއާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗު ރަސްމީ ޝަރަފުގައި ރޫނީ އިންގްލެންޑުން ރިޓަޔާކުރުމުގެ ފުރުސަތު ދިނެވެ. އަދި އިނގިރޭސި އެފްއޭ އިން ބުނީ ކުޅުންތެރިންގެ އަގުވަޒަންކުރުމަކީ ލަސްވިޔަސް ނުކޮށްދޫކޮށްލަން ޖެހޭ ކަމެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

އިމްރާން ކުޅުން ހުއްޓާލީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖަށް ރާއްޖެ ކޮލިފައިކޮށްދިނުމަށް ފަހު އެވެ. މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެ އަށް އޮތުމުން ކޮލިފައިންގައި އޭނާ ކުޅެން ސަޕޯޓަރުން ބޭނުންވި ވެސް ވި އެވެ. އެކަމަކު އުމުރުން 37 އަހަރުގެ އިމްރާން ތަފާތު ސަބަބުތަކާ ހުރެ ގައުމީ ޓީމަށް އެނބުރި އަންނަން ބޭނުމެއްނުވި އެވެ. އެންމެ މުހިއްމު ސަބަބަކީ އާ ކީޕަރަކަށް ފުރުސަތު ދިނުމެވެ.

ކުޅިވަރު އެކި ތަރިންގެ އަގުވަޒަންކުރުމުގެ މެޗުތައް ދުނިޔޭގެ ނިސްބަތުން ބަލާއިރު ކުރިއަށްގެންދަނީ އިޖުތިމާއީ ކަންތައްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ވެސް އެކީގަ އެވެ. އެކި ޖަމިއްޔާތައް ބައިވެރިކޮށްގެނެވެ. އެއީ އެ މެޗެއް ނޫނީ އެ ހަރަކާތެއްގެ ޒަރިއްޔާ އިން އެހީތެރިކަން ބޭނުންވެފައި ތިބި މީހުންނަށް ގޮތްތަކެއް ވެސް އޭގެން ހޯދައިދެވޭނެތީ އެވެ. ފުޓްބޯޅަ ކުޅުންތެރިންގެ ހިދުމަތުގެ އަގުވަޒަންކުރުމަށް ދުނިޔޭގެ އެކި ތަންތަމުގައި ކުޅޭ މެޗުތައް (ޓެސްޓިމޯނިއަލް މެޗު) ހަގީގަތުގައި ވެފައި އޮންނަނީ ޗެރިޓީ އިވެންޓެއްގެ ގޮތުގަ އެވެެ.

އިމްރާން ފަދަ އިޖުތިމާއީ ހަރަކާތްތަކުގައި ވެސް ބައިވެރިވެފައިވާ ތަރިއަކު ގައުމީ ޓީމަށް ކުޅުން ހުއްޓާލާއިރު، މީގައި އަމިއްލަ ޖަމިއްޔާތައް ނުވަތަ އެންޖީއޯތައް ބައިވެރިކުރުމަކީ ހަގީގަތުގައި ރަނގަޅު ވިސްނުމަކަށް ވާނެ އެވެ. އެއީ އިޖުތިމާއީ ހަރަކާތަކާ އެކު ކުރިއަށްގެންދިއުމުން މީގެ ފައިދާ ތަފާތު ގޮތްގޮތަށް ލިބޭނެ އެވެ.

އިޖުތިމާއީ މަސައްކަތްތަކުގައި އުޅޭ ޖަމިއްޔާތަކަށް އެފްއޭއެމުގެ އެހީތެރިކަން މެޗެއްގެ ޒަރިއްޔާ އިން ލިބޭ ގޮތަށް ރާވާފައި އޮންނަނީ އަހަރުގެ ސީޒަން ހުޅުވާ ޗެރިޓީ ޝީލްޑް މެޗުންނެވެ. މި އަހަރުގެ ޗެރިޓީ މެޗު ތަފާތު ސަބަބުތަކާ ހުރެ ނުކުޅެ އެވެ. މިއީ 2009 ވަނަ އަހަރުން ފެށިގެން އަހަރު އެއް ފަަހަރު ގަވާއިދުން ކުޅެމުން އަންނަ މެޗު ނެތި ސީޒަން ފެށުނު ފުރަތަމަ ފަހަރެވެ.

ޗެރިޓީ މެޗުގެ ޒަރިއްޔާ އިން މިދިޔަ އަހަރު ވަނީ ފަސް ޗެރިޓީ އަކަށް ފައިސާ ހަދިޔާކޮށްފަ އެވެ. މީގެ ކުރިން މޮޅުވާ ޓީމަކަށް ވަކި ޕަސެންޓެއްގެ ފައިސާ އިނާމް ނެގުމަށް ފަހު ބާކީ ޗެރިޓީ އަށް ހަދިޔާ ކުރެ އެވެ. އެކަމަކު މިދިޔަ އަހަރު އެއްކޮށް އެ ފައިސާ ހަދިޔާ ކުރީ ޗެރިޓީ އަށެވެ.

އިމްރާނަށް ހާއްސަ މެޗުން ވެސް ލިބޭ ފައިސާ އިން ބަޔެއް އިމްރާން ބޭނުންވާ ޖަމިއްޔާއަކަށް ހަދިޔާކުރުމުގެ ފުރުސަތު އެފްއޭއެމުން ވަނީ ދީފަ އެވެ. އެ ސަބަބުތަކާ ވެސް އެކުގައި މި މެޗުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެކެވެ. އެފްއޭއެމުން ވެސް ވަނީ ގައުމަށްޓަކައި ގިނަ ހިދުމަތްތަކެއް ކޮށްދިން އިމްރާނަށް ހާއްސަކޮށް ކުޅޭ މި މެޗުގައި ދަނޑުމަތިންނާއި ދަނޑު ބޭރުން ތަފާތު ފެންނަން ޖެހޭ ކަމަށް ބުނެފަ އެވެ.

ފާއިތުވި އަހަރުތަކަށް ބަލާއިރު އެކި ކުޅިވަރުތަކުން ގައުމަށް ގިނަ ހިދުމަތްތަކެއް ކޮށްދިން ކުޅުންތެރިން ވަނީ ރިޓަޔަކޮށްފަ އެވެ. އެކަމަކު އެ ތަރިންނަށް ހައްގުވާ މިންވަރުގެ ރިޓަޔަމެންޓް މެޗެއް ރޭވިފައި ނެތެވެ. މިސާލަކަށް ބަލާއިރު ގައުމީ ވޮލީ ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) 14 އަަހަރަށް ފަހު ވޮލީބޯޅަ ކުޅުން ހުއްޓާލީ މި އަހަރު ފެބްރުއަރީ މަހު އެވެ. އޭނާ އަށް ޝަރަފްގައި ރިޓަޔާކުރުމުގެ ފުރުސަތު ލިބެން ޖެހޭ ކަމަށް ގިނަ ބަޔަކު އޭރު ވެސް ދިޔައީ ބުނަމުންނެވެ. މެދުކެނޑުމެއްނެތި ގިނަ އަހަރުތަކެއް ވަންދެން ގައުމަށް ހިދުމަތްކޮށްދޭ ކުޅުންތެރިން ކުޅުން ހުއްޓާލާއިރު، އޭގެ އަގުވަޒަންކުރުމަކީ ދުނިޔެ ދައްކާ ރީތި މިސާލެކެވެ.