21 ޑިސެމްބަރ 2018 - 00:16

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ތިމަރަފުށި ދާއިރާގެ އެމްޑީޕީގެ ޓިކެޓު ހޯދުމަށްޓަކައި އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ފުރުސަތު އެ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު މުސްތަފާ އަށް ހަނި ނުކުރެވޭނެ ކަމަށް އެ ޕްރައިމަރީއާ ގުޅޭ ޝަކުވާ ބަލާ ކޮމެޓީން މިރޭ ނިންމައިފި އެވެ.
މުސްތަފާ އަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހަނި ނުކުރެވޭނެ ކަމަށް ނިންމީ، ޕްރައިމަރީގައި އޭނާ އަށް ވާދަނުކުރެވޭނެ ކަމަށް ބުނެ ތިމަރަފުށީ ނިޝާން، އިސްމާއިލް ސަނާހް މިިދިޔަ ހަފުތާގެ އަންގާރަ ދުވަހު ހުށަހެޅި ޝަކުވާ އަކާ ގުޅިގެންނެވެ. އޭނާ އެދިފައި އޮތީ މުސްތަފާ، 2014 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީ އަށް ވާދަކުރެއްވުމުގައި ސޮއިކުރެއްވި އިގުރާރާ ޚިލާފުވެފައި ވާ ކަމަށް ބުނެ، އަންނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ވާދަނުކުރެއްވޭނެ ކަމަށް ބުނެ އެވެ.
ނަމަވެސް އެ މައްސަލަ ކޮމިޓީން ބެލުމަށް ފަހު ނިންމީ އެމްޑީޕީން މެމްބަރުން ޑިސްކޮލިފައި ކޮށްފައި ވަނީ ފިޔަވަޅު އަޅާ ކޮމިޓީ އަށް މައްސަލަ ހުށަހެޅުމުން އެ ކޮމިޓީން ކަމަށެވެ. އަދި ޑިސްކޮލިފައި ކުރުމާއި ޕާޓީން ވަކި ކުރުން ފަދަ ފިޔަވަޅު އެޅުމަކީ ޕާޓީގެ ވަކި ގުނަންތަކަކަށް ލިބޭ ބާރަކަށް ވާއިރު މުސްތަފާއާ މެދު ފިޔަވަޅު އަޅަން ޕާޓީން މިހާތަނަށް ނިންމާފައި ނުވާ ކަމަށް ވެސް ކޮމިޓީން ބުނެ އެވެ.
"ވީމާ އިސްވެ ދެންނެވުނު ކަންކަން އެހެން ހުރުމުން، ޕްރައިމަރީގެ ޝަކުވާ ބަލާ ކޮމިޓީން ނިންމާފައި ވަނީ، މުހައްމަދު މުސްތަފާ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެ ކޮމިޓީ އަށް ހަނި ނުކުރެވޭނެ ކަމަށެވެ،" މައްސަލަ ނިންމި ގޮތުގެ ބަޔާނުގައި ވެ އެވެ.
މީގެ ކުރިން 2014 ވަނަ އަހަރު އެމްޑީޕީގެ ޓިކެޓުގައި މުސްތަފާ ވާދަކުރައްވައި އިންތިހާބު ވުމުން ވަނީ އޭރު ވެރިކަން ކުރި ޕާޓީ، ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.
އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވާއިދުގެ 51 ވަނަ މާއްދާގައި ބުނެފައި ވަނީ ގައުމީ އިންތިހާބަކަށް ކުރިމަތިލުމަށް ބާއްވާ ޕްރައިމަރީގެ އިގްރާރާ ހިލާފުވުމަކީ ކުށެއް ކަމަށެވެ. އަދި ބުނެފައި ވަނީ އެ މާއްދާއާ ހިލާފުވެއްޖެ ނަމަ އަދަބަކީ އެއް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޕާޓީގެ އެއްވެސް މަގާމަކަށް ކުރިމަތިލުން މަނާ ކުރުން ނުވަތަ ޕާޓީން ވަކި ކުރުން ކަމަށެވެ.
މުސްތަފާގެ އިތުރުން ތިމަރަފުށީ ދާއިރާގެ ޕްރައިމަރީގައި ވާދަކުރަން ހުށަހަޅާފައިވާ އަންވަރު އިބްރާހީމާ ގުޅޭ މައްސަލައެއް ވެސް ކޮމެޓީން ވަނީ ނިންމައިފަ އެވެ. އޭނާއާ ގުޅޭގޮތުން މ. ރުއްފުށި، އިބްރާހިމް ރަޝީދު މިިދިޔަ އަންގާރަ ދުވަހު މައްސަލަ ހުށަހަޅާފައިވަނީ ހުކުމާ އެއްގޮތަށް އަންވަރު ސާބިތު ދަރަނިތަކެއް ނުދައްކާ ކަމަށް ބުނެ އެވެ.
އެ މައްސަލަ ނިންމުމަށް ފަހު ކޮމެޓިން ބުނީ އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހެއް ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދިއުމަކީ، ޕްރައިމަރީގެ މަރުހަލާގައި ވާދަކުރުމަށް ޝަރުތު ފުރިހަމަނުވާ ކަމެއް ކަމުގައި ބެލެން ނެތް ކަމަށެވެ. އަދި އެ މައްސަލަ އަކީ އެމްޑީޕީގެ ކަމާބެހޭ އެހެން ގުނަނެއްގެ ސަމާލުކަމަށް ފޮނުވަން ޖެހޭވަރުގެ މައްސަލައެއް ވެސް ނޫން ކަމަށެވެ.