20 ޑިސެމްބަރ 2018 - 21:49

ލީޑަޝިޕާ ގުޅޭގޮތުން ސައިރިކްސް ކޮލެޖުން ހިންގި ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވި 27 މީހަކަށް މިއަދު ސެޓްފިކެޓް ދީފި އެވެ.
ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ "ސިޓުއޭޝަން ލީޑަޝިޕް ވިތު ޕާސެނާލިޓޫ ޓަައިޕްސް" ވޯކްޝޮޕްގައި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ މީހުން ވަނީ ބައިވެރިވެފަ އެވެ. އެ މީހުންނަށް ތަމްރީނު ދީފައި ވަނީ މެލޭޝިޔާގެ ތަޖުރިބާކާރެކެވެ.
ވޯކްޝޮޕާ ގުޅޭގޮތުން ސައިރިކްސްގެ ޑީން އޮފް ސްޓޫޑެންޓް އަނިލް އާދަމް ވިދާޅުވީ ތަފާތު ދާއިރާތަކުގެ ހިންގުން ރަނގަޅު ކޮށްދިނުމުގައި މަސައްކަތް ކޮށްދިނުމަށް އެ ކޮލެޖުން ބޭނުންވާ ކަމަށެވެ. އެއީ އޭގެ ތެރެއިން ހިންގި ވޯކްޝޮޕެއް ކަމަށް ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ ކުންފުންޏެއްގެ އެންމެ މުހިއްމު ވަސީލަތަކީ އެ ތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށެވެ. އެގޮތުން ރާއްޖޭގައި މިވަގުތު ތިބި ބޮޑެތި ކުންފުނިތަކުގައި ވެސް އެކި ގައުމުތަކުގެ މީހުން މަސައްކަތް ކުރާ ކަމަށާއި ބޭނުމަކީ އެ ތަފާތުތަކާ އެކު ވެސް މުވައްޒަފުން ލީޑް ކުރާނެ ގޮތްތައް ދަސްކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ތަފާތު މިޒާޖާއި އެކި އުމުރުގެ މީހުންނާ އެއްކޮށް މަސައްކަތް ކުރާނެ ގޮތްތައް ވެސް ވޯކްޝޮޕްގައި ކިޔައިދީފައިވާކަން އަނިލް ފާހަގަކުރެއްވި އެވެ.