20 ޑިސެމްބަރ 2018 - 20:39

ރާއްޖޭގެ އާބާދީ އުޅެނީ ފަސް ލައްކަ އަށް ވުރެ ދަށުގައި ކަމަށް ވިޔަސް ބޭނުންކުރާ ސިމް ކާޑުގެ އަދަދު މިލިއަނަކަށް އަރާ ކަމަށް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.
ސައިރިކްސް ކޮލެޖުން ހިންގި ތަމްރީން ޕްރޮގްރާމެއްގެ ނިމުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން މަލީހް ވިދާޅުވީ، ރާއްޖޭގައި 450،000 އެއްހާ މީހުން ދިރިއުޅެމުން އަންނައިރު އެ ކޮންމެ މީހަކަށް ދެ ސިމް ކާޑުގެ މަގުން ސިމް ބޭނުން ކުރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ، ދުނިޔެ ތަރައްގީ ވަމުން އަންނަ ވަރަކަށް ޓެކްނޮލޮޖީއާ ނުލައި އުޅެވޭކަށް ނެތް ކަމަށެވެ. އެހެންވެ، އެ ދާއިރާ އިތުރަށް ތަރައްގީ ކުރުމަށްޓަކައި ރާއްޖެއަށް މި ވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ޓެކްނޮލޮޖީގެ ދާއިރާއިން ގިނަ އަދަދެއްގެ ޒުވާނުން ތަމްރީން ވެފައި ތިބުން ކަމަށް ވިދާޅުވި އެވެ.
"ޓެކްނޮލޮޖީއާ ނުލައި އުޅެވޭކަށް ނެތް. ކޮންމެ ދިވެހި ރައްޔިތެއްގެ އަތުގައި، އުމުރުން ދުވަސްވީ ކަމުގައި ވިޔަސް ސްމާޓް ފޯނެއް ހަމަ ކޮންމެ ބޭފުޅެއް ވެސް އެބަ ގެންގުޅޭ. ދުނިޔެއާ ގުޅާލާފައި މިއޮތީ ހިދުމަތް ހޯދުމުގައި އަމިއްލަ ސްމާޓް ފޯނެއް އެބަ ބޭނުންވޭ. މި ހުރި ކަންކަމަކީ ސަރުކާރަކުން ވިސްނައި ދިރާސާ ކުރަންޖެހޭ ކަންކަން،" ސައިރިކްސް ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި އެވެ.
ޓެކްނޮލޮޖީގެ ދާއިރާ ހަރުދަނާ ކުރަން މާސްޓަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މަލީހް ވިދާޅުވި އެވެ. އަދި އެއް ޕޯޓަލް އަކުން ސަރުކާރުގެ ހުރިހާ ހިދުމަތެއް ބޭނުން ކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތް ވެސް ކުރާ ވިދާޅުވި އެވެ.
މަލީހް ވިދާޅުވި ގޮތުގައި، އިންޓަނެޓުގެ ޚިދުމަތުގެ އަގުބޮޑު ކަމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ. އަދި އެކަން ރަނގަޅަށް އެނަލައިޒްކޮށް، ބަދަލު ގެނެވޭނެ ކަންތައްތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވި އެވެ.