20 ޑިސެމްބަރ 2018 - 16:25

ރައްޔިތުންގެ މަޖިލިީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކުރެއްވޭނެ ކަމަށް ބުނެ އެ ޕާޓީއަށް ޝަކުވާއެއް ހުށަހަޅައިފި އެވެ.
ބުދަ ދުވަހު އެމްޑީޕީއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައި ވަނީ އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން އިންތިހާބުވެއްޖެ ނަމަ ޕާޓީން ނުކެނޑޭނެ ކަމަށް ބުނެ އިގްރާރެއްގައި ސޮއިކުރަންޖެހޭ ކަމަށެވެ.
މީގެ ކުރިން 2014 ވަނަ އަހަރު އެމްޑީޕީގެ ޓިކެޓުގައި މުސްތަފާ ވާދަކުރައްވައި އިންތިހާބުވުމުން ޕާޓީ ބަދަލުކުރެއްވިކަން ފާހަގަކޮށް އެ ސިޓީގައި ބުނެފައި ވަނީ ސޮއިކުރި އިގްރާރާ ހިލާފުވެއްޖެ ނަމަ އެއް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޕާޓީގެ އެއްވެސް އިންތިހާބެއްގައި ބައިވެރިނުވެވޭނެ ކަމަށް އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވާއިދުގައި ބުނެފައިވާ ކަމަށެވެ.
"އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވާއިދުވާ ގޮތުގެ މަތިން 2019 ވަނަ އަހަރުގެ މަޖިލިސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މުހައްމަދު މުސްތަފާއަށް ލިބިގެނެއް ނުވޭ،" އެ ސިޓީގައިވެ އެވެ.
އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ މުސްތަފާއަށް ޕްރައިމަރީގައި ވާދަނުކުރެއްވޭނެ ކަމަށް ބުނެ ހުށަހަޅާފައިވާ ސިޓީ ލިބިފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެކަމާ މެދު ގޮތެެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ޝަކުވާއެއް ވެސް ދާނީ ކޮމްޕްލެއިންސް ކޮމެޓީއަކަށް. އެ މައްސަލަ ވެސް މިހާރު ވާނީ ކޮމްޕްލެއިންސް ކޮމެޓީގައި. އެކަމަކު މިހާތަނަށް އެ މައްސަލައިގައި ގޮތެއް ނުނިންމާ،" އަފްޝަން ވިދާޅުވި އެވެ.
އެ މައްސަލައިގައި މުސްތަފާ ވިދާޅުވީ އޭނާ 2014 ވަނަ އަހަރު ޕީޕީއެމަށް ސޮއިކުރުމުން އެމްޑީޕީން ވަކިވެފައިވާ ކަމަށެވެ. އެހެންކަމުން މިހާރު އޭނާ ބެލެވޭނީ އެމްޑީޕީއަށް އަލަށް ވަދެފައިވާ މީހެއްގެ ގޮތުގައި ކަމަށް މުސްތަފާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ވާދަ ކުރެވޭނެ ކަމަށް ގަބޫލު ކުރެވެނީ،" މުސްތަފާ ވިދާޅުވި އެވެ.
އޭގެ އިތުރުން މުސްތަފާ ވިދާޅުވީ 2014 ވަނަ އަހަރު އޭނާ އެމްޑީޕީން ވަކިވެ ޕީޕީއެމަށް ސޮއި ކުރެއްވީ އެކަން ނުކޮށްފި ނަމަ ޖުޑިޝަރީ މެދުވެރިކޮށް ގޮނޑި ގެއްލުވާލާނެ ކަމަށް އިންޒާރު ދިނުމުން ކަމަށެވެ.
"އަޅުގަނޑު ތިމަރަފުށީ ދާއިރާގެ ރައްޔިތުންނާ ވެސް އެކަމާ މަޝްވަރާ ކުރިން. ރައްޔިތުން ބުނީ އެއްގޮތަކަށް ވެސް ގޮނޑި ގެއްލުވާލައިގެން ނުވާނެ ކަމަށް. އެ މައްސަލައިގައި އަޅުގަނޑު ވާހަކަ ދެއްކި ރައީސް މުހައްމަދު ނަޝީދާ ވެސް. ނަޝީދު ވެސް ފަހުން ވިދާޅުވި އެކަމުގައި އެހެން ގޮތެއް ނެތް ކަމަށް،" މުސްތަފާ ވިދާޅުވި އެވެ.
އެމްޑީޕީގެ އިންތިހާބާ ބެހޭ ގަވާއިދުގެ 51 ވަނަ މާއްދާގައި ބުނެފައި ވަނީ ގައުމީ އިންތިހާބަކަށް ކުރިމަތިލުމަށް ބާއްވާ ޕްރައިމަރީގެ އިގްރާރާ ހިލާފުވުމަކީ ކުށެއް ކަމަށެވެ. އަދި ބުނެފައި ވަނީ އެ މާއްދާއާ ހިލާފުވެއްޖެ ނަމަ އަދަބަކީ އެއް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޕާޓީގެ އެއްވެސް މަގާމަކަށް ކުރިމަތިލުން މަނާ ކުރުން ނުވަތަ ޕާޓީން ވަކި ކުރުން ކަމަށެވެ.