ރައްކާތެރިކަމާ ބެހޭ ގަވައިދު އަންނަ ހަފުތާގައި ނިމޭނެ: އަސްލަމް
ރައްކާތެރިކަމާ ބެހޭ ގަވައިދު އަންނަ ހަފުތާގައި ނިމޭނެ: އަސްލަމް

ބިލްޑިން ކޯޑްގައި ހިމެނޭ ބައިތަކުގެ ތެރެއިން އިމާރާތްކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ހަދަން ޖެހޭ ގަވައިދު އަންނަ ހަފުތާފައި ނިންމައި، އެޓާނީ ޖެނެރަލްގެ ލަފާ ހޯދަން ފޮނުވޭނެ ކަމަށް ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވެއްޖެ އެވެ.

މާލޭގައި އިމާރާތްކުރާ ތަންތަނުގެ ސަލާމަތީ ކަންތައްތައް ހުރިގޮތް ބަލަން ކުރަމުން އަންނަ ސާވޭއާ ބެހޭ ގޮތުން މައުލޫމާތު ދޭން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި އަސްލަމް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދީގެން ކުރީ އެ ގަވައިދުގެ މަސައްކަތް ކަމަށެވެ.

"އަޅުގަނޑުމެން ޓާގެޓް ކުރަމުން މި ގެންދަނީ ފެށޭ ހަފުތާގެ އަންގާރަ ދުވަހަށް ވާއިރަށް އެ ގަވައިދުތަކުގެ ތެރެއިން ތަންތަނުގެ ސަލާމަތްތެރިކަމާ ބެހޭ ގަވައިދު، އެންމެ އިސްކަމެއް ދީގެން އެ ގަވައިދު އޭޖީ އޮފީހަށް ފޮނުވާލެވޭތޯ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަސައްކަތުގެ ދާއިރާއިން އެ ގަވާއިދަށް ޚިޔާލު ހޯދުމަށް އާކިޓެކްޓް އެސޯސިއޭޝަނާއި އިންޖިނިއާސް އެސޯސިއޭޝަނަށް ފޮނުވާފައިވާ ކަމަށެވެ. ގަވައިދަށް ޚިޔާލު ހުށަހަޅަން އެ ދެ ޖަމިއްޔާއަށް ފުރުސަތު ދީފައި ވަނީ އަންނަ އާދީއްތަ ދުވަހާ ހަމަ އަށެވެ.

"ކޮމެންޓެއް އޮވެއްޖެއްޔާ، އެ ކޮމެންޓާ އެކީގައި ރިވިޝަނެއް ގެންނަން ޖެހޭ ކަމަށް ވަންޏާ ރިވިޝަނެއް ގެނެސްފައި އަންގާރަ ދުވަހަށް ހަމައަށް އަޅުގަނޑުމެން އޭޖީ އޮފީހަށް ގާނޫނީ ލަފަޔަށް ގަވައިދު ފޮނުވާނީ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖެހިގެން އަންނަ ހަފުތާގައި ގަވައިދު ގެޒެޓްކުރެވޭ ވަރު ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެެވެ.

އޭނާ ވިދާޅުވީ ބިލްޑިން ކޯޑް ނުވަތަ އިމާރާތްކުރުމުގެ ހުރިހާ ގަވައިދުތަކަކީ މިދިޔަ މާޗް މަހު ނިމިފައި އޮންނަންޖެހޭ އެއްޗެއް ކަމަށެވެ.

މާލޭގައި އިމާރާތްކުރަމުން އަންނަ ތަންތަނުގައި ސަލާމަތީ ކަންތައްތައް ހުރި ގޮތް ބެލުުމުގެ ހާއްސަ މަސައްކަތެއް ޕްލޭނިން މިނިސްޓްރީން ފެށީ ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ކުޑަ ކުއްޖަކު މަރުވުމާ އެކުގަ އެވެ. މިދިޔަ އާދީއްތަ ދުވަހު ހިނގި އެ ހާދިސާގައި މަރުވީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ދެމަފިރިއެއްގެ ދަރިއެކެވެ.