ފަޅު ރަށެއް ކައިރިއަށް މޫދަށް އެރި އުޅުނު ފަސް އަހަރުގެ ކުއްޖަކު މަރުވެއްޖެ
ފަޅު ރަށެއް ކައިރިއަށް މޫދަށް އެރި އުޅުނު ފަސް އަހަރުގެ ކުއްޖަކު މަރުވެއްޖެ

ހއ. ދިއްދޫ ކައިރީގައި އޮންނަ ފަޅު ރަށަކަށް މޫދަށް އެރި އުޅުނު އުމުރުން ފަސް އަހަރުގެ ކުއްޖަކު މިއަދު މަރުވެއްޖެ އެވެ.

މި ހާދިސާގައި މަރުވެފައި ވަނީ ހދ. ނޮޅިވަންފަރަށް އުފަން ޝިފާން ބިން މުހައްމަދެވެ.

ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ހާޝިމް "މިހާރު" އަށް ވިދާޅުވީ ޝިފާން ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

ދިއްދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޝިފާން މަރުވީ މޫދުގައި އުޅެނިކޮށް ގެނބިގެންނެވެ. ޝިފާނާއެކު، އެ ފަޅު ރަށް ކައިރިއަށް އިތުރު ބަޔަކު ވެސް މޫދަށް އެރި އުޅުނު ކަމަށް އޭނާ ބުންޏެވެ.

"ޝިފާން މޫދުގައި އުޅެނިކޮށް، އޮއިވަރެއްގައި ޖެހިގެން ބޭރަށް ދަމައިގަތީ ކަމަށް ވަނީ. އެ މަންޒަރު މޫދުގައި ތިބި ބަޔަކަށް ފެނިގެން ނެގިއިރު، އެއްވެސް ހަރަކާތެއް ނެތް،" ދިއްދޫން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ޝިފާން މަރުވީ ހއ. ވަށަފަރު ފަޅުތެރޭގައި އޮންނަ ކުޑަ ރަށް ކައިރިއަށް މޫދަށް އެރި އުޅެނިކޮށެވެ. އެއީ ދިއްދޫ އާއި ކައިރި ރަށްރަށުގެ މީހުން ވަރަށް ގިނަ އިން ދަތުރު ދާން ބޭނުން ކުރާ ރަށެކެވެ. ދިއްދޫގެ ބައެއް މީހުން ބުނި ގޮތުގައި، އެ ރަށް ކައިރީގައި އޮއި ދަމާ ހިސާބެއް ވެސް އޮވެ އެވެ.