ކުރީގެ ތަރިން ހިމަނައިގެން އިމްރާނުގެ ޓީމު އިއުލާންކޮށްފި
ކުރީގެ ތަރިން ހިމަނައިގެން އިމްރާނުގެ ޓީމު އިއުލާންކޮށްފި

ރާއްޖޭގެ ފުޓްބޯޅައިގައި މިދިޔަ ވިއްސަކަށް އަހަރު ވިދާލި މަޝްހޫރު ކުޅުންތެރިންނާ އެކު، ގޯލްކީޕަރު އިމްރާން މުހައްމަދު އޭނާގެ ވަދާއީ މެޗަށް ޓީމު ނަގައިފި އެވެ.

ކުރީގެ ތަރިން ހިމަނައިގެން އިމްރާނުގެ ޓީމު އިއުލާންކޮށްފި
ކުރީގެ ތަރިން ހިމަނައިގެން އިމްރާނުގެ ޓީމު އިއުލާންކޮށްފި

އިމްރާން ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ފާހަގަކޮށް އޭނާ އަށް އަލްވަދާއު ކިއުމުގެ އެފްއޭއެމް އާއި މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް އިން ރާވާ މި މެޗުގައި "އިންމަ 11" ނަމުގައި ނުކުންނަ އިމްރާނުގެ ޓީމާ ވާދަކުރާނީ "އެފްއޭއެމް 11" އެވެ.

އިމްރާނުގެ ޓީމުގައި ގިނައީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ ކުޅުންތެރިންނެވެ. އެއީ އައްސަދު އަބްދުލް ގަނީ، އަލީ އަޝްފާގް (ދަގަނޑޭ)، އަލީ އުމަރު، އިބްރާހިމް ފަޒީލް (އޮއްޕޮ)، އަހުމަދު ތޯރިގް (ޓޮމް)، ސޮބާހު މުހައްމަދު، މުހައްމަދު ޖަމީލް، މުޚުތާރު ނަސީރު (ޓޫކިލޯ)، އިސްމާއިލް މުހައްމަދު (އިއްސޭ)، އަހުމަދު ސައީދު (އައްމަޓީ)، މުހައްމަދު ސިފާން (ކުޑައްޓޭ)، މުހައްމަދު އުމެއިރު އަދި ޝަމްވީލް ގާސިމް (ބޮންޑާ) އެވެ.

ދެން ހިމެނޭ ކުޅުންތެރިންނަކީ އިމްރާން ވިދާލި މުބާރާތް ކަމަށްވާ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީގައި އޭނާއާ އެކު ކުޅުނު ބައެއް ކުޅުންތެރިންނެވެ. އޭގެ ތެރޭގައި އާދަމް އަބްދުއްލަތީފް (ލައްޗޭ)، ޝާހު އިސްމާއިލް (ސާޔާ)، މުހައްމަދު އިބްރާހިމް (ކައްޕި)، ތޮއްޑޫ މުހައްމަދު ނިޒާމް، އަލީ ޝިހާމް (ހުރާ އައްޔަ)، އަޝްރަފް ލުތުފީ (ސަމްޕަތު)، މައުސޫމް އަބްދުލްގަފޫރު (މާސޭ)، އަންވަރު އަލީ، އަހުމަދު ޝާހިދު (ސާބެ) ހިމެނެ އެވެ.

މީގެ އިތުރުން އިމްރާނާ އެކު އެކި ދުވަސްވަރު ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިންގެ ތެރެއިން އަސްލަމް އަބްދުއްރަހީމާއި އަބްދުﷲ އިބްރާހިމް (ހުރާ އަބުޅޯ) އާއި ބިންމާ އަބްދުﷲ ވަހީދު އަދި އަލީ ޝާހީން ވެސް އިމްރާން ވަނީ ފުރުސަތު ދީފަ އެވެ.

އިމްރާނުގެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ އޭނާ އަށް 2000 ވަނަ އަހަރު ގައުމީ ޓީމުން ފުރުސަތު ހޯދައިދިން އޭރުގެ ކޯޗު ބަލްގޭރިއާގެ ޔޮރްދާން ސްޓޮއިކޯފް އިވަނޯފެވެ. އެސިސްޓަންޓް ކޯޗުންނަކީ އެ މުބާރާތުން ފެށިގެން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމާ ހަމަޔަށް ގައުމީ ޓީމުގެ އެސިސްޓަންޓުންގެ ގޮތުގައި ތިބި މުހައްމަދު ޝިޔާޒް (މޯހަން) އާއި އިހުސާން އަބްދުލް ގަނީ (ސާންތީ) އެވެ. ގޯލްކީޕަރު ޓްރޭނަރަކަށް ހަމަޖައްސާފައިވަނީ ގައުމީ ޓީމުގައި ގިނަ ދުވަސްތަކެއް ވަންދެއް އިމްރާނަށް ތަމްރީންދިން މުހައްމަދު އިގްބާލެވެ. މެނޭޖަރަކީ އެފްއޭއެމްގެ ކުރީގެ އިންޓަރިމް ކޮމިޓީގެ ޗެއާމަން އަދި ގައުމީ ޓީމުގެ މެނޭޖަރުކަންކޮށްފައިވާ އަހުމަދު ޝާހިރެވެ.

މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް އާއި އެފްއޭއެމް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މި އަހަރުގެ ހަފުލާގެ ބަޔެއްގެ ގޮތުގައި ކުޅޭ މި މެޗު އޮންނާނީ މި މަހުގެ 29 ވަނަ ދުވަހުގެރޭ ގަލޮޅު ދަނޑުގަ އެވެ.

މި މެޗުގައި ވާދަކުރާ އެފްއޭއެމް ޓީމަށް ކުޅެން މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ގޯލްކީޕަރު ޑެންމާކުގެ ޕީޓާ ޝުމައިކަލް އަދި ރެއާލް މެޑްރިޑުގެ ކުރީގެ ޑިފެންޑަރު ސްޕެއިނުގެ މިޝޭލް ސަލްގާޑޯ ގެންނަ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ގައުމީ ޓީމަށް މިހާރު ކުޅޭ ބައެއް ކުޅުންތެރިންނާއި ކުރީގެ ބައެއް ކުޅުންތެރިންނަށް ވެސް އެފްއޭއެމް ޓީމުން ފުރުސަތު ދޭނެ ކަމަށް ބެލެވެ އެވެ.