20 ޑިސެމްބަރ 2018 - 11:07

އެމްޓީސީސީގެ ކޮންނަ ބޯޓު "މަހާޖައްރާފު" ގަންނަން ނެގި ލޯނަށް 22 މިލިއަން ރުފިޔާ މިހާތަނަށް ދައްކާފައިވާ ކަމަށް އެކުންފުނިން ބުނެފި އެވެ.
އެކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަ މުހައްމަދު ހިލްމީ ވިދާޅުވި ގޮތުގައި، ކޮންނަ ބޯޓު ގެނައީ 31.8 މިލިއަން ޑޮލަރު (490.3 ރުފިޔާ) އަށެވެ. އެފައިސާގެ ތެރެއިން 70 ޕަސެންޓަކީ ލޯނު ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ އެމްޓީސީސީން ކުރި މި އިންވެސްޓްމެންޓަށް ގާތްގަނޑަކަށް 340 މިލިއަން ރުފިޔާ ހޯދާފައިވަނީ ލޯނުގެ ގޮތުގަ އެވެ. މިއަހަރުގެ ޖެނުއަރީ މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް 22 މިލިއަން ރުފިޔާ ދައްކާފައިވާ އިރު ތިން ވަނަ ކުއާޓާގައި އެކަނި ވެސް ހަތް މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
ކޮންނަ ބޯޓު ގަންނަން ކުރި އިންވެސްޓްމެންޓުގެ ތެރެއިން ނަގާފައިވާ ލޯނު 10 އަހަރުގެ ތެރޭގައި ހަލާސްކުރަންޖެހެ އެވެ. ލޯނު ދައްކަން ފަށާފައިވަނީ މިއަހަރު އެވެ.
އެމްޓީސީސީން މިހާތަނަށް ކުރި އެންމެ ބޮޑު އެއް އިންވެސްޓްމެންޓްގެ ގޮތުގައި ފާހަގަކުރެވޭ، ކޮންނަ ބޯޓު ގެނައުމުގެ މަސައްކަތް ފެށީ 2014 ވަނަ އަހަރު އެވެ. އެބޯޓު ބަނުމަށް ފަހު ރާއްޖެއަށް ގެނައީ މިދިޔަ އަހަރު އެވެ.
މި ކޮންނަ ބޯޓަކީ 50 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ، 92 މީޓަރަށް ވުރެ ދިގު އަދި 16 މީޓަރު ފުޅާ ބޯޓެކެވެ. ކޮންނަ ބޯޓުން އެއްފަހަރާ 3،700 ކިއުބިކް މީޓަރުގެ ވެލި ބަރުކުރެވެ އެވެ.