މެތަމެޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ދަރިވަރުން އިންޑިއާ އަށް
މެތަމެޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ދަރިވަރުން އިންޑިއާ އަށް

އިންޑިއާގައި ބާއްވާ ބައިނަލްއަގުވާމީ މެންޓަލް މެތަމެޓިކްސް މުބާރާތެއްގައި ބައިވެރިވާ ރާއްޖޭގެ ދަރިވަރުން ފުރައިފިއެވެ.

މި މުބާރާތަކީ އިންޑިޔާގެ މެންޓަލް މެތަމެޓިކްސްގައި މަޝްހޫރު ކުންފުންޏެއް ކަމަށްވާ ސްމާޓް ކިޑް އެބަކަސް ލާނިން ސެންޓަރުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. ރާއްޖެ އިން 21 ކުއްޖަކު ބައިވެރިވާ އިންޓަނޭޝަނަލް އެބަކަސް މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އިންޑިއާގެ ޕޫނޭގައި މިއަދު އެވެ. މި މުބާރާތުގައި ދުނިޔޭގެ އެކި ގައުމުތަކުން 2000 އަށް ވުރެ ގިނަ ކުދިން ވާދަކުރަން ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތުގައި ބައިވެރިވާ ދިވެހި ކުދިންނަކީ މެންޓަލް މެތަމެޓިކްސް ކިޔަވައިދިނުމުގައި ރާއްޖޭގެ އެންމެ ގާބިލު އިންސްޓިޓިއުޓް ކަމުގައިވާ "ސްކިލް ހެޓްސް ޖީނިއަސް" ގެ ދަރިވަރުންނެވެ.

"މި މުބާރާތުގެ ސަބަބުން ދިވެހި ދަރިވަރުންގެ ކުޅަދާނަކަން ބައިނަލްއަގުވާމީ ޕްލެޓްފޯމެއްގައި ދައްކާލުމުގެ ފުރުސަތު ލިބޭނެ. އޭގެ ސަބަބުން އެ ކުދިންގެ ސެލްފް ކޮންފިޑެންސް އިތުރުވެ އެކި އެކި ފަންނުތަކުގައި ކުރިއަށް ދިއުމުގެ ރޫހު އާވާނެ. އަދި ޓީމެއްގެ ގޮތަށް އެކީގައި މަސައްކަތްކޮށްލުމަކީ ވަރަށް ރަނގަޅު ތަޖުރިބާއަކަށްވާނެ،" ސްކިލް ހެޓްސްގެ މާކެޓިން މެނޭޖަރު އަބުދުލް ޖަލީލު ވިދާޅުވިއެވެ.

ސްކިލް ހެޓްސް ޖީނިއަސް އަކީ ސްމާޓްކިޑް އެބަކަސްގެ މެންޓަލް މެތަމެޓިކްސް ޕްރޮގްރާމްތައް ރާއްޖޭގައި ހިންގާ އިންސްޓިޓިއުޓެވެ. އެ އިންސްޓިޓިއުޓުން ވަނީ އަންނަ އަހަރުގެ ކުލާސްތަކަށް ކުދިން ރެޖިސްޓަ ކުރުމަށް މިހާރު ހުޅުވާލައިފަ އެވެ.

މެންޓަލް މެތަމެޓިކްސްއަކީ ހިސާބު އިލްމަށް ކުއްޖާ މޮޅުކޮށްދީ ކުއްޖާގެ ވިސްނުމާ ހުނަރު ކުރިއަރުވައިދީ ހިތުން ހިސާބު ހެދުމަށް ކުއްޖާގެ ސިކުނޑި ފަރިތަކޮށްދޭ އިލްމެކެވެ. އަދި މި ޕްރޮގްރާމްގެ ސަބަބުން ކުއްޖާގެ ލިޔުމުގެ ސްޕީޑާއި، ކަންކަން އަވަހަށް ދެނެގަތުމުގެ ބާރު އިތުރުކޮށްދެ އެވެ.