އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން 280 މީހުން ފޯމު ހުށަހަޅައިފި
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން 280 މީހުން ފޯމު ހުށަހަޅައިފި

އެމްޑީޕީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެ ޕާޓީގެ ޕްރައިމަރީ އަށް 280 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ހަތް ވަނަ ދުވަހު ހުޅުވާލައި އިއްޔެއާ ހަމައަށް ވަނީ މުއްދަތު ދީފަ އެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފު ވިދާޅުވީ ފ. ނިލަންދޫ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް 259 ފިރިހެނުންނާއި 21 އަންހެނުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އެންމެ ގިނަ މީހުން ފޯމު ހުށަހަޅާފައިވަނީ ވިލިމާލެ ދާއިރާއަށެވެ. އެއީ ނުވަ މީހުންކަމަށް އަފްޝަން ވިދާޅުވި އެވެ.

އެމްޑީޕީން މިހާރު އަންނަނީ އެ ޕާޓީގެ މަަޖިލިސް ޕްރައިމަރީގެ އިންތިޚާބު އަންނަ މަހުގެ 18 ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ނުވަ ދާއިރާއަކަށް އެންމެ މީހަކު ކުރިމަތިލާފައިވާތީ އެ ދާއިރާތަކުގެ ޕްރައިމަރީއެއް ނޯންނާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ. އެ ދާއިރާތަކަކީ؛ ހޯރަފުށީ ދާއިރާ، ބާރަށު ދާއިރާ، ދިއްދޫ ދާއިރާ، މިލަންދޫ ދާއިރާ، އަލިފުށީ ދާއިރާ، މަހިބަދޫ ދާއިރާ، ފުވައްމުލަކު އުތުރު ދާއިރާ، ގަލޮޅު އުތުރު ދާއިރާ އަދި މާފަންނު އުތުރު ދާއިރާ އެވެ.

އަންނަ މަޖިލިސް އިންތިޚާބުގައި 87 ދާއިރާއަކަށް މެމްބަރުން އިންތިޚާބު ކުރާނެ އެވެ. އެއީ މިހާރު ހުރި ދާއިރާތަކުގެ އިތުރުން އަލަަށް އުފައްދާ މައްޗަންގޯޅި މެދު ދާއިރާ އަދި ހެންވޭރު ހުޅަނގު ދާއިރާ އެވެ. މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީގެ ލީޑަޝިޕުގައި ހިމެނޭ ގިނަ ބޭފުޅުން ވަނީ ކުރިމަތިލައްވައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެމްޑީޕީގެ މެމްބަރަކަށް ވުމަށްޓަކައި މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި 33،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައި ވެ އެވެ. އެއީ މަޖިލިސް ޕްރައިމަރީގައި ވޯޓުލެވޭނީ، މި މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ޕާޓީގެ މެމްބަރަކަށް ވެފައިވާނަމަ އެވެ.