22 ޑިސެމްބަރ 2018 - 19:15

މިދިޔަ އޮގަސްޓް މަހު ނެޓްފްލިކްސް އިން ސްޓްރީމްކުރި ރޮމޭންޓިކް ކޮމެޑީ "ޓު އޯލް ދަ ބޯއިސް އައި ހޭވް ލަވްޑް ބިފޯ" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.
އެކަން ފޭނުންނާ ހިއްސާ ކުރަމުން ނެޓްފްލިކްސް އިން ކުރި ޓްވީޓެއްގައި ބުނީ ހައި ސްކޫލްގައި ކިޔަވާ ޓީނޭޖް ދަރިވަރުންތަކެއްގެ ވާހަކަ ކިޔައިދޭ ފިލްމުގެ ކާސްޓުން ފުރަތަމަ ބައިން ފެނިގެން ދިޔަ މައިގަނޑު ކާސްޓް ފެންނާނެ ކަމަށެވެ.
"ޓު އޯލް ދަ ބޯއިސް އައި ހޭވް ލަވްޑް ބިފޯ" އަކީ ހަމަ އެ ނަމުގައި ޖެނީ ހަން ލިޔެފައިވާ ވާހަކަ ޓްރިލޮޖީ އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ ދެވަނަ ބައިގެ ސްކްރީންޕްލޭ ލިޔަން ފުރަތަމަ ބައި ވެސް ލިޔުނު ސޯފިއާ އަލްވަރޭޒްއާ ހަވާލުކޮށްފައިވީ ނަމަވެސް، ފިލްމު ޑައިރެކްޓް ކުރާނެ މީހަކު އަދި ނުނިންމަ އެވެ.
ފުރަތަމަ ބައި ޑައިރެކްޓް ކުރީ ސޫޒަން ޖޯންސަން އެވެ. "ޓު އޯލް ދަ ބޯއިސް އައި ހޭވް ލަވްޑް ބިފޯ" ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ ލާނާ ކޮންޑޯ އާއި ނޯއާ ސެންޓީނިއޯ އެވެ.
ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ޖެނެލް ޕެރިޝް، އަނާ ކެތުކާޓް، އެންޑްރޫ ބެޗްލާ އަދި ޖޯން ކޯބެޓް ފަދަ ތަރިން ހިމެނެ އެވެ.