20 ޑިސެމްބަރ 2018 - 10:03

ކުރިން ނަމަ ހުޅުމާލޭ ބީޗުގައި، އެހެން ބައެއްގެ "އުނދަގުލެއް" ނެތި، ހިނގާލައި، ރާޅުފަށުގައި މަޑުކޮށްލައި، އިށީދެލައިގެން އިނދެ ވަގުތުތައް ހޭދަކޮށްލަން އެކަކު ވެސް ޖެހިލުމެއް ނުވެ އެވެ. އެކަމަކު ސިނަމާލެ ބްރިޖާ އެކު ހުޅުމާލެއަށް ކުރިމަތިވި ތޮއްޖެހުންތަކުން ކޮފީ މޭޒުތަކަށް ބާރު ބޮޑުވެ، މިހާރު އެ ބޮޑު ބީޗުގެ ކޮންމެ ހިސާބަކުން ވެސް ފެންނަނީ ގޮނޑިތައް ޖަހާލައިފައިވާ ތަނެވެ.

ރެސްޓޯރެންޓް/ކެފޭގެ ވިޔަފާރިއަށް އައި މި ބޮޑު ބަދަލާ އެކު ހުޅުމާލޭ ބީޗުގެ މިނިވަންކަން އެތައް ބަޔަކަށް މިހާރު ވަނީ ގެއްލިފަ އެވެ. އަދި އާންމުންގެ ޝަކުވާތައް ސޯޝަލް މީޑިއާގައި އަންނަނީ ހިއްސާކުރަމުންނެވެ.
އެއް ބަޔަކު ބުނާ ގޮތުގައި ހުޅުމާލޭ ބީޗަކީ ތޮއްޖެހިފައިވާ މާލޭ ރައްޔިތުންނާއި ހުޅުމާލޭ ރައްޔިތުންގެ އިތުރުން ޓޫރިސްޓުންނަށް ވެސް އެއްވެސް އުނދަގުލެއް ނެތި ބޭނުންކުރެވެން އޮތް ހިތްގައިމު ސަރަހައްދެކެވެ. އެކަމަކު ބީޗަށް ވާ ގޮތަށް އަތުރަމުން ދާ ކޮފީ މޭޒުތަކުގެ ސަބަބުން އެތައް ބަޔަކަށް އުނދަގޫތައް ފޯރަމުން ދާ ކަމަށް އެ މީހުން ބުނެ އެވެ.
ސޯޝަލް މީޑިއާގައި ހިޔާލުފާޅު ކުރި މީހަކު ސުވާލު އުފެއްދީ ހުޅުމާލެ ގެސްޓްހައުސްތަކަށް ބީޗު ސަރަހައްދުން ހިލޭ އާމްދަނީ ހޯދޭނެ ގޮތް ހަދާފައިވަނީ ކީއްވެގެންތޯ އެވެ. އެހެން މީހަކު ބުނި ގޮތުގައި ހުޅުމާލެ ބީޗް ސަރަހައްދު މިހާރު ވަނީ ކެފޭތަކާއި ރެސްޓޯރެންޓްތަކުން ހިސޯރުކޮށްފަ އެވެ. އެކަމަކު އެއީ އެންމެންނަށް، އެއް ހަމައެއްގައި ބޭނުންކުރެވޭ ތަނަކަށް ވާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
އަނެއް ބައެއްގެ ކަންބޮޑުވުމަކީ ބީޗު ސަރަހައްދަށް ވާ ގޮތަށް ހުރި ގަސްތައް އުފުރައި އެތަން ސާފުކޮށްގެން ވިޔަފާރީގެ ބޭނުމަށް ނެގުމެވެ. ސޯޝަލް މީޑިއާގައި އެކަމާ ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ ސުވާލަކީ އެގޮތަށް އެތަން ބޭނުންކުރުމުގެ ގާނޫނީ ހައިސިއްތަކަކީ ކޮބައިތޯ އެވެ.
ތަންކޮޅެއް ހޫނުކޮށް މި މައްސަލަ ނަގާ މީހުން ވެސް އުޅެ އެވެ. އެ މީހުންގެ ނަޒަރުގައި ވިޔަފާރިއެއްގެ ގޮތުގައި މިހާރު ހުޅުމާލޭގެ ބީޗް ސަރަހައްދު ބޭނުންކުރުމަކީ ފާޑެއްގެ ވައްކަމެކެވެ. އެއީ ކޮންމެ މީހަކަށް ވެސް، އެހެން ބައެއްގެ އުނދަގުލެއް ނެތި، ހަމަޖެހިލައިގެން ހިތްއުފާކޮށްލެވޭ ތަނަކަށް ވާން ޖެހޭނެ އެވެ.
މިއީ ހަގީގަތުގައި ވެސް އާންމުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. ހުޅުމާލޭ ބީޗު ސަރަހައްދަކީ ބީޗަށް ވާ ގޮތަށް ހުންނަ ގެސްޓް ހައުސްތަކުގެ ނުވަތަ އެހެން އިމާރާތްތަކުގެ ވެރިންގެ މިލްކެއް ނޫނެވެ. އެއީ އެޗުޑީސީން ކުއްޔަށް ދީފައިވާ ސަރަހައްދެއް ވެސް ނޫނެވެ. އެކަމަކު މިހާރު މި ފެންނަނީ ބީޗު ފްރޮންޓަށް ވާ ގޮތަށް ހިންގާ ގެސްޓް ހައުސްތަކާއި ބިންތަކުގެ ވެރިން ބޭނުން ގޮތަކަށް ބޭނުންކުރެވޭ ބަޔަކަށެވެ.
އާންމުން ފާޅުކޮށްފައިވާ ހިޔާލަށް ބަލާއިރު މައްސަލައަކީ ބީޗު ސަރަހައްދުގައި ކެފޭ/ރެސްޓޯރެންޓްގެ މޭޒުތައް އެތުރުމެއް ނޫނެވެ. އެ ބޮޑު ބީޗު މިހާރު އެއްކޮށް އެކަމަށް ގޮސް ހުސްވަމުން ދިއުމެވެ. އޭގެ ސަބަބުން ބީޗުގައި ވަގުތު ހޭދަކޮށްލަން ބޭނުންވާ މީހުންނާއި މޫދަށް އެރިއުޅޭ އެކި އުމުރުގެ ކުދިންނާއި މީހުންނަށް ވެސް އުނދަގޫތައް ކުރިމަތިވެ އެވެ.
އާންމުންގެ މީހަކު ބުނީ ކެފޭތަކުން "މިހާރު ގޮނޑި ޖަހަމުން ގޮސް ދެން ގޮނޑި ޖަހާނީ މޫދުގައި" ކަމަށެވެ.
އެ ސިފަކުރުން ގޯހެއް ނޫނެވެ. އެހާ ވެސް ބޮޑަށް ބީޗު ސަރަހައްދު އެ ދަނީ ވިޔަފާރިތަކަށް ނަގަމުންނެވެ.
އާންމުންގެ ގިނަ ޝަކުވާތަކެއް އޮއްސަމުން ދާއިރު މިހާތަނަށް އެޗްޑީސީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެންމެ ލޯ ލާރިއެއް ވެސް ނުލިބޭ ގޮތަށް މުޅި ބީޗް ބޭނުންކޮށްގެން އާމްދަނީ ހޯދަމުން އެ ދަނީ އެޗުޑީސީ ހިމޭނުން އޮއްވަ އެވެ.
ވިޔަފާރި ދާއިރާގެ ބައެއް މީހުން ބުނާ ގޮތުގައި ޕްލޭނަކާ އެކު ތަރައްގީކުރާ ތަނެއްގައި ހަމައެއް ލަމައެއް ނެތް ގޮތަށް ވިޔަފާރިއަށް ފުރުސަތު ދީގެން ނުވާނެ އެވެ. އެހެންކަމުން ވިޔަފާރީގެ ބޭނުމަށް ބީޗް ސަރަހައްދު ބޭނުންކުރެވޭނެ ގޮތާއި ބޭނުންކުރެވޭނެ ވަކި ހިސާބުތަކެއް ކަނޑައަޅައި، އެކަމަށް އުސޫލެއް އެކުލަވާލަން ޖެހޭނެ ކަމަށް އެ މީހުން ބުނެ އެވެ. އަދި އާންމުންނަށް މިނިވަންކަމާ އެކު އުޅެވޭނެ ސަރަހައްދާއި ކޮމާޝަލް ކަންކަމުގައި ބޭނުން ކުރެވޭނެ ސަރަހައްދު ވަކިކުރަން ޖެހޭނެ ކަމަށް ވެސް އެ މީހުން ދެކެ އެވެ.
އެކަމަކު ސިނަމާލެ ބްރިޖާ އެކު ހުޅުމާލޭގެ ހިތްގައިމުކަމުގައި ވަގުތު ހޭދަކުރަން ޒިޔާރަތްކުރާ މީހުން އެތައް ތަނެއް ގިނަވެ، ބީޗު ސަރަހައްދަށް ބާރު ބޮޑުވި އިރު ވެސް އެޗުޑީސީގެ ހިލަމެއް ނެތެވެ. އާންމުންގެ ޝަކުވާ އޮތީ އިންތިހާގަ އެވެ. ބީޗުގެ ހިތްގައިމުކަން، ވިޔަފާރިއަށް ގުރުބާންވަމުން ދާ މަންޒަރު ވަރަށް ސާފެވެ.